ޖަލްސާތައް

ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ. 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަން" އާގުޅޭ.

ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓްގެ އެހީތެރިކަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރިއަށްގެންދާ "މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަން" ގައި މި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ، ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރްޔަމް ޝާހިޔާ އަދި ޓްރެއިނަރ ފާޠިމަތު ޒުހުދާ ބައިވެރިވެ ވަޑައިގަތުމަށް ކޮމިޝަނުގެ 814 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވީނަމަވެސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިކޮމިޝަނުން ފޮނުއްވާފައިވާ އެ ކޮމިޝަނުގެ ނަންބަރު:427-SDV/38/2024/3 (18 ފެބުރުވަރީ 2024) ސިޓީގައި، ސެޝަން ނަންގަވައިދެއްވުމަށް ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅާއެކު އިތުރު ދެ ބޭފުޅުންނަށް ފުރުޞަތު ދެއްވާފައިވާތީ އާއި، މި ސެޝަން ބާއްވާނެ ތާރީޚެއް މިވަގުތަށް ކަނޑައަޅުއްވާފައިނުވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތާރީޚެއް ކަނޑައެޅުއްވުމުން، އިންތިޚާބުގެ މަސައްކަތްތަކަށް ބުރޫނާރާ ހެން، އެ ތާރީޚްގައި ބައިވެރިވެވެން ތިއްބެވި ބޭފުޅުން ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ކަނޑައެޅުއްވުމަށްފަހު، އިދާރީ ކަމެއްގެ ގޮތުގައި މި ސެޝަންގެ އެންމެހާ ކަންކަން ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

2. ދިވެހި ފުލުހުންގެ ޚިދުމަތުން އެދިވަޑައިގަންނަވާފައިވާ އެޓޯލް ކޮމާންޑރުންގެ ޓްރެއިނިންގ ޕްރޮގްރާމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޓޯލް ކޮމާންޑަރުންނަށް ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޚިދުމަތުގެ ނަންބަރު: 171-N(S)/38/2024/8(19 ފެބުރުވަރީ 2024) ސިޓީއާ ގުޅިގެން، އެ ޚިދުމަތުން އެދިވަޑައިގަންނަވާފައިވާ ގޮތުގެމަތިން، 2024 ފެބުރުވަރީ 27 އަދި 28 ގައި، 04 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް، ކޮމިޝަނުގެ ފަރާތުން އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

3. އޮޑިޓް ސަބް ކޮމިޓީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާގުޅޭ.

އޮޑިޓް ސަބް ކޮމިޓީން ފާސްކޮށްފައިވާ އޮޑިޓް ސަބް ކޮމިޓީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.

 

4. އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭނާގުޅޭ.

އިންޓަރނަލް އޮޑިޓް ސެކްޝަނުގެ އަހަރީ އޮޑިޓް ޕްލޭނާ ގުޅޭގޮތުން، ތިރީގައި މިދަންނަވާ ކަންކަން ތަންފީޒުކުރެއްވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

ތަންފީޒުކުރެއްވުމަށް ނިންމަވާފައިވާ ކަންކަން.

 

1) އިންޓަރނަލް އޮޑިޓް ސެކްޝަނުގެ އަހަރީ ރިޕޯޓާއި، އިންޓަރނަލް ސަބް ކޮމިޓީގެ އަހަރީ ޕްލޭނަކީ ދެ ކަމެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅުއްވައި، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ކޮންމެ އަހަރެއްގެ އަހަރީ އޮޑިޓް ޕްލޭން، އޭގެ ކުރީ އަހަރުގެ ފަހު މަހުގައި، ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

2) މިގޮތުން، ޖެހިގެން އަންނަ އަހަރުގައި ކުރާނެ މަސައްކަތްތަކާއި، ޙާޞިލުކުރާން ބޭނުންވާ ކަންކަމާއި، ކޮމިޝަނުގެ ނިންމެވުންތަކާއި، ކޮމިޝަނުން ފާސްކޮށްފައިވާ އުޞޫލުތަކާއި، ޕްލޭންތަކާއި، އެސް.އޯ.ޕީތަކާ އެއްގޮތަށް ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަސައްކަތްތައް ބައްޓަން ކޮށްފައިވޭތޯއާއި، މި ދެންނެވުނު ގޮތުގެމަތީން ޑިވިޜަންތަކާއި ސެކްޝަންތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެވޭނެ ހެން އޮޑިޓް ކުރެއްވުމަށް މި ޕްލޭންގައި ހިމެނުމަށް، ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

