ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) މަޤާމުގައި ހުންނެވި އާމިނަތު ރައްޔާ، ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އާއި ހުސްވާ މަޤާމާ ގުޅޭ.

ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) މަޤާމުގައި ހުންނެވި އާމިނަތު ރައްޔާ، ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ، އެދިފައިވާ ގޮތުގެމަތިން 2025 މާރިޗު 20 ވަނަ ދުވަހުން ފެށިގެން މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އަދި ހުސްވި ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށްވެސް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. "ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއިން މީހުން ވަކިކުރުމުގެ އުސޫލު" އިޞްލާޙު ކުރުމާ ގުޅޭ.

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 2 "ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއިން މީހުން ވަކިކުރުމުގެ އުސޫލު" އެކަނި އިޞްލާޙުކުރުމުގެ ބަދަލުގައި، ކޮމިޝަނުގެ ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއިން މީހުން ވަކިކުރުމުގައި ޢަމަލުކުރާ ވަކިވަކި އެންމެހާ އުޞޫލުތަކާއި، މިކަންކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަން އިޞްލާޙުކޮށް، ކޮމިޝަނަށް ހުށަހެޅުމަށާއި، މިގޮތަށް ހުށަހެޅުމުގެ ކުރީން މިކަންކަމާ ގުޅޭގޮތުން ކޮމިޝަނުގެ މެންބަރު ޢަބްދުލް ޙަސީބު އިސްމާޢީލްއާ މަޝްވަރާކުރުމަށްވެސް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. އޮފިސަރ (ޖީ.އެސް 3) މަޤާމުގެ އަސާސީ ޝަރުޠުތައް އިޞްލާޙު ކުރުމާ ގުޅޭ.

އޮފިސަރ (ޖީ.އެސް 3) މަޤާމުގެ އަސާސީ ޝަރުޠުތައް އިޞްލާޙު ކުރުމާއި، ކޮމިޝަނުގައި މިހާރު ހުސްވެފައިވާ މަޤާމުތަކާ ގުޅޭގޮތުން، ތިރީގައި މިދަންނަވާ ނިންމެވުންތައް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

· އޮފިސަރ (ޖީ.އެސް 3) މަޤާމުގެ އަސާސީ ޝަރުޠު މިހާރުވެސް އޮތްގޮތަށް ބޭއްވުމަށްފަހު، ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމުތަކަށް، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުން މުވައްޒަފުން ހޯދުމަށްޓަކައި އެ މަޤާމުތަކަށް އިޢުލާންކުރުން.

#

މަޤާމް

ރޭންކް

ސެކްޝަން

1

ސީނިއަރ އޮފިސަރ

އެމް.އެސް 1

އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން

2

އޮފިސަރ

ޖީ.އެސް 3

ޕްރޮކިއުމަންޓް ސެކްޝަން

3

އޮފިސަރ

ޖީ.އެސް 3

ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން

4

ފޮރިން ރިލޭޝަންސް އޮފިސަރ

ޖީ.އެސް 3

ކޮމިޝަނަރސް ބިއުރޯ

 

· ހުސްވެފައިވާ މަޤާމުތަކުގެ ތެރެއިން، ތިރީގައި މިދަންނަވާ މަޤާމުތަކަށް ގޮތެއް ނިންމެވުމަށްޓަކައި ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުން.

#

މަޤާމް

ރޭންކް

ސެކްޝަން

1

އެސިސްޓެންޓް ޑިރެކްޓަރ

އެމް.އެސް 3

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

2

ސީނިއަރ އޮފިސަރ

އެމް.އެސް 1

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

3

އެސިސްޓެންޓް ޑިރެކްޓަރ

އެމް.އެސް 3

ރަޖިސްޓްރޭޝަން ސެކްޝަން

 

 

· ކޮމިޝަނުގެ ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއިން މީހުން ވަކިކުރުމުގެ އުޞޫލާއި، ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއިން މީހުން ވަކިކުރުމާ ގުޅޭގޮތުން ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިޞްލާޙުކުރާއިރު، އިލެކްޝަންސް ކޮމިޝަނުގެ މަޤާމުތަކުގެ ޝަރުތުތަކާއި މިންގަނޑުތަކުގެ އުޞޫލުގައި ބަޔާންކޮށްފައިވާ އޮފިސަރ (ޖީ.އެސް 3) މަޤާމުގެ އަސާސީ ޝަރުޠުތައް އިޞްލާޙުކުރުމަށްފަހު، ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުން.

