މެންބަރުން
ކޮމިޝަނަރ އޮފް އިލެކްޝަންސް އިބްރާހީމް ރަޝާދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނަށާއި ދިވެހި ދައުލަތަށް ގިނަދުވަހު ނުހަނު ތެދުވެރި އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާ، ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ ކުރީގެ ކޮމިޝަނަރ އޮފް އިލެކްޝަންސް އޮނަރަބްލް އިބްރާހީމް ރަޝާދު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރު މިކޮމިޝަނުން އެހީ ނުހަނު ފުން ހިތާމައާއި ހިތްދަތިކަމާއެކުއެވެ.
1961 ޖޫން 26 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުން ފެށިގެން އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމު، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައި ވެއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަދި 2008 ސެޕްޓެންބަރު 4 ގައި އަލްމަރްޙޫމް އިބްރާހީމް ރަޝާދު ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.
ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމަށް އަލްމަރްޙޫމް އިބްރާހީމް ރަޝާދު އައްޔަނުކޮށްފައިވަނީ 1997 އެޕްރީލް 6 ގައެވެ. އަދި މި މަޤާމުގައި އިޙްލާސްތެރިކަމާ ނަޒާހަތްތެރިކަމާއެކު 2005 ޖުލައި 21 ގެ ނިޔަލަށް ވަނީ މަސައްކަތްކުރައްވާފައެވެ. ކަށަވެތިކަމާއި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއް ދިވެހިރާއްޖެއަށް ގެންނަވައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ނަމޫނާ ކޮމިޝަނަކަށް މިއަދު މި ކޮމިޝަންވުމުގެ އެންމެ ބޮޑު އެއް ބިންގަލަކީ، ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމުގައި މަސައްކަތްކުރެއްވިއިރު އެ މަނިކުފާނު ގެންގުޅުއްވި ސިޔާސަތުތަކެވެ. ތެދުވެރިކަމާއިއެކު މި މަޤާމު އަދާކުރެއްވުމަށް ރޭވުންތެރިކަމާ ޙިކްމަތްތެރިކަމާއެކު ދެއްކެވި ނަމޫނާތަކެވެ. އަދި އެމަނިކުފާނު ވަނީ އިންތިޚާބީ ނިޒާމުތަކަށް އިތުބާރާއި ޔަގީންކަން ހޯދަދެއްވާ، ކާމިޔާބުކަމާއެކު ނަތީޖާ ނެރެދެވޭފަދަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާފައެވެ.
އެގޮތުން ވޯޓުލާ މަރުކަޒުތައް މޮނިޓަރކުރުމަށާއި އޮބްޒަރވްކުރުމަށް ފުރުސަތުދިނުމާއި، އިންތިޚާބީ ނިޒާމަށް އޮފިޝަލުންގެ ގޮތުގައި މީހުން ބިނާކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަގުނަ އިޚްލާސްތެރި މަސައްކަތްތަކެއް ވަނީ ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމުގައި ކުރައްވާފައެވެ. އަލްމަރުހޫމް އިބްރާހީމް ރަޝާދު ދިވެހި ދައުލަތަށް، ދިވެހިތާރީޚަށް ދިވެހިވެށްޓަށް، އިންތިޚާބީ ނިޒާމަށް، ދިވެހީންނަށް ކޮށްދެއްވި ޚިދުމަތްތަކަކީ، އެޚިދުމަތްތަކުން އެމަނިކުފާނުގެ ނަން މަތިވެރިވާ ފަދަ އަގުހުރި ގިނަ ޚިދުމަތްތަކެކެވެ.
މައްޗަންގޮޅީ އަލިތަރި، އޮނަރަބަލް އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، 2026 ޖޫން 6 ވީ ހޮނިހިރު ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ. އަދި އަވަހާރަވިއިރު، އަނބިކަނބަލަކާއި، ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
މާތްﷲ، މަރްޙޫމް އިބްރާހީމް ރަޝާދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، މަތިވެރިވެގެންވާ ސަވާބާއި ހެޔޮ ދަރުމަ ދެއްވާށިއެވެ. މަރްޙޫމް ރަޝާދުގެ ޢާއިލާގެ އެންމެ ބޭފުޅުންނަށާއި ހެޔޮއެދިވަޑައިގަންނަވާ އެންމެ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.