އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޤާނޫނު ނަންބަރު:2025/16 މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބު ކުރުމަށްޓަކައި، އިންތިޚާބު ބާއްވާނެ ތާރީޚާއިގުޅޭ.
ޤާނޫނު ނަންބަރު:2025/16 މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މި ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި ކޮމިޝަނުން ބާއްވަންޖެހޭ އިންތިޚާބު ބާއްވާނެ ތާރީޚާއި، އިންތިޚާބުގެ ޓެންޓޭޓިވް ކަލަންޑަރު، އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
އެގޮތުން އިންތިޚާބުގެ ޓެންޓޭޓިވް ކަލަންޑަރުގައިވާ ގޮތުގެމަތިން މަސައްކަތްތައް ތަރުތީބު ކުރުމަށާއި، އިންތިޚާބު ބާއްވާ ތާރީޚަކީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަސްކަމާއި، ވޯޓުލުން ކުރިއަށް ގެންދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށްކަމަށާއި، 2025 ސެޕްޓެންބަރު 25 ގައި (މިއަދު) އިންތިޚާބަށް އިޢުލާން ކުރުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 އާގުޅޭ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ނަންބަރު 2025/6 ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބާ ގުޅިގެން ތިރީގައި ދަންނަވާފައިއެވާ ކަންކަން އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
1. ވޯޓުކަރުދާހާގުޅޭ
1.1 ވޯޓުކަރުދާހުގެ ސެކިއުރިޓީ ފީޗަރއާގުޅޭ.
ވޯޓުކަރުދާސް ޗާޕު ކުރުމަށްޓަކައި ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަސް އާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެއް ސެކިއުރިޓީ ފީޗަރ ލައިގެން އަގަށް ބަދަލެއް އަންނަކަމަށްވާނަމަ ވޯޓުކަރުދާހުގައި 1 (އެކެއް) ސެކިއުރިޓީ ފީޗަރ ލުމަށާއި، އެހެންނަމަވެސް އަގަށް ބަދަލެއް ނާންނަކަމުގައިވަނީނަމަ އެހެން އިންތިޚާބުތަކުގައިވެސް ޢަމަލު ކުރަމުންދާގޮތަށް ވޯޓުކަރުދާހުގައި 3 (ތިނެއް) ސެކިއުރިޓީ ފީޗަރ ލުން.
1.2 ވޯޓުކަރުދާސް ޗާޕުކުރުން.
ބްރޯޑުކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ވޯޓުކަރުދާހާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ ވޯޓުކަރުދާސް، ވޯޓުކަރުދާހުގެ ނުފުށުން ފާހަގަވާނެހެން ޗާޕުކުރުން.
2. އިންތިޚާބުގައި ފާހަގަޖަހާނެ އިނގިލި.
އެހެން އިންތިޚާބުތަކެކޭވެސް އެއްގޮތަށް ވައަތުގެ ޝަހާދަތް އިނގިލި އަދި އެ އިނގިލީގައި ފާހަގަ ނުޖެހޭނަމަ، ވައަތުގެ މެދު އިނގިލީގައި ފާހަގަޖެހުން.
3. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު (2025/R-96) ގެ 25 ވަނަ މާއްދާގައިވާ ވޯޓުލުމަށް ބޭނުންކުރާނެ "ރަސްމީ ލިޔުން" މާނަކުރުން.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު (2025/R-96) ގެ 25 ވަނަ މާއްދާގައިވާ ވޯޓުލުމަށް ބޭނުންކުރާނެ "ރަސްމީ ލިޔުން" މާނަކޮށްދީފައި ނެތުމުން، އެހެން އިންތިޚާބުތަކުގައިވެސް ބޭނުންކުރާ ރަސްމީ ލިޔުންތަކުގެ ގޮތުގައި ބަލާ އަންނަނިވި ލިޔުންތައް ބެލުން.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- މުއްދަތު ހަމަނުވާ ލައިސަންސް ކާޑު
- މުއްދަތު ހަމަނުވާ ޕާސްޕޯޓު / ޕާސްޕޯޓު ކާޑު
4. ވޯޓުނެގުމަށް ފޮށި ބަންދުކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން.