 

   4. އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތަކާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ އިންޓަރނަލް އޮޑިޓަރގެ ޕްލޭންގައިވާ 2025 ވަނަ އަހަރުގެ ޓާގެޓްތަކުގެ ސަބް ޓާސްކްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހާޅާފައިވާ ގޮތް އެންމެ ރަނގަޅުކަމަށާއި، އެހެންނަމަވެސް ސަބް ޓާސްކްތަކުގެ ޓައިމް ޕީރިއަޑެއް ބަޔާންކުރުމުގެ އިތުރުން، މާލީ ކަންކަމުގެ އޮޑިޓުތަކުގެ ރިޕޯޓިންގ އިންޓަރނަލް އޮޑިޓަރ، އިންޓަރނަލް ސަބްކޮމިޓީއަށް ހުށަހެޅިކަމުގައިވިއަސް، އެ ރިޕޯޓުތަކަކީ ފަހުން ކޮމިޝަނަށް ހުށަހެޅޭ ލިޔެކިޔުންތަކެއް ކަމަށްވާތީ، އިންޓަރނަލް އޮޑިޓަރު އެޕްރައިޒް ކުރާނީ މިހާރުވެސް ޢަމަލުކުރާ އުޞޫލުގެ ދަށުން ކޮމިޝަނުން އެކަނިކަމުގައި، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. 2025 ފެބުރުވަރީ މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.

2025 ފެބުރުވަރީ މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރެވިފައެެވެ.

އަދި އެ އަހަރެއްގެ ބަޖެޓުގެ ތެރެއިން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން، ދެން އަންނަ އަހަރެއްގައި ކުރަންޖެހޭ ޙާލަތްތަކުގައި، އެކަމަކީ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭކަމެއް ކަމުގައިވީނަމަވެސް، ކުރިއަށްއޮތް ތަނުގައި އެކަމުގެ މަޢުލޫމާތު ލިޔުމުން ކޮމިޝަނާ  ޙިއްޞާ ކުރުމަށްވެސް ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމާއި، ލީގަލް ކޮންސަލްޓެންސީގެ ޚިދުމަތާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން އިތުރަށް ހަރުދަނާކުރުމަށް، ތިރީގައި މިދަންނަވާ ކަންކަން ތަންފީޛުކުރެއްވުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށާއި، އެގޮތުން އިޢުލާންކުރާއިރު، އިޢުލާންގައި "އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން." އޮތް ޢިބާރާތް ހަމައެކަނި "18 އަހަރާއި 55 އަހަރާއި ދެމެދު". މިފަދައިން އިޞްލާޙުކުރުމަށާއި އަދި މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަލިބިފައިވުމާއެކު މި ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމަށްވެސް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، "ކައުންސެލަރ ޖެނެރަލް" ގެ ނަމުގައި މަޤާމެއް އުފައްދައި، އެ މަޤާމަކާގުޅޭ ތަފްޞީލީ މަޢުލޫމާތު ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ލީގަލް ކޮންސަލްޓެންސީގެ ޚިދުމަތް، މިހާރުވެސް ކޮމިޝަނުން ނިންމަވާފައިވާ ގޮތުގެމަތީން ހޯދުމަށާއި، މިގޮތުން އެ ޚިދުމަތް ހޯދުމަށް ޢާންމުކޮށް އިޢުލާންކުރުމަށާއި، މި ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދާއިރު، މި ޚިދުމަތާ ގުޅޭ އެއްބަސްވުމުގައި، އެއްބަސްވުން ބާޠިލްކުރެވޭނެ ޙާލަތްތައް އިތުރަށް ތަފްޞީލީ ގޮތެއްގައި ބަޔާންކުރުމަށްވެސް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. އަލަށް ތަސްދީޤުކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.

· ޤާނޫނު ނަންބަރު:7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

އަލަށް ތަސްދީޤުކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭގޮތުން، ޤާނޫނު ނަންބަރު:7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

 

   8. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން "ފްލެޓްގެ ޙައްޤު ހޯދުމަށް އަޑުއުފުލުން" ނަމުގައި 2025 މާރިޗު 7 އިން 9 އަށް ކޮށްފައިވާ މުޒާހަރާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހަޅުއްވާފައިވާ ނަންބަރު:171-F(a)/38/2025/36 ސިޓީއާއި، ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީވެ ނުވަތަ ގެންދާނަމަ، އެކަންކަމާ ގުޅިގެން ކޮމިޝަނުގައި ޢަމަލުކުރާނޭ ވަކި އިޖުރާޢަތެއް ކަނޑައެޅުން.

