ޚަބަރު
އިންޑިއާގައި ބޭއްވުނު "ވޯކްޝޮޕް އޮން ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއެންސް" ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
އިންތިޚާބީ ނިޒާމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް މެނޭޖްކުރުމަށާއި، އިންތިޚާބީ މަސްއްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ ފަސް ދުވަހުގެ ބައިނަލްއަޤްވާމީ ވޯކްޝޮޕެއްގައި މި ކޮމިޝަނުގެ ކޮމިޝަނުގެ ފަރާތުން 2 މުވައްޒަފަކު ބައިވެރިވެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ވޯކްޝޮޕްގައި ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަން ހިންގުމާ ޙަވާލުވެހުރި، ޓްރެއިނަރ، ފާޠިމަތު ޒުހުދާ އަދި ފައިނޭންސް ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނާހިލް ބައިވެރިވެފައިވެއެވެ. "ވޯކްޝޮޕް އޮން ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއެންސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ބޭއްވުނީ 2026 މެއި 25 އިން 29 އަށް، ނިއުދިއްލީގެ ދްވާރަކާގައި ހުންނަ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) ގެ ކެމްޕަސްގައި އެވެ. މި ވޯކްޝޮޕަކީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަން، އަދި މި ކޮމިޝަންގެ ދަށުން، އިންތިޚާބުތައް މެނޭޖްކުރުމުގެ ކެޕޭސިޓީ ބިލްޑިންގް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާ އިންތިޒާމުކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާ ކަމުގައިވާ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް އާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަކީ އިންޓަރނޭޝަނަލް އައިޑިއާގެ 2026 ވަނަ އަހަރުގެ ރިޔާސަތު ބަލަހައްޓާ ޖަމްޢިއްޔާއަށްވެސް ވުމުން، މި ވޯކްޝޮޕްގައި އިންޓަރނޭޝިނަލް އައިޑިއާގެ ބައިވެރިވުންވެސް ފާހަގަކުރެވެއެވެ.
އިންތިޚާބީ ދާއިރާގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ މި ހަރަކާތަކީ، ބައިނަލްއަޤްވާމީ އިންތިޚާބީ އިދާރާތަކަށް އަމާޒުކޮއްގެން، އިންތިޚާބީ ނިޒާމަކަށް ޖެހިދާނެ ގޮންޖެހުންތައް ފާހަގަކޮށް، ހުއްޓުވާ، ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކަންކަން ވިލަރެސްކުރުމާ ގުޅޭ ވޯކްޝޮޕެކެވެ. މިގޮތުން، އިންތިޚާބީ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ހާލަތްތަކުގައިވެސް އެ ޤައުމެއްގެ ރައްޔިތުންނާއި، މުއައްސަސާތަކަށް އޮންނަ އިތުބާރު ދެމެހެއްޓުން ފާހަގަކުރެވެއެވެ.
މި ވޯކްޝޮޕްގެ ތެރޭގައި، އިންތިޚާބީ މަރުހަލާގެ އެކި މަރުހަލާތަކުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަތުމާއި، އެކަންކަން ވަޒަންކޮށް ދިރާސާކުރުމުގެ އިތުރުން، އެފަދަ ކަންކަމުގައި މުޢާމަލާތްކޮށް ހައްލު ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ފަންނީ ގިނަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އިންތިޚާބީ ކަންކަމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްޞަކޮށްފައިވާ "އިލެކްޓޯރަލް ރިސްކް މެނޭޖްމަންޓް" (އީ.އާރު.އެމް) ޓޫލާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ އަމަލީ ތަމްރީނުތަކެއްވެސް ދީފައެވެ. މިއީ އިންތިޚާބީ އިދާރާތަކުން ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް، އިންތިޚާބީ ގޮންޖެހުންތައް ނިޒާމީ ގޮތެއްގައި ދެނެގަނެ، އެކަންކަމަށް ފާރަވެރިވުމަށް އެހީތެރިވެދޭ ޚާއްޞަ ސޮފްޓްވެއަރއެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން، ނިއު-ދިއްލީގެ ބޭރުގައިވާ އެހެން ޕްރޮވިންސްތަކުގެ އިންތިޚާބީ ކަންކަން އިދާރީގޮތުން ހިނގާގޮތް ބައިވެރިން ވަނީ އަމަލީގޮތުން ބަލާލާފައެވެ. މި ދަތުރުގައި، އިންޑިއާގެ އެކި ސަރަޙައްދުތަކުގެ އިދާރީ ހިންގުމާ ހަވާލުވެފައިވާ ވެރިންނާ ބައްދަކުރެވި، ޑިސްޓްރިކްޓް ފެންވަރުގައި އިންތިޚާބީ ކަންކަން ރޭވުމާއި، ނުރައްކާތަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތްތަކާއި، ވޯޓުލާ ދުވަހު އެކި އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ޒިޔާރަތުގެ ތެރެއިން ފުޅާދާއިރާއެއްގައި މަޢުލޫމާތުބަދަލުކޮށްފައެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ދަޢުވަތަކަށް، މި ކޮމިޝަނުގެ މުވައްޒަފުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމީ، ދެ ޤައުމުގެ އިންތިޚާބީ އިދާރާތަކުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި މަސައްކަތުގެ ދާއިރާގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. މި ވޯކްޝޮޕްގެ ތެރެއިން ހާސިލުކުރެވުނު ޢިލްމާއި، ފަންނީ ތަޖުރިބާތަކާއި، ގޮންޖެހުންތައް ވިލަރެސްކުރުމާގުޅޭ ސްޓްރެޓީޖިކް އުސޫލުތަކުގެ އެހީގައި، މި ކޮމިޝަނުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާގެންދާނެއެވެ.