މެންބަރުން
މޮންގޯލިއާގައި ބޭއްވި ބައިނަލްއަޤްވާމީ މުހިއްމު ދެ ބައްދަލުވުމެއްގައި މި ކޮމިޝަނުން ބައިވެރިވެއްޖެ

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
މޮންގޯލިއާގެ ވެރިރަށް އުލާންބާތޯރުގައި ބޭއްވި ބައިނަލްއަޤްވާމީ ފެންވަރުގެ މުހިއްމު ދެ ބައްދަލުވުމެއްގައި މި ކޮމިޝަނުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުންތަކުގައި މިކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.
ސެޕްޓެންބަރު 22 އިން 24 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޙަރަކާތްތަކަކީ، އދ ގެ ކޮރަޕްޝަނާ ދެކޮޅު މުޢާހަދާ (ޔޫ.އެން.ސީ.އޭ.ސީ) އަށް ތާއީދުކުރުމުގެ މަޤްޞަދުގައި މޮންގޯލިއާގެ ޖެނެރަލް އިލެކްޝަން ކޮމިޝަނުން އިސްނަގައިގެން އިންތިޒާމުކުރި ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ)، އިންޓަރނޭޝަނަލް އައިޑިއާ، އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިފެސް)، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް، އޯޕަން ސޮސައިޓީ ފޯރަމް އަދި އޯޕަން ގަވަރމެންޓް ޕާޓްނަރޝިޕްއާ ގުޅިގެންނެވެ.
މި ބައްދަލުވުންތައް ފެށިގެންދިޔައީ ސެޕްޓެންބަރު 22 ވަނަ ދުވަހު އުލާންބާތޯރުގެ އޯޕަން ސޮސައިޓީ ފޯރަމްގައި ބޭއްވުނު 'ޑެލިބެރޭޝަންސް އޮން ސްޓްރެންތެނިންގ މޮންގޯލިއާސް ރެސްޕޮންސް އެގެއިންސްޓް ޑިސްއިންފޮމޭޝަން އެންޑް އިންފޮމޭޝަން މެނިޕިއުލޭޝަން' ޕްރީ ކޮންފަރެންސުންނެވެ. އިންތިޚާބުތަކާ ގުޅޭ މަޢުލޫމާތާއި ޚަބަރުތައް ދިރާސާކުރާ ޖަމްޢިއްޔާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 30 ވަރަކަށް މާހިރުން ބައިވެރިވި މި ބައްދަލުވުމުގައި، މަޢުލޫމާތުގެ މާޙައުލަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ވަކިން ޚާއްޞަކޮށް، ބޭރުގެ ނުފޫޒުތަކުން މަޢުލޫމާތު އޮޅުވާލުމާއި، ޤައުމުގެ އެތެރޭގައި ރޭވިގެން ހިންގާ ދޮގު މަޢުލޫމާތު ފެތުރުމުގެ ޙަރަކާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ގޮތްތަކާއި، ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
މީގެ އިތުރުން، ސެޕްޓެންބަރު 23 އިން 24 އަށް 'ގެލެރިއާ އުލާންބާތޯރު' ގައި ކުރިއަށްދިޔަ " ޕޮލިޓިކަލް ފައިނޭންސް އެންޑް ޓްރާންސްޕޭރެންސީ އޯވަސައިޓް " ބައިނަލްއަޤްވާމީ ރައުންޑްޓޭބަލްގައިވެސް މި ކޮމިޝަނުގެ ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ދޯހާގައި ބޭއްވުނު ބައިނަލްއަޤްވާމީ 11 ވަނަ ކޮންފަރެންސްގައި ފާސްކުރި ޔޫ.އެން.ސީ.އޭ.ސީ 11/7 ޤަރާރާ ގުޅިގެން ބޭއްވުނު މި ބައްދަލުވުމުގައި، ސިޔާސީ މާލީ ކަންކަން ބެލެހެއްޓުމާއި، ޤާނޫނުތައް ތަންފީޒުކުރުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ވިލަރެސްކުރުން ވަރުގަދަކުރުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.
2 ދުވަސް ވަންދެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، ޖަޕާން، ނޯވޭ، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންތިޚާބީ އިދާރާތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންތަކާއި، މާލީ އިންޓެލިޖެންސް އަދި އޮޑިޓް އޮތޯރިޓީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރައުންޑްޓޭބަލްގެ ތެރެއިން ސިޔާސީ މާލީ ކަންކަމުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ހާމަކުރުން ފުޅާކުރުމަށް ގޮވާލައި މުހިއްމު ޑްރާފްޓް ބަޔާނެއްވެސްވަނީ އެކުލަވާލާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ ބައިނަލްއަޤްވާމީ މާހިރުންނާއި އެކިޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، ސިޔާސީ މާލީ ކަންކަން ބެލެހެއްޓުމާއި، އިންތިޚާބުތަކާ ގުޅޭގޮތުން ފަތުރާ ދޮގު މަޢުލޫމާތު ހުއްޓުވުމުގައި ޢަމަލުކުރެވިދާނެ އެންމެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ނިންމާލާފައިވަނީ، ބައިވެރިންނަށް ޚާއްޞަކޮށްގެން އުލާންބާތޯރުގައި ކުރިއަށްގެންދިޔަ ސައިޓް ސީން ދަތުރަކުންނެވެ. މި ދަތުރުގައި މޮންގޯލިއާގެ މުއްސަނދި ސަޤާފަތާއި، ދިގު ތާރީޚުގެ އިތުރުން އެ ޤައުމުގެ ޚާއްޞަ އާދަކާދަތައް ގާތުން ދެނެގަތުމުގެ އަގުހުރި ފުރުޞަތެއް ބައިވެރިންނަށް ލިބިގެންދިޔައެވެ.
ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިންތިޚާބީ ދާއިރާގެ އެކި ފަރާތްތަކާއެކު ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމަށް މި ކޮމިޝަނަށް ލިބޭ މުހިއްމު ފުރުޞަތެކެވެ. މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ސިޔާސީ މާލީ ކަންކަން ހަރުދަނާ އުޞޫލަކުން ބެލެހެއްޓުމާއި މަޢުލޫމާތު އޮޅުވާލުމާ ދެކޮޅަށް އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ޢަމަލީ ތަޖުރިބާތައް ދެނެގަތުމަށްވެސް މަގު ފަހިވެގެންދިޔައެވެ.
ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މި ކޮމިޝަނުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ. މިފަދަ ޙަރަކާތްތަކަކީ ކޮމިޝަނުގެ މުއައްސަސާއީ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިންތިޚާބީ އެންމެހައި މަރުޙަލާތައް ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ބާރެކެވެ.