2025 މާރިޗު 7 އިން 9 އަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން "ފްލެޓް ޙައްޤު ހޯދުމަށް އަޑުއުފުލުން" ނަމުގައި ހިންގަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީ އެކަންކަމާ ގުޅިގެންނާއި، ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީވެ ނުވަތަ ގެންދާނަމަ، އެކަންކަމާ ގުޅިގެން ކޮމިޝަނުގައި ޢަމަލުކުރާނޭ ވަކި އިޖުރާޢަތެއް މިހާތަނަށް ޤާއިމުކޮށްފައިނުވާތީވެ، އެކަމާ ގުޅިގެން ތިރީގައި މި ދަންނަވާ ކަންކަން ތަންފީޛުކުރެއްވުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. 2025 މާރިޗު 7 އިން 9 އަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން "ފްލެޓް ޙައްޤު ހޯދުމަށް އަޑުއުފުލުން" ނަމުގައި ހިންގަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީ އެކަންކަމާ ގުޅިގެން އެ ޕާޓީއަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރު ކޮށްފައިވާ ޤާނޫނީ ލަފާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފިޔަވަޅު އަޅަން ކޮމިޝަނަށް ފެންނަ ކަމަށާއި، އެހެންނަމަވެސް، ފިޔަވަޅު އެޅުމުގެ ކުރީން ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާާޢާތުތައް ފުރިހަމަކުރުމަށާއި، މިގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން "ފްލެޓް ޙައްޤު ހޯދުމަށް އަޑުއުފުލުން" ނަމުގައި ހިންގަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީ އެކަންކަމާ ގުޅިގެން މީގެ ކުރީން ކޮމިޝަނުން ވާނީ އެ ޕާޓީއަށް ނިސްބަތްކޮށް ނޫސް ބަޔާނެއް ޢާންމުކޮށްފައި ކަމަށާއި، އެ މަރުޙަލާ މިހާރު ނިމިފައިވާ ކަމަށާއި، ދެވަނަ ކަމަކަށް ސިޔާސީ ޙަރަކާތް ހިންގުމުގައި ސިޔާސީ ޕާޓީތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ހުރިހާ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޢަމަލުކުރުމަށް އަންގައި އިލްތިމާޞްކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނަޞޭޙަތުގެ ސިޓީއެއް ފޮވުމަށާއި، އަދި މިފަދަކަންކަން ތަކުރާރުވާކަމަށްވަނީނަމަ، އިތުރު ސިޓީއެއް ފޮނުވުމަށްފަހު، ކޮމިޝަނަށް ޙާޟިރުކުރުމަށް އަންގާ ޕާޓީ ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ޕާޓީގެ ބަޔާނެއް ނެގުމަށާއި، އެއަށްފަހު އަދިވެސް މިފަދަކަންކަން ތަކުރާރުވާކަމަށްވަނީނަމަ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕާޓީ ޖޫރިމަނާކޮށް، އަދި އެއަށްފަހުވެސް ދެންވެސް މިފަދަކަންކަން ތަކުރާރުވާކަމަށްވަނީނަމަ، ފަހު ފިޔަވަޅައެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕާޓީއަށް ފިޔަވަޅު އެޅުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2. ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާތީވެ ނުވަތަ ގެންދާނަމަ، އެކަންކަމާ ގުޅިގެން ކޮމިޝަނުގައި ޢަމަލުކުރާނޭ ވަކި އިޖުރާޢަތެއް މިހާތަނަށް ޤާއިމުކޮށްފައިނުވާތީވެ، މީގެ ފަހުން ތިރީގައި މި ދަންނަވާ ގޮތުގެމަތީން އިޖުރާޢަތު ފުރިހަމަކޮށް ޕާޓީތަކާ މެދު ޢަމަލުކުރެއްވުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާނަމަ، ކޮމިޝަނަށް އެކަން ފާހަގަވާ ހިސާބުން ނޫސްބަޔާނެއް ޢާންމުކުރުން.

· ސިޔާސީ ޕާޓީތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ހުރިހާ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޢަމަލުކުރުމަށް އަންގައި އިލްތިމާޞްކޮށް، ޕާޓީތަކަށް ނަޞޭޙަތުގެ ސިޓީއެއް ފޮނުވުން.

