ޚަބަރު
ޖޯޖިއާގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި މިކޮމިޝަނުން ބައިވެރިވުން

ފޮޓޯ
ޖޯޖިއާގައި، 2025 ޖޫން 5 އިން 6 އަށް ކުރިއަށްގެންދިޔަ، އެ ޤައުމުގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި މިކޮމިޝަނުން ވަނީ ބައިވެރިވެފައެވެ.
ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން އިންތިޒާމު ކުރި މި ބައްދަލުވުމުގައި މި ކޮމިޝަން ތަމްޞީލްކުރީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު އަނީލެވެ.
"ICT Utilization Experience and Impact of Disinformation on Electoral Credibility" ގެ ނަމުގައި، ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން ހަރުދަނާ ކުރުމާއި، އިންތިޚާބުތަކާ ދިމާކޮށް ފަތުރާ ދޮގު މަޢުލޫމާތުތައް ދެނެގަނެ، އެ ފަދަ މައްސަލަތަށް ޙައްލުކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގެ އިންތިޚާބާބެހޭ އިދާރާތަކުގެ މާހިރުން ބައިވެރިވެ، މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި، މައިގަނޑު ތިން ދާއިރާއެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި، އިންތިޚާބީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޓެކްނޮލޮޖީގެ ބޭނުންހިފުން (ބަޔޯމެޓްރިކް ވެރިފިކޭޝަން،އިލެކްޓްރޯނިކް ވޯޓިންގ،ޑިޖިޓަލް ނަތީޖާ ޓެބިއުލޭޝަން)، އިލެކްޓްރޯނިކް ޚިދުމަތްތަކުގެ އެހީގައި އިންތިޚާބީ މަރުޙަލާތައް ހަރުދަނާކުރުން (ޑިޖިޓަލް ރަޖިސްޓްރޭޝަން، އޮންލައިން ޝަކުވާ ހުށަހެޅުމުގެ ނިޒާމު، ވޯޓުދޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭ އޮންލައިން ނިޒާމުތައް) އަދި ދޮގު މަޢުލޫމާތު ފެތުރުމާ ދެކޮޅަށް ފިޔަވަޅު އެޅުން (ދޮގު މަޢުލޫމާތު ދެނެގަތުން،ބޭރުގެ ނުފޫޒުތައް ވަޒަންކުރުން،އިތުބާރު ޤާއިމުކުރުމުގެ ގޮތުން ގެންގުޅެވިދާނެ ގޮތްތައް އެކުލަވާލުން) ހިމެނެއެވެ.
މި ބައްދަލުވުމުގެ ތިންވަނަ ސެޝަން ކަމުގައިވާ "Countering Disinformation and Safeguarding Electoral Credibility"، ގައި، ޑިރެކްޓަރ މުޙައްމަދު އަނީލް "Innovating Electoral Processes Through E-Services and Modernizing Election Management with Digital Solution"، ގެ ނަމުގައި ކަރުދާހެއް ހުށަހެޅިއެވެ. އެ ކަރުދާހުގައި އީ-ސަރވިސަސް ބޭނުންކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، އިންތިޚާބުގެ އެކި މަރުޙަލާތަކުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބީ ނިޒާމުގެ ސައިބަރ ސެކިއުރިޓީ ގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލިއެވެ.
މި ބައްދަލުވުމުގައި މިކޮމިޝަނުގެ އިތުރުން އިނގިރޭސި ވިލާތް، އާރމީނިއާ، އަލްބޭނިއާ، އެމެރިކާ، ސައުތު އެފްރިކާ އަދި އެހެނިހެން ޤައުމުތަކުގެ އިންތިޚާބީ އޮފިޝަލުންނާއި މާހިރުން ބައިވެރިވެ، އިންތިޚާބީ ނިޒާމު، ޒަމާނީކުރުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ޚިޔާލުތައް ފުޅާ ދާއިރާއެއްގައި ޙިއްޞާކުރިއެވެ. މި ބައްދަލުވުމުގައި، މި ކޮމިޝަނުގެ ފަރާތުން ޢަމަލީ ގޮތުން ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދުނިޔޭގެ އިންތިޚާބީ ދާއިރާގައި މި ކޮމިޝަނުގެ ދައުރު ފުޅާކުރުމާއި، އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން އިތުރުކޮށް ދެފުށްފެންނަ އިންތިޚާބުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރެވިދާނެ ގޮތްތައް ދެނެގަތުމެވެ.