- ވޯޓުނެގުމަށް ވޯޓުފޮށީގެ އެތެރެ ހުސްކަން ކަށަވަރު ކުރުމަށް އެ މަރުކަޒަށް ވޯޓުލުމަށް ޙާޟިރުވެތިބި މީހުންނަށް ދެއްކުމުގެގޮތުން، އެ މަރުކަޒަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުދޭން އެންމެ ފުރަތަމަ އަންނަ ޢާންމު 1 (އެކެއް) ގެ އާބަސް ހޯދުމަށްފަހު ވޯޓުފޮށީގެ ތެރޭގައި އެއްޗެއް ނެތްކަން ކަށަވަރުކުރުން. އެމީހަކީ ވޯޓުލުމަށް ރަޖިސްޓަރކޮށްފައިވާ ކެންޑިޑޭޓެއް، އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮފިޝަލެއް ނުހިމެނޭކަން ކަށަވަރުކުރުން.
މިނޫން ޙާލަތެއް މެދުވެއްޖެނަމަ ވޯޓުލާ ދުވަހު އެ ކަމަކާމެދު ގޮތެއް ނިންމުން.
5. ވޯޓު ގުނަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންކަން.
ވޯޓު ގުނުމަށް ހަމަޖެހިފައިވާ ގަޑި ވޯޓުފޮށި ބަންދުކުރުމާއެކު މަރުޒަކުގައި އިޢުލާނު ކުރުމަށްފަހު، މަދުވެގެން 1 (އެކެއް) ކެންޑިޑޭޓު ނުވަތަ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހެއްގެ ޙާޟިރުގައި ވޯޓުގުނުމަށް ވޯޓުފޮށި ކެނޑުން.
6. ކިއުގައި ނުޖެހި ވޯޓުލެވޭ މީހުން
މަންދޫބުން، އޮބްޒާވަރުން އަދި މޮނިޓަރުންނަކީ ވޯޓުލާ މީހުންގެ ޙާލަތަށްވެސް ފެތިދާނެ ބަޔަކަށްވާތީ، ކިއުގައި ނުޖެހި ވޯޓުލެވޭނީ ހަމައެކަނި ކެންޑިޑޭޓުންނަށްކަން.
7. އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނާގުޅޭ.
7.1 ވޯޓުލާ މަރުކަޒަށް ވެއްދޭނެ ތަކެތި
މޮނިޓަރުން
- ހޭންޑް ހެލްޑް ޑިވައިސް
- މަންޒަރާއި އަޑު ރެކޯޑުކުރުމަށް ބޭނުންކުރެވޭ އެހެން ވަޞީލަތްތައް
- ހުސްކަރުދާސް / ގަލަން / ފައިލް ފަދަ ތަކެތި
އޮބްޒާވަރުން
- ހޭންޑް ހެލްޑް ޑިވައިސް
- ހުސްކަރުދާސް / ގަލަން / ފައިލް ފަދަ ތަކެތި
އޮބްޒާވަރުން
- ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ.
7.2 ސުލޫކީ މިންގަނޑު
އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑު
މި އިންތިޚާބުގައި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އަންނަނިވި ސުލޫކީ މިންގަނޑު ދަމަހައްޓައި އެއާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
1. ގަވާއިދު ނަންބަރު 2025/R-96 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) ގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުން.
2. ވޯޓުލާ މަރުކަޒުގެ ތެރޭގައި ޙަރަކާތްތެރިވާ އިރު އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ފާސް ފެންނަ ގޮތަށް ބެހެއްޓުން.