· ދެންވެސް، ޤާނޫނާ ޚިލާފު ކަންކަން ތަކުރާރުވާކަމަށްވަނީނަމަ، އިތުރު ސިޓީއެއް ފޮނުވުމަށްފަހު، ކޮމިޝަނަށް ޙާޟިރުކޮށް، ޕާޓީ ޖަވާބުދާރީވުމަށް ފުރުޞަތު ދިނުން.

· އެއަށްފަހު އަދިވެސް ޤާނޫނާ ޚިލާފު ކަންކަން ތަކުރާރުވާކަމަށްވަނީނަމަ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕާޓީ ޖޫރިމަނާ ކުރުން.

· އެއަށްފަހުވެސް ދެންވެސް މިފަދަކަންކަން ތަކުރާރުވާކަމަށްވަނީނަމަ، ފަހު ފިޔަވަޅައެއްގެ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕާޓީއާ މެދު ފިޔަވަޅު އެޅުން.

3. ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފަށް ހިންގާ ޢަމަލުތަކުގައި، ޤާނޫނާ ޚިލާފުވާ ވަކިވަކި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާތީވެ، ޤާނޫނާ ޚިލާފުވާ ވަކިވަކި ފަރާތްތަކާމެދު ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި، މިކަންކަމާ ގުޅޭގޮތުން ދިވެހި ފުލުހުންނާއެކު މަޝްވަރާކޮށް މިކަމުގައި ޢަމަލުކުރެވިދާނެ ގޮތެއް ހޯދުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   9. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތަކާ ގުޅޭ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންމުގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސްކުރައްވާފައެވެ.

 

   10. ކެންޑިޑޭޓް އެޕްލިކޭޝަން ޕޯޓަލް ރިކުއަރމަންޓްތަކާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރާ އިންތިޚާބުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު، ލިޔެކިއުންތައް އަދި އިދާރީ ފައިސާ ދެއްކުމަށާއި، އެ ފަރާތްތަކަސް ދޭންޖެހޭ ޖަވާބު ދިނުމަށް ތައްޔާރުކުރާ ޕޯޓަލްގެ ރިކުއަރމަންޓާއި، ކެންޑިޑޭޓް އެޕްލިކޭޝަން ޕޯޓަލްގެ ރިކުއަރމަންޓް ފްލޯ ޗާޓް އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތް އެންމެ ރަނގަޅުކަމަށާއި، އެހެންނަމަވެސް، ކެންޑިޑޭޓް އެޕްލިކޭޝަން ޕޯޓަލްގެ ރިކުއަރމަންޓާއި ފްލޯ ޗާޓަށް ތިރީގައި މި ދަންނަވާ އިޞްލާޙުތައް ގެނައުމަށްފަހު، އެގޮތުގެމަތީން ޕޯޓަލްގެ ރިކުއަރމަންޓާއި ފްލޯ ޗާޓު ފާސްކުރަންވަން، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ކޮމިޝަނުން ހުށަހަޅުއްވާފައިވާ އިޞްލާޙުތައް

1. އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރު: ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި އެކަމަށް ކަނޑައަޅާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާ އޮންނާނެތީވެ، މި މަޢުލޫމާތު ޕޯޓަލް އިން ފުރިހަމަކުރެވޭނެހެން އިޚްތިޔާރީ ގޮތެއްގައި ބޭއްވުން.

2. އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު ހޯދުމުގެ ގޮތުން ހުށަހަޅާ 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުން: އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު ހޯދުމުގެ ގޮތުން ހުށަހަޅާ 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ލިސްޓު އަދި ސޮފްޓް ކޮޕީގެ ބަދަލުގައި، ޕޯޓަލް މެދުވެރިކޮށް އެމީހަކު ވާދަކުރާ އިންތިޚާބީ ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކުގެ ތާއީދު ހޯދުން.

3. އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން: އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ފަރާތުގެ އީފާސް ލޮގިންގައި މަޢުލޫމާތު ފުރިހަމަކުރާތީ، އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހުމާއި، މިކަން ކަމާގުޅުންހުރި ގަވާއިދުގައި ބަޔާންކޮށް، މާނަކުރުން. އަދި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ހުށަހަޅާއިރު މިކަން ބަޔާންކޮށް ޤާނޫނީގޮތުން ޙައްލެއް ހޯދުން.

4. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުގެ އިޤުރާރު: އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުގެ އިޤުރާރުގައި ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލް ސޮއި ކުރުން. އަދި، ކެންޑިޑޭޓުގެ ނައިބުން، ރަސްމީ އިންތިޚާބު އެޖެންޓު އަދި ރަސްމީ އޮޑިޓަރުގެ އިޤުރާރު ފުރިހަމަކުރަންޖެހޭ ޙާލަތުގައި، ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުން.

5. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ މީސް މީޑިއާ ޕްލެޓްފޯމުތަކުގައި ކެންޑިޑޭޓަށް ތާއިދު ހޯދުމުގެ ގޮތުން ބޭނުންކުރާ ޔޫޒަރ އައިޑީތަކުގެ މަޢުލޫމާތު ހޯދުން: އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުގެ މީސް މީޑިއާ ޕްލެޓްފޯމުތަކުގައި ކެންޑިޑޭޓަށް ތާއިދު ހޯދުމުގެ ގޮތުން ބޭނުންކުރާ ޔޫޒަރ އައިޑީތަކުގެ މަޢުލޫމާތު އިޚްތިޔާރީގޮތުން ފުރިހަމަކުރުމަށް ހިމެނުން.

6. އިދާރީ ފީ: ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަވުމުން، އިންތިޚާބުގެ އިދާރީ ފީ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދެއްކުން.

7. ނަން އަނބުރާ ގެންދިއުން: ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތާ ހަމައަށް އެ އޮޕްޝަން ކެންޑިޑޭޓުންނަށް ފެންނާނެހެން އޮތުން. އެއަށްފަހު އެ އޮޕްޝަން ޑިޒޭބަލްވުން.

8. އެޕްލިކޭޝަން ފޯމުތައް: ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމުތައް ޕޯޓަލްއިން ނަގައި ވަކި ޚާއްޞަ ފޯލްޑަރ އެއްގައި ރައްކާކުރެވިފައި ބެހެއްޓުން. އަދި ފޯމުތައް ބަލަން ބޭނުންވާ ޙާލަތެއްގައި ފަސޭހައިން ފޯމު ސެޓްތައް ފެންނާނެހެން އިދާރީ ގޮތުން އިންތިޒާމުކުރުން.

9. ކޮމިޝަނުން ސޮއިކުރުން: ކޮމިޝަނުން ސޮއިކުރާ ސެޓްގައި އޮންނާނީ ކޮމިޝަނުގެ ފަރާތުން އިންތިޚާބުގައި ވާދަކުރެވޭނެކަން/ނުވަތަ ނޫންކަން ބަޔާންކުރާ ލިޔުމާއި، ކޮމިޝަނުގެ ފަރާތުން ސޮއިކުރާ ލިޔުން. (އެޕްލިކޭޝަން ފައިލް ސެޓް ގެންނާކަން ނުޖެހޭނެ).

10. ސިޔާސީ ޕާޓީތަކުގެ ޤަރާރު: އިންތިޚާބަށް ވާދަކުރާ ޕާޓީތަކުގެ ކެންޑިޑޭޓުން، އެ ފަރާތްތަކުން ވާދަކުރާ ސިޔާސީ ޕާޓީއެއް އިޚްތިޔާރުކުރުމުން، ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއެއްގެ ޕާޓީގެ އިޤުރާރު (ލިޔުން) ކެންޑިޑޭޓަށް ލިބުން. އަދި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މަޢުލޫމާތު ސިމެދަ ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް ފެންނާން އޮތުން.

11. ކެންޑިޑޭޓުން ޝަރުޠު ހަމަވުމާއި ނުވުން: އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ޝަރުޠު ހަމަވުމާއި ނުވުން ކަނޑައެޅުމާއި، މިކަމުގެ މަޢުލޫމާތު ޕޯޓަލްއިން ފެންނާނެހެން ފަރުމާކުރުން.

12. އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށާއި ވޯޓު ކަރުދާހުގައި ބޭނުންކުރާ ލޯގޯ އަދި ނިޝާން: އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށާއި ވޯޓު ކަރުދާހުގައި ބޭނުންކުރާ ލޯގޯ އަދި ނިޝާން، ޕޯޓަލްއަށް އަޕްލޯޑްކުރުން. (ކޮމިޝަނުން ނިންމާގޮތަކަށް ފްލޯ ފަރުމާކުރުން).

