ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.
ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. މަޤާމުތަކުގެ އިންޓަވިއު ޕެނަލް އެކުލަވާލުމާގުޅޭ.
އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި، ކޮމިޝަނުގެ 745 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ އެއްގޮތަށް ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވައި ދެއްވާފައިވާ ތިރީގައި ދަންނަވާފައިވާ އިންޓަރވިއު ޕެނަލް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައި، ކޮމިޝަނުގެ މަޢުލޫމާތަށްޓަކައި ވަނީ ހުށަހަޅާފައެވެ.
އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ) – އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން
ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް
ޑިރެކްޓަރ، އޒ.ޢާއިޝަތު ސުމައިނާ
ޑިރެކްޓަރ، އާމިނަތު އަޒީފާ
2. 2024 ޑިސެމްބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާގުޅޭޭ.
2024 ޑިސެންބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ތިރީގައި ދަންނަވާފައިވާ ފަރާތްތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
# |
މަޤާމް |
އެޑްރެސް |
ފުރިހަމަނަން |
ކައުންސިލް އިދާރާ |
1 |
ފޯކަލް ޕޮއިންޓް |
ވީނަސް، ހދ.ކުރިނބި |
އާދަމް ވަޙީދު |
ހދ.ކުރިނބި ކައުންސިލް އިދާރާ |
2 |
ފޯކަލް ޕޮއިންޓް |
ނައިޓްރޯސް، މ.ރަތްމަންދޫ |
އަޙްމަދު ސިޔާމް |
މ.ރަތްމަންދޫ ކައުންސިލް އިދާރާ |
3 |
ފޯކަލް ޕޮއިންޓް |
ފޮނިމާގެ، ގއ.ދެއްވަދޫ |
މުޙައްމަދުދީދީ |
ގއ.ދެއްވަދޫ ކައުންސިލް އިދާރާ |
3. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ މަޤަމަށް މުވައްޒަފަކު ނެގުމާގުޅޭ.
ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަން އޮފިސަރ (ޖީ.އެސް3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީއާއި، 2024 އޮކްޓޫބަރ 22 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އިން މި މަޤާމަށް ހުއްދަ ދެއްވާފައިވެސް ނުވާތީ، މިހާރު ކޮށްފައިވާ އިޢުލާން ބާޠިލުކޮށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ލިބުމުން އަލުން މި މަޤާމަށް އިޢުލާން ކުރުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. 2024 ސެޕްޓެންބަރު 14 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ވޯޓުކަރުދާސް ނައްތާލުމާ ގުޅޭގޮތުން ކޮމިޝަނުން ގޮތެއް ނިންމެވުމާގުޅޭ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެކަމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރިތާ ގިނަވެގެން 14 ދުވަސް ހަމަވިއިރު، އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާތީ، 2024 ސެޕްޓެންބަރު 14 ވީ ހޮނިހިރު ދުވަހު ހއ.މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު ކަރުދާސްތައް ނައްތާލުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. ގަވައިދު ނަންބަރު:2024/R-103 (މަސައްކަތު މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކައުތެރިކަމުގެ ގަވާއިދު) އާގުޅޭ.
ގަވައިދު ނަންބަރު:2024/R-103 (މަސައްކަތު މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކައުތެރިކަމުގެ ގަވާއިދު) އާ ގުޅިގެން، މި ކޮމިޝަނުން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ބެލުމަށާއި، މިގޮތުން ކޮމިޝަނުގެ އިދާރާއިން މިކަމާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް ތައްޔާރުކުރަންޖެހޭނަމަ، އެ އުޞޫލުތައް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި މި ގަވައިދާ ގުޅިގެން ޢަމަލުކުރަންޖެހޭ ކަންކަން އިދާރީގޮތުން ތަރުތީބުކުރުމަށްފަހު، އެކަމުގެ ތަފްޞީލީ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ މަސައްކަތަށް ކުއްޔަށްދޫކޮށްފައިވާ ޢިމާރާތް 3 މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށްއެދި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެކުންފުނީގެ ނަންބަރު:113-ADM/38/2024/3 (8 ސެޕްޓެންބަރު 2024) ސިޓީގައި، ކޮމިޝަން ހިނގަމުންމިދާ ޢިމާރާތަކީ މިހާރު މުވައްޒަފުން މަސައްކަތްކުރަން ރައްކާތެރިނޫން ތަނެއްކަމަށް އެކްޕަރޓް އެސެސްމަންޓުން ކަނޑައަޅާފައިވާކަމަށް ބުނެފައިވާތީ، އެފަދަ ޢިމާރާތެއްގައި މަސައްކަތްކުރުން މި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފޯލްވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ދެއްވައި ދެންއަންނަ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް އެ ކަމުގެ މަޢުލޫމާތުވެސް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. ސައިބަރ ސެކިއުރިޓީ ބިލް އަދި ޕަރސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލްގެ ޑްރާފްޓަށް ކޮމެންޓް ކުރުމާގުޅޭ.
