ސިޔާސީ ޕާޓީ

ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމަށް މަޝްވަރާތައް ފަށައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމާ ގުޅޭގޮތުން، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ(އެން.ސީ.އައިޓީ)ގެ އިސްބޭފުޅުންނާއެކު، ކޮމިޝަނުން ބައްދަލުކޮށްފިއެވެ. މިއަދު ކޮމިޝަނުގެ މައި އިދާރާގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އެން.ސީ،އައިޓީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ކިނާނަތާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މައުރޫފް ބައިވެރިވެ ވަޑައިގަތެވެ. މި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ފަސް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކަމާގުޅުންހުރި ޑިވިޜަންތަކާއި ސެކްޝަންތަކުގެ ވެރިން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ޑިޖިޓަލްކޮށް، އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް ކަންތައްތަކާމެދު މަޝްވަރާކުރުމެވެ. އަދި މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ހިޔާލުތަކައި ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅިގެން ލިބޭ ޝަކުވާތަކާއި ފޯމުތައް ޕްރޮސެސް ކުރުމުގައި ދިމާވާ ދަތިތަކާގުޅޭ ގޮތުންނާއި ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.