ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް

ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް 2025 – ކ.މާފުށި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން


އަތޮޅު ތެރެއަށް އަމާޒުކޮށްގެން މިއަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ ތިންވަނަ ސެޝަން، 2025 ސެޕްޓެންބަރު 6 ވީ ހޮނިހިރު ދުވަހު، ކ. އަތޮޅު މާފުށީގައި ވަނީ ބާއްވާފައެވެ. ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކުރަސީގެ އުޞޫލުތަކަށް ބާރުއަޅާ މުޖުތަމަޢެއް ބިނާކުރުމާއި، ޑިމޮކުރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، މަލްޓި-ޕާޓީ ޑިމޮކްރެޓިކް ނިޒާމަކަށް ރައްޔިތުން އަޙުލުވެރިކުރުވުމެވެ.

 



މި ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ވަނީ ބައިވެރިވެފައެވެ. އަދި ޕްރޮގްރާމުގެ ބައިތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޑިރެކްޓަރ ޝަހުލާ އިސްމާޢީލް، ޓްރެއިނަރ ފާތިމަތު ޒުހުދާ އަދި ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު މުޢާޒް  ހަރަކާތްތެރިވެފައިވެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކ. އަތޮޅު މާފުށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ރަށު ކައުންސިލް މެންބަރުންނާއި، ސަރުކާރު މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މުވައްޒަފުންގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

 



މި ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ޑިމޮކުރަސީއާއި، ޒިންމާދާރުވުމާއި ޖަވާބުދާރީވުމާއި، އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކާއި، އަދި ޑިމޮކުރަސީއެއްގައި ރައްޔިތެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ދައުރާ ބެހޭގޮތުންނެވެ. މި މަޢުޞޫޢުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މަޢުޞޫޢުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންގޮސް، ގްރޫޕް މަޝްވަރާތަކާއި، ތަފާތު ޚިޔާލުތައްފާޅު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ

މި ޕްރޮގްރާމަކީ އަތޮޅުތެރެއަށް އަމާޒުކޮށްގެން ޑިމޮކްރެޓިކް ނިޒާމަކަށް ލޯހުޅުވިފައިވާ ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި މި ކޮމިޝަނުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން މިހާރުވަނީ ލ އަތޮޅާއި ހދ އަތޮޅުގައި ސިވިކް އެޑިއުކޭޝަން ސެޝަންތަކެއް ހިންގާފައެވެ.