2024 އޮކްޓޫބަރު 21 ވީ ހޯމަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، ސައިބަރ ސެކިއުރިޓީ ބިލްގެ ޗެޕްޓަރ 4 ގައިވާ ކްރިޓިކަލް އިންފްރަރ ސްޓްރަކްޗަރގައި ބަޔާންކުރާ މާއްދާތަކުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާއަށް އެކްސެސްވެވޭގޮތަށް އޮންނަނަމަ، ކޮމިޝަނުގެ މުސްތަޤިއްލުކަމަށް ނޭދެވޭ އަސަރު ކުރާނެތީ، އިލެކްޝަންސް ކޮމިޝަން އިސްތިސްނާކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
7. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ އަސާސީ ގަވާއިދަށް އިޞްލާޙު ގެނައުމާގުޅޭ.
ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާ އިޞްލާޙު ކުރުމަށްފަހު ގެނެވުނު ބަދަލު ކޮމިޝަނުގައި ދަފްތަރުކޮށް ދެއްވުންއެދި ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސްގެ ނަންބަރު:8/2024 (20 އޮކްޓޫބަރު 2024)ސިޓީ މި ކޮމިޝަނަށް ފޮނުއްވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު، މިއަދުން ފެށިގެން އެންޑޯސް ކުރައްވާ ދަފްތަރު ކުރުމަށް ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕަޓީއެއްގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވާއިދަށް ނުވަތަ މެނިފެސްޓޯއަށް ނުވަތަ ޕާޓީ ތަމްސިލުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ފަރާތަށް، ނުވަތަ އެފަރާތުގެ އެޑްރެހަށް ބަދަލެއް އަތުވެއްޖެކަމުގައިވާނަމަ، އެ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން ކޮމިޝަނަށް ލިޔުމުން އަންގަންވާނެކަމަސް ބަޔާންކޮސްފައިވާއިރު، ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ އަސާސީ ގަވާއިދަށް އައިސްފައިވާ ބަދަލު މި މާއްދާގައި ބަޔާންކޮސްފައިވާ މުއްދަތުގެ ތެރޭގައި ލިޔުމުން ހުށަހަޅާފައިވުމާއި؛
އޭގެ އިތުރުން، ބުނެވިދިޔަ މާއްދާގެ (ށ) ގައި ޕާޓީގެ ނަމަށް ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯއަށް އެއްވެސް ބަދަލެއް އައިސްގެން އެކަން ކޮމިޝަނަށް އަންގާއިރު، އެކަން އެގޮތަށް ބަދަލުކުރުމަށް ކަނޑައެޅި ބައްދަލުވުމުގެ ތަފްޞީލު ޔައުމިއްޔާގެ ކޮޕީއެއް ފޮނުވަންވާނެކަމަސް ބަޔާންކޮސްފައިވާއިރު، އަސާސީ ގަވާއިދު އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ ހުށަހަޅާފައިވުމާއި؛
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އެ ޕާޓީގެ އަސާސީ ގަވާއިދު އިޞްލާޙުކޮށްފައިވަނީ، ސިޔާސީ ޕަޓީގެ ޤާނޫނާއި ގަވާއިދާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ކަމުގައިވާތީއާއި، އިޞްލާޙުކޮށްފައިވާ މާއްދާގައި ޤާނޫނާއި ގަވާއިދާއި ޚިލާފުކަމެއް ހިމެނިފައިނުވެއެވެ.
8. ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު (A033020) "މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށްއެދޭ ފޯމު ހުށަހެޅުމާގުޅޭ.
ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު (A033020) "މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށްއެދޭ ފޯމު ހުށަހެޅުމާއި ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ 6 ވަނަ މާޢްދާގައި ބުނާ ޝަރުޠުތައް ބަލައި ޗެކްކުރިއިރު ޢަލީ އަޙްމަދު ހުށަހަޅާފައިވާ ކުށުގެ ރެކޯޑަކީ 10 އަހަރުގެ ރެކޯޑެއްކަމުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާއި ބަދުއަޚްލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ޘާބިތުވެފައިވާ މީހެއްކަމުގައި ވެގެންނުވާނެކަމަށް ޝަރުޠުކޮށްފައި އޮންނާތީ، އެ ޝަރުޠު ކަށަވަރު ނުކުރެވޭތީވެ، އެކަން ބަޔާންކޮށް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ޤާނޫނީ ލަފަޔާ ޙަވާލާދީ، ޢަލީ އަޙްމަދުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވާކަން ކަށަވަރުނުކުރެވޭކަމަށްވާތީ، ޢަލީ އަޙްމަދަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
9. އޭ-ވެބް ގެ 6 ވަނަ ޖެނރަލް އެސެންބްލީގައި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ރަޝިއާ އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބެލަރޫސް ސަސްޕެންޑް ކުރުމަށް ޔުކްރެއިނުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޮނުއްވި ސިޓީއާގުޅޭ.
2024 އޮކްޓޫބަރު 21 އިން 25 އަށް ކޮލަންބިއާގެ ބޮގޮޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ވަރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 6 ވަނަ ޖެނރަލް އެސެންބްލީގައި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ރަޝިއާ އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބެލަރޫސް ސަސްޕެންޑް ކުރުމަށް ޔުކްރެއިނުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލަފާފުޅަކަށްއެދި 2024 އޮކްޓޫބަރު 9 ގައި މި ކޮމިޝަނުން ފޮނުވި ނަންބަރު:38-FA/25/2024/39 ސިޓީއާ ގުޅިގެން، ރަޝިޔާއާއި ޔުކްރެއިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެކި ޖަމްޢިއްޔާތަކުން ރަޝިޔާ ނުވަތަ އެ ޤައުމާ ގުޅުންހުރި ޤައުމުތައް ސަސްޕެންޑް ކުރުމަށް ނަގާފައިވާ ވޯޓުތަކުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް، ދިވެހި ސަރުކާރުންވާނީ "އެބްސްޓެއިން" ކޮށްފައިކަމަށާއި، އެހެންކަމުން 2024 އޮކްޓޫބަރު 21 އިން 25 އަށް ކޮލަންބިއާގެ ބޮގޮޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ވަރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 6 ވަނަ ޖެނރަލް އެސެންބްލީގައި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ރަޝިއާ އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބެލަރޫސް ސަސްޕެންޑް ކުރުމަށް ޔުކްރެއިނުން ހުށަހަޅާފައިވާ މައްސަލައިގައިވެސް ވޯޓެއް ނަގާނަމަ، "އެބްސްޓެއިން" ކުރުމަށް ލަފާ ދެއްވައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފޮނުއްވި ނަންބަރު:25-G4/38/2024/11 ސިޓީން ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.
10. މޯލްޑިވްސް އޭ.އައި ފޯރަމް އިން ފޮނުއްވި ދަޢުވަތާގުޅޭ.
2024 އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ “The First Maldives AI Forum” ގައި ބައިވެރިވުމަށް މި ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްއަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ނަމުގައި މި ފޯރަމްގައި ތިރީގައި ދަންނަވާފައިއެވާ މުވައްޒަފުން ބައިވެރިވުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
· ސެކްރެޓަރީ ޖެނެރަލް، ޢަބްދުﷲ އުނައިސް
· ޑިރެކްޓަރ، މުޙައްމަދު އަނީލް
· ސިސްޓަމް އެޑްމިނިސްޓްރޭޓަރ، ޙުސައިން އަޒްހާން
11. 2024 ނޮވެންބަރު 11 އިން 17 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ "ޕާލިމެންޓަރީ ޖެނެރަލް އިލެކްޝަންސް 2024" ގައި ބައިވެރިވުމަށް އެޤައުމުން ފޮނުވާފައިވާ ދަޢުވަތާގުޅޭ.
2024 ނޮވެންބަރު 11 އިން 17 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ "ޕާލިމެންޓަރީ ޖެނެރަލް އިލެކްޝަންސް 2024" ގައި ދެ ބޭފުޅަކު ބައިވެރިވުމުގެ ދަޢުވަތު، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، މިކަމާމެދު 2024 އޮކްޓޫބަރު 30 ވަނަ ދުވަހު ބާއްވާ ކޮމިޝަނުގެ ރަސްމީ ޖަލްސާގައި ހުރިހާ މެންބަރުން ހަމަވުމުން ގޮތެއް ނިންމަވައި ބައިވެރިވެވަޑައިގަންނަވާ ކޮމިޝަނުގެ 2 މެންބަރަކު ކަނޑައެޅުމަށާއި، މި ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވާނެކަން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނަށް ލިޔުމުން އެންގުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
12. ރާއްޖޭގައި ފާސްކުރެވެމުންދާ ޤާނޫނުތަކާ ގުޅޭގޮތުން އެ ޤާނޫނަކީ ކޮމިޝަނާ ގުޅުންހުރި ޤާނޫނެއްކަން ނުވަތަ ނޫންކަން އެނގޭގޮތަށް ކޮމިޝަނަށް ބްރީފްކުރުމާގުޅޭ.
ރާއްޖޭގައި ފާސްކުރެވެމުންދާ ޤާނޫނުތަކާ ގުޅޭގޮތުން އެ ޤާނޫނަކީ ކޮމިޝަނާ ގުޅުންހުރި ޤާނޫނެއްކަން ނުވަތަ ނޫންކަން އެނގޭގޮތަށް ކޮމިޝަނަށް ބްރީފިންގ އެއް ދިނުމަށް ކޮމިޝަނުގެ މެންޑޭޓުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނަށް މަތިކޮށްފައިވާނެ ކަމަށާއި، މިގޮތުން ކޮމިޝަނަށް ބްރީފިންގ އެއް ދޭއިރު، އެ ޤާނޫނަކުން ކޮމިޝަނުން ކުރަންޖެހޭ ކަމެއް އޮތްތޯ ބެލުމަށްފަހު، އިދާރީގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެކަމާ ގުޅޭ އެންމެހާ އެމަޢުލޫމާތާއެކު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.