ސިޔާސީ ޕާޓީ
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ. މި އިޞްލާޙުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިޞްލާޙުތަކެކެވެ.
އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތުދީގެން 2024 އޮކްޓޫބަރު 8 ވީ އަންގާރަ ދުވަހު ވަނީ އިތުރު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުޞަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.