ޚަބަރު
ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން (ރީ-ރެޖިސްޓްރޭޝަން)

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓު 2025 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2025 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ހުޅުވާލައިފިއެވެ. މި ވޯޓު ނެގުމުގައިގައި ރަޖިސްޓަރީ ވާނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓުގައި ވޯޓުދިނުމުގެ ޙައްޤުލިބޭ ފަރާތްތައް، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާނީ:
- މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ.
- އައްޑޫ ސިޓީގެ ފޭދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ފޭދޫއަށެވެ.
- އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ހުޅުދޫ/މީދޫއަށެވެ.
- މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.
ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.
ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ހިމެނޭ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި އަދި މިކޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޢާންމުކޮށްފައެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންުވާ ފަރާތްތަކުން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ނުވަތަpprvr.elections.gov.mv މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.
އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.