ޚަބަރު

ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވުނު "ރީޖަނަލް ކޮންފަރެންސް އޮން އޯވަސީސް 2026" ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ.

Photo - ECMU


ސްރީލަންކާގެ ކޮލަމްބޯގައި 2026 ސެޕްޓެންބަރު 1 އިން 2 އަށް ކުރިއަށްދިޔަ "ރީޖަނަލް ކޮންފަރެންސް އޮން އޯވަސީސް ވޯޓިންގ 2026" ގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ފޯރަމްގައި މި ކޮމިޝަން ތަމްސީލު ކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސްއެވެ
.


އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައި.އީ.އެފް.އެސް) އާއި ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މި ފޯރަމަކީ، ޤައުމުން ބޭރުގައި ދިރިއުޅޭ އެ ޤައުމެއްގެ ރައްޔިތުން ވޯޓުލުމާ ގުޅޭގޮތުން ހުރި އުޞޫލުތަކާއި ދިމާވާ ގޮންޖެހުންތަކާއި ތަޖުރިބާތައް ޙިއްޞާކުރުމަށްޓަކައި، އިންތިޚާބީ އިދާރާތަކުގެ އިސް ވެރިންނާއި ކަމާގުޅުންހުރި މާހިރުން އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ބައްދަލު ކުރުމުގެ މަޤްޞަދުގައި އިންތިޒާމު ކޮށްފައިވާ ފޯރަމެކެވެ.


މި ފޯރަމްގައި، ޤައުމުން ބޭރުގައި ވޯޓުލުމުގެ އިންތިޒާމުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާއި، މުއައްސަސާތަކުގެ އިދާރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން، އެކި ޤައުމުތަކުން މިކަމުގައި ގެންގުޅޭ އެންމެ ރަނގަޅު އުޞޫލުތަކާއި (ބެސްޓް ޕްރެކްޓިސަސް)، ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، ތަފާތު އިންތިޚާބީ މާޙައުލުތަކަށް އެކަށޭނަގޮތަށް މި ނިޒާމު ބައްޓަން ކުރެވިދާނޭ ގޮތްތަކާ ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރެވުނެވެ
.


މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ "ރީޖަނަލް ރިފްލެކްޝަންސް: ލެސަންސް، އިންސައިޓްސް އެންޑް ޝެއަރޑް ކުއެސްޝަންސް ފްރޮމް އީ.އެމް.ބީސް" ޕެނަލް ޑިސްކަޝަންގައި، ޕެނަލިސްޓެއްގެ ގޮތުގައި މި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްﷲ އުނައިސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސެޝަނަކީ ޤައުމުން ބޭރުގައި ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެކި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މި ގޮންޖެހުންތައް ފާހަގަކުރަން ބޭނުންކުރެވިދާނެ އެންމެ އެކަށޭނަ އުޞޫލުތަކާ ގުޅޭގޮތުން އިންތިޚާބީ އިދާރާތަކުގެ މެދުގައި އަގުހުރި ތަޖުރިބާތަކެއް ޙިއްޞާ ކުރެވިގެންދިޔަ ސެޝަނެކެވެ. މީގެއިތުރުން، މި މަޝްވަރާތަކުގެ ސަބަބުން މި ނިޒާމު ހަރުދަނާކަމާއެކު ހިންގުމުގައި ދިމާވާ ޢާންމު މައްސަލަތަކާއި އެކަންކަމަށް ގެނެވިދާނެ އީޖާދީ ޙައްލުތަކާމެދު ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވިސްނުން ބަދަލުކުރެވުނެވެ
.


ޕެނަލް ޑިސްކަޝަންސްތަކުގެ އިތުރުން، މި ފޯރަމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައްޔާއި، ކަމާގުޅޭ އެކި މުއައްސަސާތަކާއެކު ވަކިވަކިން ބޭއްވުނު މުހިއްމު ބައްދަލުވުންތަކުގައިވެސް ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ސަރަޙައްދީ އިންތިޚާބީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމުގެ އިތުރުން، ޤައުމުން ބޭރުގައި ވޯޓުލުމުގެ ނިޒާމު އިތުރަށް ތަރައްޤީކޮށް ތަންފީޒުކުރުމަށް ބޭނުންވާ ޢަމަލީ އަދި އިދާރީ މުހިއްމު މަޢުލޫމާތާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ
.


މި ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވުމުގެ ސަބަބުން، ޤައުމުން ބޭރުގައި ވޯޓުލުމުގެ ކަންކަން އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ގޮތްތައް އަޅާކިޔައި، އެފަދަ ނިޒާމުތައް ތަންފީޒު ކުރުމުގައި ބަލަންޖެހޭ މުއައްސަސާއީ، އިދާރީ އަދި ހިންގުމުގެ މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ. މީގެއިތުރުން، ސަރަޙައްދީ އިންތިޚާބީ އިދާރާތަކާއި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ފަންނީ ގުޅުން ބަދަހިވެ، މަޢުލޫމާތާއި، ތަޖުރިބާއާއި، އެންމެ ރަނގަޅު އުޞޫލުތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާ ކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެން ދިޔައެވެ
.


ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މިފަދަ އިންތިޚާބީ ފޯރަމްތަކުގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ. މިފަދަ ޙަރަކާތްތަކަކީ ކޮމިޝަނުގެ މުއައްސަސާއީ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިންތިޚާބީ އެންމެހައި މަރުޙަލާތައް ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ބާރެކެވެ
.