މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މި ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު ނަންބަރު ރސ 13449، މުޙައްމަދު ޝަކީލު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، މުޙައްމަދު ޝަކީލު، ވަނީ ކުރައްވާފައެވެ.
މި މަޤާމަށް އައްޔަނު ކުރެއްވުމުގެ ކުރިން، މުޙައްމަދު ޝަކީލު ވަނީ 2013 ސެޕްޓެންބަރ 01 އިން 2014 ޑިސެންބަރ 03 އާ ހަމައަށް މިކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އަދި 2014 ޑިސެންބަރ 03 އިން 2018 މޭ 9 އާ ހަމައަށް ވަނީ މިކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.