LCE & WDC 2026
އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބާއްވާ ވޯކިން-އިންޓަރވިއު

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަކަމާއެކު މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މިގޮތުން 29 އޮގަސްޓު ވާ ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އަދި 30 އޮގަސްޓު ވާ ހޮނިހިރު ދުވަހު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2)ގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވޯކް-އިން އިންޓަރވިއު ކުރިއަށްދާނެއެވެ.
އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ. ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.
މި ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓަރީކޮށްދިނުމާއި އެޕްލިކޭޝަން ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް، ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންވީ ކަންކަމާއި އިންތިޚާބެއް ކުރިއަށްދާއިރު މި ކޮމިޝަނުން ކުރަމުންގެންދާ މަަސައްކަތްތައް ދަސްކޮށް ތަޖުރިބާކޮށްލުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނެއެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކި ދާއިރާތަކުގެ މަސައްކަތްތައް ދަސްވެގެންދާނެއެވެ.