3) އިސްވެ ދެންނެވުނު މުއްދަތުގައި ސެކްޝަން ހެޑް ޗުއްޓީއަށް ވަޑައިގަންނަވާނަމަ، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާނޭހެން، ދެން ދަށުން ހުންނަ މުވައްޒަފާ މަސައްކަތްތައް ޙަވާލުކޮށް، ސެކްޝަނުގެ މަސައްކަތްތައް ތަރުތީބުކުރެއްވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. 

4) އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރީ އޮޑިޓް ޕްލޭންގައި، މިހާރު ހުށަހަޅުއްވާފައިވާ ކަންކަމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ބައެއް މަސައްކަތްތައް އޮޑިޓް ކުރެއްވުމަށް ހުށަހަޅުއްވާފައިވާތީ، މި މަސައްކަތްތަކަކީ މިހާރު ނިމިފައިވާ މަސައްކަތްތަކެއް ކަމުން، 2024 ވަނަ އަހަރުގެ އޮޑިޓް ޕްލޭނުން، މި މަސައްކަތްތައް އުނިކުރެއްވުމަށް، ކޮމިޝަނުން ވަނީ ނިންމަވާފައެވެ. 

5) އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރީ އޮޑިޓް ޕްލޭންގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން، ކުރިއަށް ދެން ރޭވިފައިވާ ކަންކަމާއި، ކޮމިޝަނުގެ ނިންމެވުންތަކާއި ކޮމިޝަނުން ފާސްކޮށްފައި އުޞޫލުތަކާއި، ކޮމިޝަނުން ފާސްކޮށްފައިވާ ޕްލޭންތަކާއި، އެސް.އޯ.ޕީއާ އެއްގޮތަށް ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ތޯ ކޮމިޝަނަށް ރިޕޯޓު ކުރެއްވޭނެ ހެން އޮޑިޓް ކުރެއްވުމަށްޓަކައި، މިހާރު ހުށަހަޅުއްވާފައިވާ އޮޑިޓް ޕްލޭން ރިވައިޒް ކުރެއްވުމަށާއި، އަދި ހުށަހަޅުއްވާ ކަންކަމަކީ ޕްރެކްޓިކަލީ ކުރެއްވޭނެ ކަންކަންތޯ ކަށަވަރު ކުރެއްވުމަށްފަހު، 2024 ފެބުރުވަރީ 28 އަށް ތާވަލުކޮށްފައިވާ ކޮމިޝަނުގެ ޖަލްސާއަށް، 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު ހުށަހެޅުއްވުމަށް، ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

6) އިންޓަރނަލް އޮޑިޓް ސެކްޝަނުގެ މަސައްކަތްތައް، ކޮމިޝަނުން ފާސްކޮށްފައިވާ މެންޑޭޓާ އެއްގޮތްވާ ގޮތުގެމަތީން އަދާކުރެއްވުމަށާއި، ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ކޮމިޝަނުގެ ނިންމެވުންތަކާއި، ކޮމިޝަނުން ފާސްކޮށްފައިވާ އުޞޫލުތަކާއި، އެސް.އޯ.ޕީތަކާ އެއްގޮތަށް ކުރެއްވޭނެހެން ސެކްޝަނުގެ މަސައްކަތްތައް ތަރުތީބުކުރެއްވުމަށް ވެސް، ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

 

5. އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ސްޓޮކް އަދި އިންވެންޓްރީ ބަލަހައްޓަމުންދާ ގޮތުގެ އޮޑިޓް ރިޕޯޓާ ގުޅޭ.

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ސްޓޮކް އަދި އިންވެންޓްރީ ބަލަހައްޓަމުންދާ ގޮތުގެ އޮޑިޓް ރިޕޯޓުގައި ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް، ރަނގަޅުކުރެއްވުމަށް އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސަރވިސް ސެކްޝަނަށް އެންގުމަށާއި، އޮޑިޓް ރިޕޯޓުގައި އޮޑިޓް ކުރީ ކޮން ތާރީޚަކުން ކޮން ތާރީޚަކަށް ކަން އެނގެން ނެތަތީވެ، ކުރިއަށް އޮތްތަނުގައި އެ މަޢުލޫމާތު ހިމެނޭގޮތަށް ރިޕޯޓުތައް ތައްޔާރު ކުރެއްވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. ޑިވިޜަންތަކާއި ސެކްޝަންތަކުގެ އެސް.އޯ.ޕީއާ ގުޅޭ.

