ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. އިލެކްޝަންސް ކޮމިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވާނެ މެންބަރަކު ކަނޑައެޅުއްވުން.

އިލެކްޝަންސް ކޮމިޝަނަށް ރައީސަކު ނުވަތަ ނާއިބު ރައީސަކު ރައިސޫލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަންދެން، އިލެކްޝަންސް ކޮމިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވާނީ، މިހާރުވެސް އިލެކްޝަންސް ކޮމިޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ކަމުގައި، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު:196-PGB/38/2025/1 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، އެކަމާގުޅޭ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ޞައްޙަނޫން ފޯމުތަކެއް ހުށަހަޅާފައިވާކަމަށްބުނާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާތީ، އެފަދަ މައްސަލަތަކެއް ނުވަތަ މައްސަލައެއް މި ކޮމިޝަނުން ބަލަމުންދާކަން ނުވަތަ ނޫންކަން އެންގުމަށްއެދި އެ އޮފީހުގެ ނަންބަރު:196-PGB/38/2025/1 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ޕީ.އެން.ސީގެ ފަރާތުން މި ކޮމިޝަނަށް ހުށަހަޅާފައިވާ މެންބަރޝިޕް ފޯމުތަކުގެ ތެރޭގައި ޞައްޙަ ނޫން ފޯމުތަކެއް ހިމެނޭކަމުގެ ޝަކުވާ ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން މިކޮމިޝަނަށް ލިބިފައިވާތީ، މިކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކަށް މިކޮމިޝަނުން ފިޔަވަޅު އަޅަމުންދާއިރު، މި ބާވަތުގެ ޝަކުވާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުޤީކޮށް ނިންމާ އެކަން މިކޮމިޝަނަށް އެންގުމުން، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކެއްވާނަމަ، އެ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމާއި، މިކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާއާ ގުޅުންހުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، މުޅި ނިޒާމު ޑިޖިޓަލައިޒްކޮށް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީގެ މެންބަރޝިޕްގެ ކަންކަން ކުރެވޭގޮތަށް ނިޒާމަކަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމާއި، އިސްވެ ދެންނެވުނު ކަންކަން ތަންފީޒުކުރުމުގެ ކުރީން، މިކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި އެލިސްޓު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް ކޮމިޝަނުން ނިންމާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަންބަރު:196-PGB/38/2025/1 ސިޓީގެ ޖަވާބުގެ ގޮތުގައި ފޮނުވުމަށް، 2025 ޖަނަވަރީ 21 ވަނަ ދުވަހު ކޮމިޝަނުގެ މެންބަރުން މެދުގައި މަޝްވަރާ ކުރައްވާފައިވާތީ، އެގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މިކޮމިޝަނުގެ ނަންބަރު: 38-CB./196/2025/1 ސިޓީ އެންޑޯސް ކުރެއްވުމަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  3. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް)ގެ ކުލަ ޑާރކް މެޖެންޓާ (#8B008B) އަދި ލައިމް ގްރީން (#CDDC23) އަށް ބަދަލުކުރުމާގުޅޭ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް)ގެ ކުލަ ޑާރކް މެޖެންޓާ (#8B008B) އަދި ލައިމް ގްރީން (#CDDC23) އަށް ބަދަލުކުރުމަށް ޤަޞްދުކޮށް އެ ޕާޓީން ފޮނުއްވާފައިވާ ނަންބަރު:PNF/LO/2025/002 ސިޓީއާ ގުޅިގެން، ޑާރކް މެޖެންޓާ (#8B008B) އަދި ލައިމް ގްރީން (#CDDC23) އަކީ މިހާރު ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޕާޓީއެއްގެ ކުލަތަކެއް ނޫންކަމުގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ވިދާޅުވެފައިވާތީ އެކަމަށް ރިޢާޔަތްކޮށް، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް)ގެ ކުލަ ޑާރކް މެޖެންޓާ (#8B008B) އަދި ލައިމް ގްރީން (#CDDC23) އަށް ބަދަލުކުރުމުގައި ޤާނޫނީގޮތުން އެއްްވެސް ހުރަހެއް ނެތަތީވެ، އިސްވެ ދެންނެވުނު ދެ ކުލަ ފާސްކޮށް ދެއްވުމަށާއި އަދި އެ ޕާޓީން ކުލަ ބޭނުންކުރައްވާއިރު ދެ ކުލަ އެކުގައި ބޭނުންކުރެއްވުމަށް އެ ޕާޓީގައި ދެންނެވުމަށްވެސް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  4. ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕަޓީގެ ާނޫނު)  ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދު ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ކޮމިޝަނުން ކަށަވަރުކުރުމާ ގުޅޭ

ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕަޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދު ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ކޮމިޝަނުން ކަށަވަރު ކުރަންޖެހޭތީ، 2024 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުކަމަށް ރަޖިސްޓްރޭޝަން ސެކްޝަނުން ކަށަވަރު ކުރައްވާފައިވާ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާނެއެވެ. އަދި މި ޢަދަދުތައް އެންޑޯޒްކުރައްވައި، ވީއެންމެ އަވަހަކަށް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޕާޓީތަކުގެ މެންބަރުންގެ ޢަދަދު:

ޕާޓީ

މެންބަރުންގެ ޢަދަދު

1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

43,755

2. ޢަދާލަތު ޕާޓީ

9,049

3. ޖުމްހޫރީ ޕާޓީ

13,826

4. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

12,174

5. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް

9,210

6. މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް

2,359

7. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

68,968

8. މޯލްޑިވްސް ރިފޯމް މޫވްމަންޓް

1,867

9. މޯލްޑިވްސް ނެޝަނަލް ޕާޓީ

6,050

10. ދަ ޑިމޮކްރެޓްސް

3,667

11. ޕީޕަލްސް ނޭޝަނަލް ފްރޮންޓް

2,822

އަދި 2024 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތަކަށް ބަލާއިރު، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) މި 3 ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާތީވެ، ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މައްދާގެ (ނ) ގައި އެއްވެސް ޕާޓީއެއްގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާކަމަށް ކޮމިޝަނަށް ފާހަގަ ކުރެއްވިއްޖެނަމަ، އެ ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 3 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް އެ ޕާޓީއަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް)، މި 2 ޕާޓީއަށް ނޯޓިސް ފޮނުއްވުމަށާއި އަދި ނޯޓިސް ފޮނުއްވުމުގެ  ކުރީން މި ދެ ޕާޓީން އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނަ، އެ ފޯމެއް ޕްރޮސެސްކޮށް ނިމުމަށްފަހު 3,000 (ތިންހާސް) މެންބަރުން ހަމަނުވާކަން ކަށަވަރު ކުރުމަށްފަހު ނޯޓިސް ފޮނުވުމަށާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އަކީ ކޮމިޝަނުން އުވާލުމަށް ނިންމަވާފައިވާ ޕާޓީއެއްކަމުން ޤާނޫނުގައިވާ ގޮތުގެމަތީން އެ ޕާޓީއަށް މިވަގުތު ނޯޓިސް ދޭން ނުޖެހޭނެކަމަށްވެސް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   5. ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 10 ވަނަ އިޞްލާޙު ގެނައުމާގުޅޭ.

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި އަދި އީ-ފާސް އިންޓަރގްރޭޓްކުރުމާ ގުޅޭގޮތުންހުރި މާއްދާތައް އިޞްލާޙު ކުރުމަށްޓަކައި، ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 10 ވަނަ އިޞްލާޙު ގެނައުމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ނަމަވެސް ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ 15 ވަނަ މާއްދާގެ (ޅ) އުނިނުކޮށް ބޭއްވުމަށާއި، އަދި އެ އަކުރު އަންނަނިވިގޮތަށް އިޞްލާޙު ކުރުމަށްވެސް ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިޞްލާޙު: "އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވަނުމުގެ ޚިދުމަތް ވަގުތީގޮތުން ޚިދުމަތް މެދުކެނޑޭ ކެނޑުން ފިޔަވައި، ދާއިމީ ގޮތަކަށް ނުވަތަ ކަނޑައަޅާފައިއޮތް ނިޒާމުގެ ބޭނުން ދިގުމުއްދަތަކަށް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ސިޔާސީ ޕާޓީތަކުން މެންބަރުން ވަނުމާމެދު އިލެކްޝަންސް ކޮމިޝަނުން ފޯމުހުށަހަޅާނެ ގޮތެއް ކަނޑައަޅަންވާނެއެވެ." މިފަދައިންބުނެ މާއްދާއެއް އިތުރުކުރުން.

މި ގަވާއިދު ގެޒެޓުކުރުމާއެކު، 2025 ފެބުރުވަރީ 15 ވަނަ ދުވަހުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށްވެސް ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. ފާއިތުވި އިންތިޚާބުތަކުގައި ބޭނުންކޮށްފައިވާ ތަކެތި ނައްތާލުމާގުޅޭ.

ފާއިތުވި އިންތިޚާބުތަކުގައި ބޭނުންކޮށްފައިވާ ކޮމިޝަނުގެ ލޯގޯ ޖެހި ސްޓޭމްޕާއި މުއްދަތު ހަމަވެފައިވާ އިންޑެލިބަލް މާކަރު ނައްތާލުމަށް  ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނައްތާލާ ތަކެތީގެ ބާވަތް

ޢަދަދު

ކޮމިޝަނުގެ ލޯގޯ ޖަހާފައިވާ އިންޑެލިބަލް މާކަރު

5,512

ރިޔާސީ އިންތިޚާބު 2023 އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުކަރުދާހުގައި ޖަހަން ބޭނުންކުރި ތައްގަނޑު

1,201

 

  7. 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައި ޙަރަކަތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާގުޅޭ.

2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ބަހައްޓާ 18 ވޯޓުފޮށީގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތައް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، ލިސްޓުގައި ކޮމިޝަނުގެ މެންބަރުން ސޮއި ކުރެއްވުމުން ފާސްވީކަމުގައި ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

އަދި މި އޮފިޝަލުންގެ ލިސްޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ކޮމިޝަނާ ޙިއްޞާ ކުރައްވައި އެ ބަދަލެއް އައި ލިސްޓުގައި މެންބަރުން ސޮއި ކުރެއްވުމުން ފާސްވީ ކަމުގައިވެސް ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  8. ފައިނޭންސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްޙަސީބް އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާގުޅޭ.

ފައިނޭންސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްޙަސީބް އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާގުޅިގެން، ގަވައިދު ނަންބަރު: 2019/R-2 (އިލެކްޝަންސް ކޮމިޝަންގެ ގަވައިދު) ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތު ކޮމިޝަނަށް ދޭންވާނެ ކަމާއި، ނޯޓިސް ދިނުމުގެ ބަދަލުގައި ނުވަތަ އެ މުއްދަތަށް ނޯޓިސް ދެވެން ނެތްނަމަ، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށްވާ ޢަދަދެއްގެ ފައިސާ އެ މުވައްޒަފަކު ކޮމިޝަނަށް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާތީއާއި، އަދި މި މާއްދާގައި އިސްވެ ދެންނެވުނު މުއްދަތު ހަމަވުމުގެ ކުރިންވެސް ކޮމިޝަނަށް ފެނިއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީ، ފައިނޭންސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްޙަސީބް އިސްމާޢީލް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންފައިނުވުމާއި، މުވައްޒަފެއްގެ ޙައިޞިއްޔަތުން ވަކިވެ ވަޑައިގެންނެވި ނަމަވެސް، ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެވިގެން އަލުންވެސް އިލެކްޝަންސް ކޮމިޝަނަށް ޚިދުމަތް ކުރެއްވުމުގައި ކޮމިޝަނުގެ ވަޒީފާގައި ދެމިހުންނެވުމާ ގުޅިގެންނާއި، އަދި ކޮމިޝަނުގެ މެންބަރުކަމަށް މީގެކުރިންވެސް ހޮވިފައިތިބި ބޭފުޅުންނާމެދު ޢަމަލުކުރިގޮތަށް، ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 1 (އެކެއް) މަސް ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި، އެހެންނަމަވެސް، ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެވޭ ޙާލަތުގައި ގަވައިދުުގައި ބަޔާންކޮށްފައިވާ 1 (އެކެއް) މަސް ދުވަހުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށްވާ ޢަދަދެއްގެ ފައިސާ، ކޮމިޝަނަށް ދޭންޖެހޭނެކަމަށް ބުނާ ބުނުން އިސްތިސްނާކުރުމަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   9. 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރަމްތަކުގެ ޕްލޭނާގުޅޭ.

