ޚަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގައި ވޯޓު ދިނުމަށް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ހަމަވެއްޖެ

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ރޭގެ 12:00އަށް ހަމަވިރު 190 ފަރާތަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅައިފައެވެ.

 

ނިމިދިޔަ މީޑިއާ ކައުންސިލް އިންތިޚާބާ އަޅާބަލާއިރު މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެއީ، 2025 ޖޫން 21 ގައި މީޑިއާ ކައުންސިލްއަށް 3 މެންބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ބޭއްވި ބައި-އިލެކްޝަނުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ 313 ފަރާތްތަކުގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 78 ފަރާތެވެ.

 

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުން 2025 އޮކްޓޫބަރު 2 ވީ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 6 ވީހޯމަ ދުވަހާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.