ބައި-އިލެކްޝަންސް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 – ކެންޑިޑޭޓުންގެ މާލީ ބަޔާން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން، މެންބަރަކު އިންތިޚާބުކުރުމަށް 2026 ޖޫން 06 ވީ ހޮނިހިރު ދުވަހު ވަނީ ބައި-އިލެކްޝަންއެއް ބާއްވާފައެވެ.މިބައި-އިލެކްޝަނުގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން އަޙްމަދު ސަޢީދު، ބަލީލް / ސ.ހިތަދޫ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޢަބްދުﷲ ޞާދިޤު، ކައުސަރު / ސ.ހިތަދޫއެވެ.
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 73 ވަނަ މާއްދާގައި ގޮތުގެ މަތީން، ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބުތަކާގުޅޭ މާލީ ކަންކަމާބެހޭ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އެގޮތުން މި އިންތިޚާބުގައިވެސް ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް މިކޮމިޝަނުން ދީފައިވާ މުއްދަތު 2026 ޖުލައި 6 ވަނަ ދުވަހަށް ހަމަވިއިރު، މާލީ ބަޔާން މި ކޮމިޝަނަށް ހުށަހަޅާފައިވަނީ ހަމައެކަނި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރެއްވި އަޙްމަދު ސަޢީދު، ބަލީލް / ސ.ހިތަދޫ އެވެ.
މި ބައި-އިލެކްޝަނަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ، ކުރިއަށްގެންދިޔަ ބައި-އިލެކްޝަންއެކެވެ.