13. އަލުން ކެންޑިޑެސީ ދޭން ނިންމާ ޙާލަތްތައް: އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓަކަށް އަލުން ކެންޑިޑެސީ ދޭން ކޯޓުން ނިންމާފިނަމަ، އެކަން ޕޯޓަލްގެ ތެރެއިން ކުރެވޭނެހެން ޕޯޓަލް ފަރުމާކުރުން.

14. ޕްރޮސީޖަރ މެނުއަލް: އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރާ އިންތިޚާބުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު، ލިޔެކިއުންތައް އަދި އިދާރީ ފައިސާ ދެއްކުމަށާއި، އެ ފަރާތްތަކަސް ދޭންޖެހޭ ޖަވާބު ދިނުމަށް ތައްޔާރުކުރާ ޕޯޓަލްގެ ރިކުއަރމަންޓުގެ ޕްރޮސީޖަރ މެނުއަލް އެއް، ޕޯޓަލްއާއެކު ތައްޔާރުކުރުން.

 

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރާ އިންތިޚާބުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު، ލިޔެކިއުންތައް އަދި އިދާރީ ފައިސާ ދެއްކުމަށާއި، އެ ފަރާތްތަކަސް ދޭންޖެހޭ ޖަވާބު ދިނުމަށް ތައްޔާރުކުރާ ޕޯޓަލްގެ ރިކުއަރމަންޓާއެއްގޮތަށް ފަރުމާކުރަން ފެށުމަށާއި އެެއްވެސް ޙާލަތެއްގައި ޕޯޓަލް މަސައްކަތްނުކުރާފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހާ މުއްދަތުތައް ނުގެއްލޭނެ ފަދައިން، އިތުރު އޮޕްޝަނެއް ނުވަތަ ޕްލޭން ބީ އެއް ގެންގުޅުމަށާއި، އަދި މުޅި ޕޯޓަލްއާ ގުޅިގެން ޤާނޫނަށް ނުވަތަ ގަވާއިދަށް ބަދަލުތަކެއް ގެންނާންޖެހޭނަމަ، އެކަން ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  

  11. 2025 ފެބުރުވަރީ 8 ގައި ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުކަރުދާސްތައް ނައްތާލުމާ ގުޅޭ.

2025 ފެބުރުވަރީ 08 ގައި ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާ ގުޅިގެން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެކަމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރިތާ ގިނަވެގެން 14 ދުވަސް ހަމަވިއިރު، އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަންތަކުގައި ބޭނުންކުރި ވޯޓުކަރުދާސްތައް ނައްތާލުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

12. ފިލިޕީންސްގައި 2025 އެޕްރީލް 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 13 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމާއި، ފިލިޕީންސްގައި 2025 މޭ 8 އިން 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ "މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯ އިލެކްޝަން" އާއި އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވެ ބޯޑު ބައްދަލުވުމާއި، ސްރީލަންކާގައި 2025 މޭ 05 އިން 09 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ދަ ކޮމަންވެލްތް އިލެކްޝަންސް ޕްރޮފެޝަނަލްސް (ސީއީޕީ) އިނީޝިއޭޓިވް އޭޝިޔާ ރީޖަން ޓްރެއިނިންގ" އާ ގުޅޭ.

ފިލިޕީންސްގައި 2025 އެޕްރީލް 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 13 ވަނަ އެގްޒެކެޓިވް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެދިވަޑައިގެން، އޭވެބްެ ސެކްރެޓޭރިއެޓުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާގޮތަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވީނަމަވެސް، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު މި ދެންނެވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޢުޛުރުވެރިވެވަޑައިގަންނަވާތީ، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ފިލިޕީންސްގައި 2025 މޭ 8 އިން 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލީހުގެ އިންތިޚާބުގެ އޮބްޒާވްކުރުމަށާއި އަދި އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވެ ބޯޑް މީޓީންގ ގައި ބައިވެރިވެވަޑައިގެންނެވުމަށް ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސްގެ ފަރާތުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް މި ދެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، ސްރީލަންކާގައި، 2025 މޭ 05 އިން 09 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “The Commonwealth Election Professionals (CEP) Initiative’s Asia Region Training Event”  ވަރކްޝޮޕްގައި، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް އަދި އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު އަނީލް ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
866

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

    އެންމެ ފަހުގެ އިތުރު ޖަލްސާތައް

    ޖަލްސާތައް

    ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

    ޖަލްސާތައް

    ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