ކޮމިޝަނުން ފާސްކޮށްފައިވާ މެންޑޭޓާ އެއްގޮތަށް، އިންތިޚާބުގެ މަސައްކަތްތައް ނިމުމާއެކު، ޑިވިޜަންތަކާއި ސެކްޝަންތަކުގެ އެސް.އޯ.ޕީތައް އަދާހަމަ ކުރެއްވުމަށްފަހު، އަދާހަމަ ކޮށްފައިވާ އެސް.އޯ.ޕީތައް ފާސް ކުރެއްވުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

މި ނިންމެވުމާ ގުޅިގެން، ކޮމިޝަނުން ނިންމެވުމެއްގެ ސަބަބުން ނުވަތަ އެނޫން ގޮތަކަށް ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަސައްކަތްތަކުގެ ވާރކް ފްލޯރ އަށް އަންނަ ބަދަލުތައް، އެސް.އޯ.ޕީތަކުން ގެނައުމަށްފަހު، ގަވައިދުން އެސް.އޯ.ޕީތަކަށް އަންނަ ބަދަލުތައް ކޮމިޝަނަށް ހުށަހަޅުއްވައިގެން ފާސް ކުރެއްވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

7. 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑި  އަދި ކޮމިޝަނުގެ ރިސެޕްޝަނުގެ ޚިދުމަތްދޭ ގަޑިތައް

1445 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9:30 އިން 13:30އަށް ކަމަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށް ފްލެކްސިބިލިޓީ ދިނުމަށް ހަމަޖެހިފައިވާ ގޮތްތައް ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާތީ، ރަމަޟާން މަހު އިތުރު ފްލެކްސިބިލިޓީއެއް ނުދިނުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

އަދި ދަންނަވަމަވެ. އިސްވެ ދެންނެވުނު ނިންމެވުމާ އެއްގޮތަށް، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ނިޔަލަށް، ކޮމިޝަނުގެ ރިސެޕްޝަނުގެ ޚިދުމަތް، ހެނދުނު 9:30 އިން 13:00 އާ ހަމައަށް ދިނުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. ޓްރޭނަރެއްގެ ގޮތުގައި ވީއްލުމާގުޅޭ.

މި ކޮމިޝަނުގެ ޓާސްކްފޯސް މުވައްޒަފު، ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ އިބްރާހީމް އަޒީމް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ޓްރޭނަރަކަށް ކުރިމަތިލައި، އެ މަޤާމަށް ހޮވިފައިވާތީ، މި މުވައްޒަފު އެދިވަޑައިގަންނަވާފައިވާ ގޮތުގެމަތީން، ޓްރޭނަރެއްގެ ގޮތުގައި ވީއްލައިދެވެން ނެތްކަމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، މި މުވައްޒަފު މިހާރު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންދާތީއާއި، ޓްރެއިނަރެއްގެ މުއްދަތު ހަމަވާ ފަހުން، ޓާސްކްފޯސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާ ޙާލަތުގައި، އޮފިސަރެއްގެ މަޤާމެއްގެ ރިކުއަރމަންޓް އެހާތަނަށް އޮވެއްޖެނަމަ، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ޓާސްކްފޯސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ލިބިދާނޭ ކަމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

9. އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސްގެ ތަފްޞީލު، އިންތިޚާބުތަކަށް އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެ ފަރާތްތައް ޢައްޔަނު ކުރުމުގެ އުޞޫލު އަދި އިޤުރާރު ފާސްކުރުމާގުޅޭ.

އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސްގެ ތަފްޞީލު، އިންތިޚާބުތަކަށް އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެ ފަރާތްތައް ޢައްޔަނު ކުރުމުގެ އުޞޫލު އަދި އިޤުރާރު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

 

10. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުކަރުދާސް ޗާޕުކުރާ ތަނުގެ ސެކިއުރިޓީ އެސެސްމަންޓް ޗެކް ކުރުމާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުކަރުދާސް ޗާޕުކޮށް ދިނުމުގެ ޚިދުމަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަންތައް އިވެލުއޭޓް ކުރުމަށްޓަކައި، ޗާޕުކުރާ ތަނުގެ ސެކިއުރިޓީއަށް މާކްސް ދެވޭނީ އެކަމަސް ކޮމިޝަނުން ކަނޑައަޅާ ޚާއްޞަ ފެނަލަކުން ކަމުގައި އެފަރާތްތަކަށް މި ކޮމިޝަނުން ދީފައިވާ ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާތީ، ބީލަންތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދިއުމަށްޓަކައި، ޗާޕުކުރާ ތަނުގެ ސެކިއުރިޓީ އެސެސްމަންޓް ޗެކްކުރުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ބޭފުޅުން ހިމެނޭހެން ކޮމިޓީއަށް މެންބަރުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

1) ސެކްރެޓަރީ ޖެނެރަލް، ޙަސަން ޒަކަރިއްޔާ

2) ޑިރެކްޓަރ، ޢާއިޝަތު ޝައްފާފް

3) ޑިރެކްޓަރ، ޢަބްދުﷲ އުނައިސް

4) ޑެޕިއުޓީ ޑިރެކްޓަރ، އާމިނަތު އަޒީފާ

 

11. ޖުމްހޫރީ ޕާޓީގެ އަހަރީ ރިޕޯޓާގުޅޭ.

ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ އަހަރީ ރިޕޯޓަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން، ހުށަހަޅާފައިވާ ރިޕޯޓަކަށް ވާތީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

12. ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ގެ ލޯގޯ، ސްލޯގަން އަދި ކުލަ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ބޭނުންކޮށްގެން ކެމްޕެއިން ކުރުމާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ގއ.ވިލިނގިލި ދާއިރާއަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، ޔަޒްމީދު މުހައްމަދުގެ އިންތިޚާބީ ޙައްޤަށް އުނިކަން އަންނަގޮތަށް އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބައިބައިވުން އުފައްދަން، ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ގެ ލޯގޯ،ސްލޯގަން އަދި ކުލަ، ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް އެ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު، އާޒިމް ޢަބްދުލް ޢަޒީޒް ކެންޕެއިންގައި ބޭނުން ކުރަމުން ގެންދާތީ އެކަމާގުޅޭގޮތުން، މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، މިފަދަ މައްސަލަތަކުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ޢަމަލުކުރެއްވުމަށް ވިސްނާ ވަޑައިގަންނަވާފައިވާ ގޮތެއް ސާފު ކުރެއްވުމަށާއި، އަދި މިކަމުގައި ކޮމިޝަނުގެ ލީގަލް ޓީމުގެ ލަފައެއް ހޯއްދެވުމަށްފަހު މި މައްސަލަ އަލުން ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

13. ކޯލް ފޮރ ބައިލެޓަރަލް ކޯޕަރޭޝަން – އޮބްޒަރވޭޝަނާގުޅޭ.

ކޯލް ފޮރ ބައިލެޓަރަލް ކޯޕަރޭޝަން – އޮބްޒަރވޭޝަނާ ގުޅޭގޮތުން، ސެންޓަރ ފޮރ އިލެކްޓޯރަލް ސިސްޓަމްސް، ޑިވެލޮޕްމެންޓް، ރިފޯރމްސް އެންޑް ޓްރެއިނިންގސް އަކީ ޖޯޖިއާގައި ބޭސްވެފައި ހުންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާތީ، މި ކޮމިޝަނާ ގުޅިފައި ހުންނަނީ ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކަށްވާތީ، ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނަށް ލިޔެގެން، މި ޖަމްޢިއްޔާ އާ ބެހޭ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރެއްވުމުގެ ފުރުޞަތު ދެވެން އޮތްނަމަ، އަމިއްލަ ޚަރަދުގައި އިންތިޚާބު އޮބްޒާވް ކުރެއްވުމުގެ ފުރުޞަތު މި ޖަމްޢިއްޔާއަށް ދިނުމަށް، ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

--

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
817

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޢަލީ ނަޝާޠު

އިސް މުވައްޒަފުން

  • ޙަސަން ޒަކަރިއްޔާ
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ
  • ފާޠިމަތު ޒުހުދާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