ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް ވީއްލައިގެން މެނޭޖަރ އަދި އެސިސްޓެންޓް މެނޭޖަރއެއް ނެގުމާއި ގުޅޭ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް މެނޭޖަރެއްގެ ގޮތުގައި ޢަލީ ސަލީމް (A060960) 2025 ޑިސެންބަރު 01 އިން 2026 އެޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަޖެއްސުމަށާއި، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި، މުޙައްމަދު އަނީލް ޢަބްދުއްލަޠީފް (A062491) 2026 ޖަނަވަރީ 01 އިން 2026 އެޕްރީލް 30 ގެ ނިޔަލަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި ކުރިއަށްހުރި އިންތިޚާބުތަކާއި ޢާންމު ޚިޔާލުހޯދުމުގެ ވޯޓާ ގުޅޭގޮތުން، މިފަދަ ބޮޑެތި މަސައްކަތްތައް ކުރުމުގައި، އިލެކްޝަންސް ކޮމިޝަނުގެ އެތެރޭގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށާއި، ކޮމިޝަނުގެ އިދާރީ އޮނިގަނޑު ހުށަހާޅާއިރު މިކަމަށް ޙައްލެއް ހޯދުމަށްވެސް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ކުށުގެ ރިކޯޑު ސާފުކުރުމާގުޅޭ.
މީގެފަހުން، ކޮމިޝަނުގެ މަސައްކަތްތަކަށް ނަގާ ހުރިހާ މުވައްޒަފުންނަކީވެސް، ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހަޅާފައިވާ މުވައްޒަފުންކަމުގައި ކަށަވަރުކުރުމަށާއި އަދި ކޮމިޝަނުގެ ވަޒީފާ އެފަރާތަކަށް ހަމަޖެހުނުކަމުގައިވީނަމަވެސް، ވަޒީފާއަށް ނެރެންވާނީ ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހެޅުމުން ކަމުގައި ކަނޑައަޅައި، އެގޮތުގެމަތީން ޢަމަލުކުރުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ކޮމިޝަނުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހަޅާފައިނުވާ މުވައްޒަފުންނަށް ވަކި މުއްދެއް ދިނުމަށްފަހު، ކުށުގެ ރިކޯޑު ކޮމިޝަނަށް ހުށަހެޅުމަށް އެންގުމަށާއި، އަދި، އެ މުއްދަތަށްފަހުވެސް ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހަޅާފައިނުވާނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އެފަދަ މުވައްޒަފުން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026، ބޭއްވުމަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) ގެ މަޤާމަށް، މއ.ގްރީންވިލާ، މާލެ، މުޙައްމަދު ޒަޢުޝަން (A053368) ހަމަޖެއްސުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. އިލެކްޝަންސް ކޮމިޝަނުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭ.
އިލެކްޝަންސް ކޮމިޝަނުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވުމާއި، ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގަވައިދުން ފިޔަވަޅު އަޅުން ގެންގޮސްފައިނުވާކަމަށް ބަޔާންކޮށްފައިވާތީ، މި މައްސަލަތަކާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނާ މަޝްވަރާކުރުމަށްފަހު، ދައުލަތަށް ލިބެންޖެހޭ ފައިސާއާ ގުޅިގެން، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރެވިފައިވޭތޯ ޗެކުކޮށް، މިކަމުގައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާޢަތުތަކެއް ފުރިހަމަ ކުރެވިފައިވޭތޯ ބަލައި، ކޮންމެ މައްސަލައަކާ ގުޅިގެން، ދެން ކުރިއަށް ދާންވީގޮތުގެ ޤާނޫނީ ލަފައާއެކު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.