2025 ޖަނަވަރީ 20 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވި ގޮތުގެމަތިން، 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރަމްތަކުގެ ޕްލޭން، ސިވކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

އަދި ދިމާވާ ޙާލަތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރަމްތަކުގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލެއްވާނަމަ، އެކަމެއް ކޮމިޝަނަށް ހުށަހަޅުއްވައި، ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތިން ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   10. އެސޯސިއޭޝަން ފޯ ވާލޑް އިލެކްޝަން މެނޭޖްމަންޓް (އޭ-ވެބް)ގެ 13 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމާގުޅޭ.

އެސޯސިއޭޝަން ފޯ ވާލޑް އިލެކްޝަން މެނޭޖްމަންޓް (އޭ-ވެބް)ގެ 13 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުން 2025 މާރިޗު މަހު ހޯސްޓުކުރުމާ ގުޅޭގޮތުން، އޭވެބްގެ ސެކްރެޓޭރިއެޓުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސީޓީއާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގެ ދަތިކަން ހުރުމާއެކު އެސޯސިއޭޝަން ފޯ ވާލްޑް އިލެކްޝަން މެނޭޖްމަންޓް (އޭ-ވެބް)ގެ 13 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުން 2025 މާރިޗު މަހު ހޯސްޓު ނުކުރެވޭނެކަމަށް ދަންނަވައި އޭ-ވެބް އަށް ސިޓީއަކުން ޖަވާބު ދީފައިވާތީ، އޭ-ވެބް އަށް ފޮނުވި މިކޮމިޝަނުގެ ނަންބަރު:38-FA/INDIV/2025/17 ސިޓީ ،ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.

 

   11. ސެކްރެޓަރީ ޖެނެރަލް ޢަބްދުއުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2024 ވަނަ އަހަރުގެ އެޕްރައިޒަލް މާރކްސް ފުރިހަމަ ކުރެއްވުމާގުޅޭ.

ސެކްރެޓަރީ ޖެނެރަލް ޢަބްދުއުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2024 ވަނަ އަހަރުގެ އެޕްރައިޒަލް މާރކްސް ފުރިހަމަ ކުރެއްވުމަށްޓަކައި މިއަދުގެ ރަސްމީ ޖަލްސާ ނިމުމަށްފަހު އެކަމަށް، ވަކިން މީޓިންގއެއް ހަމަޖައްސައި އެ މީޓިންގގައި އެޕްރައިޒަލް ފުރިހަމަ ކުރެއްވުމަށްފަހު ދެން ބާއްވާ ކޮމިޝަނުގެ ރަސްމީ ޖަލްސާއެއްގައި އެންޑޯސް ކުރެއްވުމަށް އެޖެންޑާ ކުރެއްވުމަށް، ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   12. ސެކްރެޓަރީ ޖެނެރަލް ޢަބްދުއުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް ފުރިހަމަ ކުރެއްވުމާގުޅޭ.

ސެކްރެޓަރީ ޖެނެރަލް ޢަބްދުއުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް ފުރިހަމަ ކުރެއްވުމާ ގުޅޭގޮތުން، ކޮމިޝަނުގެ 5 މެންބަރުން ހަމަވާ ޖަލްސާއަކަށް އެޖެންޑާ ކުރެއްވުމަށް ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  13. ފިލިޕީންސްގައި 2025 މޭ 8 އިން 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލީހުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދި، އަދި އަދި އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވެ ބޯޑް މީޓީންގ ގައި ބައިވެރިވުމާގުޅޭ.

ފިލިޕީންސްގައި 2025 މޭ 8 އިން 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލީހުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދި، އަދި އަދި އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވެ ބޯޑް މީޓީންގ ގައި ބައިވެރިވުމަށް އެދި، ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސްގެ ފަރާތުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، މި ދަޢުވަތު ޤަބޫލުކޮށް މިކޮމިޝަނުގެ ފަރާތުން މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
858

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