3. ވޯޓުނެގުމުގެ އިންތިޒާމާ ބެހޭ ގޮތުން ކަމެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެ ސަރަޙައްދަކަށް ނުވަތަ އެ ތަނަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އެންމެ އިސްވެރިޔަކާ ވާހަކަ ދައްކައިގެން އެ ކަމެއް ސާފުކުރުން.
4. ވޯޓުލާ މަރުކަޒާއި ވޯޓުލާ ސަރަޙައްދެއްގައި ވޯޓުދޭން އަންނަ މީހުންނަށް ދަތިވާނޭ ފަދަ އެއްވެސް ކަމެއް ނުކުރުން. (އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވެވޭނީ ވޯޓުލާ މަރުކަޒުގައި ޖާގަ އޮތް މިންވަރަކުން)
5. ވޯޓުލާ މަރުކަޒާއި ވޯޓުލާ ސަރަޙައްދެއްގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ އެކަކު ޙަރަކާތްތެރިވުން.
6. ވޯޓުލާ މަރުކަޒާއި ވޯޓުލާ ސަރަޙައްދެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 1 (އެކެއް) މަންދޫބު ޙަރަކާތްތެރިވުން.
7. އެ ސަރަޙައްދަކަށް ވޯޓުނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހުންގެ މަސައްކަތަށް، ނުވަތަ ވޯޓު ގުނުމުގައި ޙަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ އެއްވެސް ކަމެއް ނުކުރުން.
8. އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން، ވޯޓިންގ ބޫތުގެ ތެރެއަށް ވަނުމަށާއި ވޯޓުކަރުދާހުގައި ފާހަގަޖަހާތަން ބެލުމަށް މަސައްކަތް ނުކުރުން.
9. އިންތިޚާބު މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި އޮފިޝަލުންގެ މަސައްކަތަށް ދަތި ނުވާގޮތަށް ޢަމަލުތައް ބެހެއްޓުން..
10. ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިވާނެފަދަ އެއްވެސް ކަމެއް ނުކުރުން.
11. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރުން.
12. ވޯޓުލާ ސަރަޙައްދުގައި ވޯޓުލާން އަންނަ މީހުންނާއި ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ މީހުންނާ އިންޓަވިޔު ނުކުރުން.
13. ވޯޓުނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ލިޔެކިޔުންތަކުގައި އަދި ވޯޓުކަރުދާހުގައި އަތްލާ ނުހެދުން.
14. ކެންޑިޑޭޓަކަށް ތާއީދު ކުރާކަން ނުވަތަ ތާއީދު ނުކުރާކަން ހާމަވާ ފަދަ އެއްޗެއް ލައިގެން ނުވަތަ ހިފައިގެން ނޫޅުން.
15. އިންތިޚާބާބެހޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ޢައްޔަނުކޮށްފައިވާ އޮފިޝަލުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުން. އަދި އޮފިޝަލުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުން.
16. އިންތިޚާބުގެ ވަކި ކަމެއް ވަކި ގޮތަކަށް ގެންދިޔުމަށް އެއްވެސް ފަރާތަކަށް އިރުޝާދު ނުދިނުން.
17. ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލަކު އެދިއްޖެ ނަމަ، އެފަދަ ލިޔުމެއް ދެއްކުން.
18. ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ އަމަލެއް ނުކުރުން.
19. މުވާޞަލާތީ ގޮތުން ބޭނުންކުރެވޭ އެއްވެސް އެއްޗެއް ވޯޓުލާ ސަރަޙައްދުގައި ބޭނުން ނުކުރުން.
20. އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން އެއްވެސް ޙާލެއްގައި ފޮޓޯ ނަގައި، މަންޒަރާއި އަޑު ރެކޯޑް ނުކުރުން. (މޮނިޓަރ ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށް މި ކަން ހުއްދަ ވާނެ)
21. އިންތިޚާބު މޮނިޓަރ ކުރުމަށް ހުއްދަދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ފޮޓޯ ނަގާ އިރު ނުވަތަ މަންޒަރާއި އަޑު ރެކޯޑުކޮށް ބްރޯޑްކާސްޓްކުރާ އިރު، ވޯޓުލާ ބޫތާ 10 (ދިހައެއް) ފޫޓަށް ވުރެ ކައިރިނުވުން. އަދި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުން.
