ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1.ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގައި ރަޖިސްޓަރީ ކޮށްފައިވާ 1414 ނަންބަރުގެ އަހަރީ ފީ ދެއްކުމާ ގުޅޭ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގައި، މިކޮމިޝަނުން ރަޖިސްޓަރީކޮށްފައިވާ 1414 ނަންބަރުގެ އަހަރީ ފީ އާ ގުޅިގެން، 2012 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އަހަރީ ފީގެ ގޮތުގައި އަރާފައިވާ ޖުމްލަ 672,000/- (ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ)، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން، އެ އޮތޯރިޓީ އަށް ދެއްކުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، 2012 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އަހަރީ ފީގެ ގޮތުގައި އަރާފައިވާ ޖުމްލަ 672,000/- (ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ)، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން، އެ އޮތޯރިޓީ އަށް ދެއްކުމަށް، ކޮމިޝަނުން ނިންމަވާފައިވާ ކަން އެ އޮތޯރިޓީއާ ޙިއްޞާކޮށް، މިކަމުގައި ޢަމަލުކުރާނެ ފަސޭހަ އިންތިޒާމުތަކެއް މިކޮމިޝަނާއި އެ އެތޯރިޓީން އެއްބަސްވާ ގޮތެއްގެމަތިން އިންތިޒާމުކުރުމަށްފަހު، އަހަރީ ފީގެ ގޮތުގައި އަރާފައިވާ ޖުމްލަ 672,000/- (ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ)، ވާ ފައިސާ ހަމަޖެއްސުމަށް، މާލީ ވުޒާރާއަށް ދެންނެވުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި، މި މަރުޙަލާގައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގައި ރަޖިސްޓަރީ ކޮށްފައިވާ 1414 ނަންބަރާ ގުޅިގެން، އެއްވެސް އެގްރިމަންޓެއް ނުވަތަ އެއްބަސްވުމެއް ވޭތޯ ދެ ފަރާތުން ޗެކުކުރުމަށްފަހު، މިކަމާ ގުޅޭ އެންމެހާ މަޢުލޫމާތު އަދާހަމަކުރުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. އިލެކްޝަންސް ކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ހުރިހާ ޚިދުމަތްތަކެއްގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު ބެލުމުގެ ޛިންމާ ވަކި ސެކްޝަނަކަށް މަތިކޮށް، މިފަދަ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީތަކާއި ޚަރަދުތަކުގެ ތަފްޞީލީ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ހުރިހާ ޚިދުމަތްތަކެއްގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު ބެލުމުގެ ޛިންމާ ވަކި ސެކްޝަނަކަށް މަތިކޮށް، މިފަދަ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީތަކާއި ޚަރަދުތަކުގެ ތަފްޞީލީ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މި ކޮމިޝަނުން މިހާރު ބޭނުންކުރަމުންދާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތާއި، މިކޮމިޝަނުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ވޭތޯ ބަލައި، އެކަމުގެ އޮޑިޓެއް ތައްޔާރުކޮށް، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން، އެކަމުގެ ތަފްޞީލީ މަޢުލޫމާތު، ފައިނޭންސް ސެކްޝަނުން ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ސިޔާސީ ޕާޓީތަކުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކާގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ނަންބަރު(MEMO)EA/2025/86: މެމޯއަށް، ޙަވާލާދީ ދަންނަވަމެވެ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު މި ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހެނީ 2025 މޭ 22 ވަނަ ދުވަހުގެ ކުރިންނެވެ.
މިގޮތުން، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމް.ޑީ.އޭ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަދި ދަ ޑިމޮކްރެޓްސް (ޑިމޮކްރެޓްސް) 2025 މޭ 22 ގެ ކުރިން، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިވާކަމާއި، އަދި ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަދި ދަ ޑިމޮކްރެޓްސް (ޑިމޮކްރެޓްސް) އިން ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަކީ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާ އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާ އެއްގޮތަށް އަދި މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުތަކުގައި ބަޔާންކޮށްފައި ނުވާކަން އިންޓަރނަލް އޮޑިޓަރގެ ރަޢުޔުގައި ފާހަގަ ކުރައްވާފައިވެއެވެ.
