މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފި
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މި ކޮމިޝަނުގެ މެންބަރުކަމަށް ހުޅުމާލެ،ހިޔާ 11-23-05، ޢަބްދުލްޙަސީބު އިސްމާޢީލް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު، ވަނީ ކުރައްވާފައެވެ.
މި މަޤާމަށް އައްޔަނު ކުރުމުގެ ކުރިން، ޢަބްދުލްޙަސީބުވަނީ މިކޮމިޝަނުގައި 2 އަހަރާއި 11 މަސް ދުވަހު އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.