ބައި-އިލެކްޝަންސް

2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކޮށްފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، 5 ލޯކަލް ކައުންސިލް މެންބަރާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކަށް ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާ ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކޮށްފިއެވެ.

 

 އެގޮތުން ހދ.އަތޮޅު ކައުންސިލްގެ ރައީސް، ހދ.މަކުނުދޫ ކައުންސިލްގެ މެންބަރު، ނ.ލަންދޫ ކައުންސިލްގެ އަންހެން މެންބަރު، ރ.ފައިނު ކައުންސިލްގެ ރައީސް އަދި ފ.ބިލެތްދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ހދ. ނައިވާދޫ، ހދ. ހިރިމަރަދޫ، ށ. ގޮއިދޫ،  ށ. ނޫމަރާ، ށ. ނަރުދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ރ. ހުޅުދުއްފާރު،  ރ. އިންނަމާދޫ، ރ. އުނގޫފާރު، ބ. ހިތާދޫ،  ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ދަރަވަންދޫ، ކ. ހުރާ، އދ. ހަންޏާމީދޫ، ވ. ފެލިދޫ، މ. މުލި، މ. މަޑުއްވަރީ،  ފ. ބިލެތްދޫ، ދ. ހުޅުދެލި، ލ. ގަން،  ތ. ބުރުނި،  ލ. އިސްދޫ،  ގއ. ގެމަނަފުށި،  ގއ. ކަނޑުހުޅުދޫ އަދި  ގދ. ރަތަފަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ،ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު، ރަސްމީ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

 

އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ. ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. އަދި މި ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.

 

8 ފެބުރުވަރީ 2025