ޖަލްސާތައް

ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ކައުންސިލް ޖެނެރަލް އަދި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ މަޤާމުގެ އިންޓަރވިއު ޕެނަލްއާ ގުޅޭ

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ (ދާއިމީ) ކައުންސިލް ޖެނެރަލް އަދި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ (ދާއިމީ) ޑިރެކްޓަރުގެ މަޤާމުގެ އިންޓަރވިއު ޕެނަލް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު:(MEMO)BB/2025/53 އަދި ނަންބަރު:(MEMO)BB/2025/56 މެމޯއިން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ގޮތުގެމަތީން އެކުލަވާލެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

   2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ކައުންސިލް ޖެނެރަލް ގެ މަޤާމާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ (ދާއިމީ) ކައުންސިލް ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމަށް ކޮމިޝަނަށް ފެނިވަޑައިގަންނަވާތީވެ، މިހާރު ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ފުރުޞަތު ދެއްވުމާއެކު، މި މަޤާމުގެ އިޢުލާންގެ މުއްދަތު އިތުރުކުރެއްވުމަށްފަހު އިޢުލާންކުރެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. 2025 މޭ މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.

ފައިނޭންސް ސެކްޝަނުގެ ނަންބަރު(MEMO)BC/202517: މެމޯއިން، ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، 2025 ވަނަ އަހަރުގެ މޭ މަހުގެ ޚަރަދު ރިޕޯޓު ފާސްކުރައްވަން، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

 

   4. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު:171-G(ECA)/38/2025/48 ސިޓީއާ ގުޅޭ.

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ފޯމުތަކުގެ އަސްލާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު:171-G(ECA)/38/2025/48 ސިޓީން މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ މައްސަލާއާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުންގެ ނަންބަރު(MEMO)EA/2025/59: މެމޯގައި، ބަޔާންކުރައްވާފައިވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށްފަހު، އެގޮތުގެމަތީން އެ މައްސަލަ ނިންމަވާލެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

 

   5. އަލަށް ތަސްދީޤުކުރެވިފައިވާ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރެއްވުމާ ގުޅޭ.

ޤާނޫނު ނަންބަރު:30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު:7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) އަދި، ޤާނޫނު ނަންބަރު:8/2025 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު)، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަންގެ ނަންބަރު(MEMO)EA/2025/61: މެމޯގައި، ބަޔާންކުރައްވާފައިވާ ގޮތުގެމަތީން، ކޮމިޝަނަށް ޙިއްޞާކުރައްވާފައިވާ ކަމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

 

   6. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2025/044 ސިޓީއާ ގުޅޭ.

(ހ.) މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަރީޝްއާ ގުޅޭގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2025/044 ސިޓީ ދިރާސާކުރެއްވުމަށްފަހު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ އެ ސެކްޝަންގެ ނަންބަރު(MEMO)EA/2025/63: މެމޯގައި ބަޔާންކުރައްވާފައިވާ ޤާނޫނީލަފާއާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

އަދި، އިންތިޚާބުކޮށްފައިވާ ފަރާތްތަކުގެ ޕާޓީބަދަލުކުރުމާބެހޭ ގޮތުން އެތެރޭގެ ނިޒާމު ތަރުތީބުވެފައިވާގޮތާއި މިފަދަ ކަންކަން ތަކުރާރުނުވާނޭ ގޮތެއްގެ ލަފާތަކަކާއެކު އިންޓަރނަލް އޮޑިޓެއް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން  ހެއްދެވުމަށްފަހު، ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

(ށ.) އިންތިޚާބުކުރައްވާފައިވާ މަޤާމުތަކުގައި ތިއްބަވާ މެންބަރުންނާއި ޕާޓީތަކުގައި ދަފްތަރުވުން މަނާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަޢުލޫމާތު މިހާރަށްވުރެ ރަނގަޅަށް ބެހެއްޓެވުމުގެ ބޭނުމުގައި، މިފަދަ ބޭފުޅުންނާ ގުޅޭ މަޢުލޫމާތު ބެލެހެއްޓެވުމުގައި ޢަމަލުކުރާންވީ ގޮތެއް ގަވާއިދުގައި ބަޔާންކުރެއްވުމާއެކު، އިދާރީގޮތުން މިކަން ކުރާނޭ ގޮތުގެ އުޞޫލާއި، ޕްރޮޖިސްރ މެނުއަލް/ އެސް.އޯ.ޕީއެއް އެކުލަވާލެއްވުމަށްފަހު، އެކަންކަމާ ގުޅޭ ކަރުދާހެއް ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

   7. ސ. މީދޫ / ހަސްކަރީގެ، މުޙައްމަދު ފަރުހާދު، 2025 މޭ 19 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

ސ. މީދޫ / ހަސްކަރީގެ، މުޙައްމަދު ފަރުހާދު، 2025 މޭ 19 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، އެ ފަރާތަށް އަޅުއްވާފައިވާ ފިޔަވަޅަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގެމަތީން، އަޅުއްވާފައިވާ ފިޔަވަޅެއްކަން ބަޔާންކުރެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

 

   8. މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކުރީގެ ރަޖިސްޓްރަރ މުޙައްމަދު ޝިހާބަށްކޮށްފައިވާ ޖޫރިމަނާއާ ގުޅޭ

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކުރީގެ ރަޖިސްޓްރަރ މުޙައްމަދު ޝިހާބާ ގުޅިގެން، ކޮމިޝަނުގެ 865 އަދި 867 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުންތައް ދަމަހައްޓަވައި، މުޙައްމަދު ޝިހާބަށް ތައްޔާރުކުރައްވަފާއިވާ ޖޫރިމަނާގެ ސިޓީ އެފަރާތައް ރައްދުކުރެއްވުމަށްވެސް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

   9. ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީކޮށްގެން ކޮމިޝަނުން އަޅުއްވާ ފިޔަވަޅުތައް އެޅުއްވުން ހުއްޓާލެއްވުމާގުޅޭ

ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރަޖިސްޓްރީކޮށްގެން ކޮމިޝަނުން އަޅުއްވާ ފިޔަވަޅުތަކަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން، އެކަންކަން ހުއްޓުވުމުގެ މަޤްޞަދުގައި ކޮމިޝަނުން ކުރަމުން އަންނަކަމެއް ކަމަށާއި، އެފަދަ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން އެތަށް ފަހަރެއްގެ މަތީން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ޞައްޙަކުރެއްވުމަށްޓަކައި، ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު ކޮމިޝަނުން މީގެ ކުރީން ހުޅުވާލާފައިވާތީއާއި، ސިޔާސީ ޕާޓީތަކަށް މެންބަރުން ރަޖިސްޓަރީކުރުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން އީފާސް މެދުވެރިކޮށް މެންބަރޝިޕްގެ ކަންކަން ކުރިއަށް ގެންދާގޮތަށް ހަމަޖެހުމާ ގުޅިގެން، ނޭނގި ޕާޓީތަކަށް މީހުން ވެއްދުމުގެ މުޅި މައްސަލައަށް ދާއިމީ ޙައްލެއް ކޮމިޝަނުން ގެނެސްފައިވާތީ، ކުރީން ހިނގާފައިވާ އެފަދަ މައްސަލަތަކުގައި ސިޔާސީ ޕާޓީތަކަށާއި، އެނޫންވެސް ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބޭނުންނެތަތީވެ، ފިޔަވަޅު އެޅުން މިއަދުން ފެށިގެން ހުއްޓާލެއްވުމަށް، ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.  

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
874

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 484 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާ