ޚަބަރު

ރަޝިއާގައި ބޭއްވުނު 'ޔޫތް އެންޑް އިލެކްޝަންސް' ތަމްރީން ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފަކު ރަޝިއާގެ މޮސްކޯގައި، 2026 މޭ 18-23 އަށް ކުރިއަށްގެންދެވުނު 'ޔޫތް އެންޑް އިލެކްޝަންސް' ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ "އިންޓަރނޭޝަނަލް އިންޖިނިއަރިންގ ޗެމްޕިއަންޝިޕް CASE-IN" ގެ އޮނިގަނޑުގެ ތެރެއިން، "ލީގު އޮފް ޔަންގް ސްޕެޝަލިސްޓްސް  CIS/BRICS" ދަށުން "ސިނާޖީ އޮފް ޔޫތު" މި ދާއިރާއަށް ޚާއްޞަކޮށްގެން ހިންގިފައިވާ ޕްރޮގްރާމެކެވެ.

 

މި ތަމްރީނު ޕްރޮގްރާމުގައި މި ކޮމިޝަނުގެ ފަރާތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ އަދި ކޮމިޝަނަރުގެ ބިއުރޯ ހިންގުމާ ޙަވާލުވެ ހުރި އެސިސްޓެންޓް ޑިރެކްޓަރު ފާޠިމަތު ޝަބާ ބާޤިރު ބައިވެފައިވާއިރު، މިއީ، ރަޝިޔާގެ "ނިއު ޖެނެރޭޝަން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތެކެވެ. އަދި މިތަމްރީނު ޕްރޮގްރާމަކީ ރަޝިޔާގެ "ރޮސޮޓްރޫޑްނިޗެސްޓްވޯ" އިސްވެ ބަލަހައްޓާ ޕްރޮގްރާމެކެވެ.

 

ރަޝިޔާ އާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު އޮންނަ އިޖުތިމާޢީ، ވިޔަފާރި އަދި ސައިންޓިފިކް ގުޅުންތައް ބަދަހިކުރުމަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި، 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް 154 ޤައުމަކުން 11،000 އަށްވުރެ ގިނަ ޒުވާން ފަންނީ މަސައްކަތްތެރިންނާއި، މާހިރުން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

 

އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، އިންތިޚާބުތަކާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމާއި، ވޯޓުލާ މީހުން ރަޖިސްޓްރީކުރާ ނިޒާމުތަކާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމާއި، ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، އިންތިޚާބީ ކެމްޕޭންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރުން ފަދަ މިޒަމާނުގައި އުފެދެމުން އަންނަ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މި ތަމްރީނު ޕްރޮގްރާމްގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ރަޝިޔާގެ އިންތިޚާބީ އިދާރާގެ އޮފިޝަލުން ވަނީ އެ ޤައުމުގެ އިންތިޚާބީ ނިޒާމު ތަރުތީބުވެފައިވާ ގޮތާއި އޭގެ މަސައްކަތްތައް ހިނގާގޮތުގެ ޚުލާޞާއެއް ބައިވެރިންނަށް ހުށަހަޅައިދީފައެވެ.

 

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒަކީ އިންތިޚާބީ ދާއިރާގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ. އެގޮތުން، އިލެކްޓްރޯނިކް ވޯޓިންގ ނިޒާމުތަކާއި، ވީޑިއޯ މޮނިޓަރިންގ މެކޭނިޒަމްތަކާއި، އަމިއްލައަށް ވޯޓު ކަރުދާސް ގުނާ މެޝިންތަކުގެ އިތުރުން، ކިއު.އާރު ކޯޑު ބޭނުންކޮށްގެން ނަތީޖާ ބަލަހައްޓާ ގޮތްތައް ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ވަނީ ޢަމަލީގޮތުން ބަލައި ތަޖުރިބާކޮށްފައެވެ. މީގެ އިތުރުން، "GAS Vybory" ޕްލެޓްފޯމާއި، ރިމޯޓްކޮށް ވޯޓުލާ އިލެކްޓްރޯނިކް ނިޒާމުތަކުގެ ޑިޖިޓަލް އޮނިގަނޑާ ބެހޭ މަޢުލޫމާތުވެސް ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައިވާއިރު، މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ އިންތިޚާބީ އެކި މަރުޙަލާތައް ހިނގާގޮތް ދައްކުވައިދޭ ޚާއްޞަ ޢަމަލީ ތަމްރީނެއްގައި ބައިވެރިވެ، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެކަންކަން ބަލަހައްޓާނެ ގޮތް ތަޖުރިބާކޮށްފައެވެ.

 

ޓެކްނިކަލް ސެޝަންތަކުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ވަނީ ތަފާތު ސަގާފީ ހަރަކާތްތަކެއްގައިވެސް ބައިވެރިވެފައެވެ. މީގެ ތެރޭގައި މޮސްކޯގެ ތާރީޚީ މުޙިއްމު ބިނާތަކަށާއި "މިއުޒިއަމް އޮފް ވިކްޓްރީ" އަށް ކުރި ޒިޔާރަތްތައް ހިމެނެއެވެ. ޕްރޮގްރާމް ނިމުނީ ބައިވެރިންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައެވެ.

 

މި ޕްރޮގްރާމުގެ ޒަރީއާއިން ލިބިގެންދިޔަ އިލްމާއި ތަޖުރިބާގެ ސަބަބުން، އިންތިޚާބީ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، މި ކޮމިޝަނުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ކަށަވެރެވެ. އަދި މި ތަޖުރިބާތަކަކީ އިންތިޚާބުތައް ވިލަރެސްކުރުމުގައި ގެންގުޅޭ އައު އުޞޫލުތަކާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކުގެ އިތުރުން، އިންތިޚާބީ ދާއިރާގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަކީ، ރާއްޖޭގައި ދެފުށް ފެންނަ، ހަލުވި އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އިންތިޚާބީ ނިޒާމެއް ކުރިއެރުވުމަށް ކޮމިޝަނުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ބާރެކެވެ.