ވޯޓުލާ މީހުންގެ ދުވަސް
ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިކޮމިޝަނާއި ޕަބްލިކް ސާރވިސް މީޑިއާ (PSM) ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ. ޕެނަލް ޑިސްކަޝަން ޕީ.އެސް.އެމް ނިއުސް އަދި ސޯޝަލް މީޑިއާގައި ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައިވަނީ، އޮގަސްޓު މަހުގެ 25 ވީ ހޯމަ ދުވަހުގެ ރޭގަނޑު 10:30 ގައެވެ.
ކޮންމެ އަހަރެއްގެ ވެސް ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި، އޮގަސްޓު 25 ވަނަ ދުވަސް ފާހަގަ ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ، ވޯޓުލާ މީހުންގެ ޙައްޤުތަކާއި، އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި، ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ، އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އަލަށް ވޯޓުލެވޭ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި އިންތިޚާބީ ނިޒާމުގައި ބައިވެރިވާ ސްޓޭކްހޯލްޑަރުންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް ހިންގުމުގެ އިތުރުން ވޯޓުލާ މީހުންގެ ދުވަހާގުޅޭ ގޮތުން ހޭލުންތެރިކޮށް، އިންތިޚާބީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށެވެ.
އެގޮތުން މި ޕެނަލް ޑިސްކަޝަނުގައި، ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމުކަމާއި، އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް ވޯޓުލާ މީހުންގެ ދައުރާ ގުޅޭގޮތުން ޕެނަލިސްޓުންގެ ފަރާތުން ޚިޔާލާއި މަޝްވަރާތައް ބަދަލުކުރެވިގެންދިޔައެވެ. މި ޕެނަލް ޑިސްކަޝަނުގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންފައިވާ 4 ބޭފުޅުންނަކީ:
1. ޑރ. މުޙައްމަދު ޒާހިރު (އިލެކްޝަންސް ކޮމިޝަނުގެ މެންބަރު)
2. ޙަސަން ޒަކަރިއްޔާ (އިލެކްޝަންސް ކޮމިޝަނުގެ މެންބަރު)
3. މުޙައްމަދު ނަޒީފް (ޑިވެލޮޕްމެންޓް ޕްރެކްޓީޝަނަރ)
4. އަލްއުސްތާޛާ ޢަރީޖް ޙުސައިން (ކަންޓްރީ ޑިރެކްޓަރ،ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯރ ޑިމޮކްރަސީ)
މި ޕެނަލް ޑިސްކަޝަނުގައި، ޕެނެލިސްޓުންގެ މަޝްވަރާތަކުގެ އިތުރުން ދުވަހާގުޅޭ މަޢުލޫމާތު ހިމެނޭ ވީޑިއޯ ޕްރެސެންޓޭޝަން ރިޕޯޓެއްވެސް ހިއްސާކޮށްފައިވެއެވެ. މިއީ ވޯޓުލާ މީހުންގެ ދުވަސް މިގޮތަށް ފާހަގަކުރުމަށް ޕެނަލް ޑިސްކަޝަނެއް ބޭއްވި ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ވަރަށް ކާމިޔާބު ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަ ކުރަމެވެ.
ޕެނަލް ޑިސްކަޝަނުގެ އިތުރުން، ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، ސިލްސިލާ ގޮތެއްގައި ހޭލުންތެރިކަމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދަނީ "ބައިވެރިވުން" އެވެ.
ލިންކް: ވޯޓުލާ މީހުންގެ ދުވަސް 2025 - ޕެނަލް ޑިސްކަޝަން