އެހެންނަމަވެސް، ތިރީގައި ދަންނަވާފައިވާ ޕާޓީތަކުން އޮޑިޓް ރިޕޯޓާއި އެ ރިޕޯޓު ހުށަހެޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާތީ، އެ ޕާޓީތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އެގޮތުން؛
1. ޢަދާލަތު ޕާޓީ (އޭ.ޕީ)
- ޢަދާލަތު ޕާޓީން (އޭ.ޕީ) މިއަދާހަމައަށްވެސް އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 42 ވަނަ މައްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު ހުށަހަނާޅާ ޕާޓީއެއް، 50,000/-ރ. (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމުގައި ސިޔާސީ ޕާޓީގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން ޢަދާލަތު ޕާޓީ (އޭ.ޕީ)، 50,000/-ރ. (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށާއި، މީގެއިތުރުން އޮޑިޓް ރިޕޯޓު ހުށަހެޅުމަށް ޤާނޫނުގައި ބުނެފައިވާ ދުވަހަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ ޢަދާލަތު ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތް 5,000/-ރ. (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ)
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ އޮޑިޓް ރިޕޯޓުގައި އެކަށީގެންވާވަރަށް ލިޔެކިއުން ނެތުމާއި ތަކެތީގެ ގޮތުގައި ޕާޓީއަށް ލިބިފައިވާ އެހީގެ ތަފްޞީލު ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިއުން ހިމަނާފައިނުވުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 41 ވަނަ މާއްދާގައި ސިޔާސީ ޕަޓީތަކުން ކުރާ ޚަރަދުގެ ތަފްޞީލު ހިސާބުތައް ބެލެހެއްޓިފައިނުވުން ކަމަށްވާތީވެ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ)، 20,000/-ރ. (ވިހިހާސް) ރުފިޔާ އާއި 50,000/-ރ. (ފަންސާސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ކޮމިޝަނަށް ބާރު ލިބިދޭތީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާ މެދު އަޅާ މިފަދަ ފުރަތަމަ ފިޔަވަޅުކަމަށްވާތީ އެ ޕާޓީ 20,000/-ރ. (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އޮޑިޓް ރިޕޯޓުގައި އެކަށީގެންވާވަރަށް ލިޔެކިއުން ނެތުމާއި ތަކެތީގެ ގޮތުގައި ޕާޓީއަށް ލިބިފައިވާ އެހީގެ ތަފްޞީލު ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިއުން ހިމަނާފައިނުވުމަކީ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތުގެ އިހުމާލެއް ކަމުގައި ބަލައި، އެ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތް 5,000/-ރ. (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅިގެން އެ ބަޔާން އޮޑިޓްކޮށްފައިވާ އޭ.އައި.އެކްސް އެސޯސިއޭޓްސް އެލް.އެލް.