22. އިންތިޚާބާއި އިންތިޚާބުގެ މަސައްކަތާ ބެހޭ ގޮތުން ޞައްޙަ ނޫން އެއްވެސް މަޢުލޫމާތެއް ނުފެތުރުން.
23. އޮބްޒާވަރުންނާއި މޮނިޓަރުން އިންތިޚާބާ ގުޅިގެން ތައްޔާރުކުރާ ރިޕޯޓު ނުވަތަ ޚަބަރުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރުކުރުން.
24. އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނާ ބެހޭ ގޮތުން ޙަޤީޤަތާ ޚިލާފު، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުން.
ނޯޓު: ބަޔާންވެދިޔަ ސުލޫކީ މިންގަނޑާ ޚިލާފުވާ ފަރާތެއްގެ ފާސް ބާޠިލުކޮށް، އެ ފަރާތަކަށް އެ ސަރަޙައްދުން ނުކުތުމަށް އެންގުމުގެ އިޚްތިޔާރު ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. |
މީގެއިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް މެންބަރުން ކުރިމަތިލުމަށް އެދޭ ފޯމާއި، މަޢުލޫމާތު ހޯދަންޖެހޭ ތަންތަނާއި، އެ މަޢުލޫމާތު ހޯދުމަށް ކަނޑައަޅާފައިވާ ފޯމު ސެޓްވެސް އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
3. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓާގުޅޭ.
2025 އޮކްޓޫބަރު 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުގައި، ވޯޓުފޮށީގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ލިސްޓު އެ ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
4. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ލަފާކުރާ ބަޖެޓާގުޅޭ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ލަފާކުރާ ބަޖެޓު ޚަރަދުގެ ގޮތުގައި ފައިނޭންސް ސެކްޝަނުން ހުށަހަޅާފައިވާ 29,026/-ރ. (އޮނަތިރީސްހާސް ސައްބީސް ރުފިޔާ) ގެ އިތުރުން، އިންތިޚާބުގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އިންތިޚާބު އެލަވަންސާއި، އިންތިޚާބުގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ކެއުމާއި ސައިގެ ޚަރަދު ބަޖެޓުގައި ހިމެނުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ޝަކުވާ ބެލުން.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ޝަކުވާ / މައްސަލަތައް ބެލުމަށްޓަކައި އަންނަނިވި މެންބަރުން ހިމެނޭހެން ޝަކުވާ ބަލާ ކޮމިޓީ އެކުލަވާލުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޝަކުވާ / މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން
- ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް
- ޑިރެކްޓަރ، އާމިނަތު އަޒީފާ
- ޑެޕިއުޓީ ޑިރެކްޓަރ، ސިނާޔާ ޒަކަރިއްޔާ
މީގެއިތުރުން، މި އިންތިޚާބާއި ގުޅިގެން ގަވާއިދުގައި ނެތްކަމެއްވެއްޖެނަމަ، އެކަމެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، ޢާންމު އުޞޫލެއްގެގޮތުން އިންތިޚާބުގައި ދިމާވާ ކަންކަމުގައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގައި ހިމެނޭކަމެއްނަމަ އެކަމެއް ކޮމިޝަނުގެ ޖަލްސާއަކަށް އިތުރަށް ނުގެނެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދާއި އެއްގޮތަށް އެކަމެއް ކުރިއަށް ގެންދިއުމަށާއި، އެހެންނަމަވެސް އެކަމެއް ކޮމިޝަނާ ޙިއްޞާ ކުރުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 486 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.