ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ ތާރީޚު ބަދަލުވުން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި

 

ޤާނޫނު ނަންބަރު 11/2008، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 2024 ފެބުރުވަރީ 29 ގައި ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން،  2024 މާރިޗު 17 ގައި ބޭއްވުމަށް އިޢުލާނު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން، 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބާއްވާގޮތަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

 

އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ވަގުތަކީ 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓު ފަހުންނެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 28 ވާ އާދިއްތަ ދުވަހުއެވެ.

 

އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2024 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 އިން ފެށިގެން 2024 މާރިޗު 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް މުއްދަތުވަނީ ހަމަވެފައެވެ.