ޕީ އިން އެ ޕާޓީގެ މާލީ މުޢާމަލާތްތަކާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެވޭ މިންވަރަށް ލިޔެކިއުންތައް އޮޑިޓްކުރި ފަރާތަށް ޙިއްޞާކޮށްފައިނުވާތީ، އެ ޕާޓީގެ މާލީ ބަޔާނަށް ރައުޔެއް ދީފައިނުވާކަމަށް އިންޓަރނަލް އޮޑިޓަރ ފާހަގަކުރައްވާފައިވާތީ، މިއީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 41 ވަނަ މާއްދާގައި ސިޔާސީ ޕަޓީތަކުން ކުރާ ޚަރަދުގެ ތަފްޞީލު ހިސާބުތައް ބެލެހެއްޓިފައިނުވުން ކަމަށްވާތީވެ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)، 20,000/-ރ. (ވިހިހާސް) ރުފިޔާ އާއި 50,000/-ރ. (ފަންސާސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)، 40,000/-ރ. (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އޮޑިޓް ރިޕޯޓުގައި އެކަށީގެންވާވަރަށް ލިޔެކިއުން ނެތުމާއި ތަކެތީގެ ގޮތުގައި ޕާޓީއަށް ލިބިފައިވާ އެހީގެ ތަފްޞީލު ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިއުން ހިމަނާފައިނުވުމަކީ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތުގެ އިހުމާލެއް ކަމުގައި ބަލައި، އެ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތް 5,000/-ރ. (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. ޕީޕަލްސް ނެޝަނަލް ފްރަންޓް،(ޕީ.އެން.އެފް)
- ޕީޕަލްސް ނެޝަނަލް ފްރަންޓް،(ޕީ.އެން.އެފް) ގެ 2025 މޭ 22 ގައި ހުށަހަޅާފައިވާ އޮޑިޓް އޮޕީނިއަންގައި، 2021 ޑިސެންބަރު 31 ބަޔާންކޮށްފައިވުމާއި، އޮޑިޓް ރިޕޯޓުގައި އޮޑިޓްކުރި ފަރާތުގެ ސްޓޭމްޕް ޖަހާފައިނުވުމުން، މިކަން އިޞްލާޙުކުރުމަށް އެ ޕާޓީއަށް ދެންނެވުމުން، އޮޑިޓް ރިޕޯޓު ދެން ހުށަހަޅާފައިވަނީ 2025 އޮގަސްޓު 19 ގައި ކަމަށްވާތީ، 2024 ވަނަ އަހަރުގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް)ގެ އޮޑިޓް ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެން ފަހުގައި ކަމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެންނާއި، ޕާޓީގެ މާލީ ބަޔާން އޮޑިޓްކޮށްފައިވާ ފަރާތުން ކޮލިފައިޑް އޮޕީނިއަންއެއް ދެއްވާފައިވުމާއި، އެގޮތުން، އޮޑިޓްކުރި މުއްދަތުގައި ޕާޓީން ބޭންކް އެކައުންޓެއް ބަލަހައްޓާފައިނުވާކަމާއި، މާލީ ބަޔާންތަކުގައި ހިމަނާފައިވާ ހުރިހާ މުޢާމަލާތްތައް ކޮށްފައިވަނީ ނަގުދު ފައިސާކަމަށްވެފައި، މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ ޚަރަދުތަކުގެ ޞައްޙަކަމާއި، ފުރިހަމަކަން ޔަޤީންކުރުމަށްޓަކައި އެކަށީގެންވާ ވަރަށް ހެކިލިބިފައިނުވުމާއި، މާލީ ބަޔާނުގައި ހިމަނާފައިވާ ޚަރަދުތަކާއި، ޑެފިސިޓް އަދި ހާމަކޮށްފައިވާ އެހެނިހެން މުޢާމަލާތްތަކަށް އެއްވެސް ބަދަލެއް ގެނެވިދާނެކަމަށް ދެނެގަނެވިފައި ނުވާކަމަށް، އިންޓަރނަލް އޮޑިޓަރ ފާހަގަކުރައްވާފައިވާތީ، މިއީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 41 ވަނަ މާއްދާގައި ސިޔާސީ ޕަޓީތަކުން ކުރާ ޚަރަދުގެ ތަފްޞީލު ހިސާބުތައް ބެލެހެއްޓިފައިނުވުން ކަމަށްވާތީވެ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) 20,000/-ރ. (ވިހިހާސް) ރުފިޔާ އާއި 50,000/-ރ. (ފަންސާސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) 20,000/-ރ. (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އޮޑިޓް ރިޕޯޓުގައި އެކަށީގެންވާވަރަށް ލިޔެކިއުން ނެތުމާއި ތަކެތީގެ ގޮތުގައި ޕާޓީއަށް ލިބިފައިވާ އެހީގެ ތަފްޞީލު ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިއުން ހިމަނާފައިނުވުމަކީ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތުގެ އިހުމާލެއް ކަމުގައި ބަލައި، އެ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތް 5,000/-ރ. (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- މީގެ އިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނުގެ (ހ) ގެ (2) ވަނަ ނަންބަރުގައި ޕާޓީގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ޕާޓީގެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ލާޒިމުކުރާތީވެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދެންނެވުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގައި ސިޔާސީ ޕާޓީތަކުން މާލީ ހިސާބު ބެލެހެއްޓުމާއި، ކޮމިޝަނަށާއި އޮދިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖހޭ އޮޑިޓް ރިޕޯޓާ ގުޅިގެން، މި ކޮމިޝަނުގެ ދައުރާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދައުރާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށާއި، ޤާނޫނުގައި ބުނާ މުއްދަތަށް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށްވެސް އެ މުއްދަތުގައި ހުށަހަޅަމުން ދާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަށަވަރު ކުރުމަށާއި، ސިޔާސީ ޕާޓީތަކުން މި ކޮމިޝަނަށް ހުށަހަޅާ ރިޕޯޓު އެ އޮންނަ މުއްދަތުގައި ހުށަހެޅިކަން ނުވަތަ ހުށަނާޅާކަން މި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެހެން އިދާރީގޮތުން އިންތިޒާމުތައް ހެދުމަށާއި، ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތުގެ ގޮތުގައި ޕާޓީތަކުގެ އިދާރީ އަދި މާލީ ހިންގުން ހަރުދަނާ ކުރުމުގެގޮތުން ކުރިން އޮޑިޓަރ ޖެނެރެލްގެ އޮފީހާއި، ސީ.އޭ މޯލްޑިވްސްއާއެކު ފަރުމާކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާގުޅޭގޮތުން ޢަމަލުކުރާނެ ގަވާއިދާއި، މިފަދަ ކަންކަމުގެ މަޝްވަރާތައް އިތުރަށް ފަށައިގަނެ ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. ޤާނޫނީގޮތުން އެކިފަރާތްތަކުން މިކޮމިޝަނަށް ވަރަށް ޙައްސާސް ލިޔެކިޔުންތައް ކަނޑައެޅިފައިވާ ވަކި ގަޑިއަކަށް ހުށަހަޅަންޖެހޭތީ، މި ކޮމިޝަނަށް ސިޔާސީ ޕާޓީއަކުންވިއަސް އަދި އެހެން ފަރާތަކުންވިއަސް ވަކިމުއްދަތަކަށް އެއްޗެއް ހުށަހަޅަން އޮންނަކަމަށްވާނަމަ އެފަދަ ތަކެތި އެ ހުށަހަޅަން އޮންނަ ގަޑިއަކަށް ހުށަހެޅިކަމަށް ޤާނޫނީގޮތުން ބަލާނެ އިޖުރާޢާތުތަކެއް ފާހަގަކޮށް އެސް.އޯ.ޕީއެއް، ތައްޔާރުކުރުމާގުޅޭ
ޤާނޫނީގޮތުން އެކިފަރާތްތަކުން މިކޮމިޝަނަށް ވަރަށް ޙައްސާސް ލިޔެކިޔުންތައް ކަނޑައެޅިފައިވާ ވަކި ގަޑިއަކަށް ހުށަހަޅަންޖެހޭތީ، މި ކޮމިޝަނަށް ސިޔާސީ ޕާޓީއަކުންވިއަސް އަދި އެހެން ފަރާތަކުންވިއަސް ވަކިމުއްދަތަކަށް އެއްޗެއް ހުށަހަޅަން އޮންނަކަމަށްވާނަމަ އެފަދަ ތަކެތި އެ ހުށަހަޅަން އޮންނަ ގަޑިއަކަށް ހުށަހެޅިކަމަށް ޤާނޫނީގޮތުން ބަލާނެ އިޖުރާޢާތުތަކެއް ފާހަގަކޮށް އެސް.އޯ.ޕީއެއް، 2025 އޮކްޓޫބަރުގެ ނިޔަލަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށް ކޮމިޝަނަށް ހުށަހަޅައިގެން ފާސްކުރުމަށް ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.