ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދާ ގުޅޭ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" ގެ ނަމުގައި ގަވާއިދެއް އެކުލަވާލައި، 2025 ނޮވެންބަރު 24 ވީ ހޯމަ ދުވަހު ކޮމިޝަނުން ގެންނެވި އިޞްލާޙުތަކާއެކު، އެގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު ފާސްކުރުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   2. ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) އިޞްލާޙު ކުރުމާ ގުޅޭ.

ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) އަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން، ކޮމިޝަނުގައި މަޝްވަރާކުރެއްވުމަށްފަހު، 2025 ނޮވެންބަރު 25 ވީ އަންގާރަ ދުވަހު ކޮމިޝަނުން ގެންނެވި އިޞްލާޙުތަކާއެކު، އެގޮތުގެމަތީން، ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ފާސްކުރުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   3. އިންތިޚާބީ ދައުރުގެ ތެރޭގައި އިންތިޚާބުވި ޙައިޘިއްޔަތު ބަދަލުވެފައިވާ ފަރާތްތަކާ ގުޅޭ

ޤާނޫނު ނަންބަރު:2025/5 އެންޓި-ޑިފެކްޝަން ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނަކީ، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާ ޤާނޫނެއް ކަމުގައިވާތީއާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މި ޤާނޫނާ ގުޅޭގޮތުން މިކޮމިޝަނުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ކަނޑައަޅައި އުޞޫލުތަކެއް ޤާއިމްކުރުމަށްޓަކައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން މި ޤާނޫނު ފުރިހަމައަށް ދިރާސާކުރުމަށްފަހު، އަދި އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވުމަށްފަހު، ފުޅާދާއިރާއެއްގައި މި ޤާނޫނަށް މަޝްވަރާކުރުމަށްޓަކައި، މި ޤާނޫނުގެ ދިރާސާއެއް ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީއާއި، އިސްވެ ދެންނެވުނު ޤާނޫނުގައި މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި، އިންތިޚާބީ މަޤާމުތަކުގެ ދަފްތަރެއް އެކުލަވާލުމަށާއި، އެ ދަފްތަރުން އިންތިޚާބީ މަޤާމުތަކުގައި ހިމެނޭ މެންބަރުން، އެ މެންބަރުންގެ ޕާޓީއާ ގުޅިގެން ހުށަހެޅޭ ކަންކަން ބެލެހެއްޓުމަށާއި، މެންބަރަކު އެ މެންބަރެއްގެ ޕާޓީއާ ގުޅޭ އެއްވެސް ކަމެއްކޮށްފިކަމުގައިވާނަމަ، އެކަން އެލަރޓްވާނޭ ފަދައަކުން މިހާރުވެސް ބޭނުން ކުރަމުންދާ ސިސްޓަމަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، މި ދެންނެވުނު ނިންމުންތައް ތަންފީޛުކުރުމަށްފަހު، ވީއެންމެ އަވަހަކަށް އެކަމުގެ ތަފްޞީލީ މަޢުލޫމާތު ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   4. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރުމާ ގުޅޭ.

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަން އިކޮނޮމިކް ޒޯނުގެ ޤަނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2025/19 (ޓްރޭޑްމާރކްގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައި ކޮމިޝަނާ ޙިއްޞާކުރުމަށްފަހު، މި ޤާނޫނުތަކުގައި، މިކޮމިޝަނަށް އެއްވެސް ކަމެއް މަތިކޮށްފައިވާނުވާކަމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯޒްކުރައްވާފައެވެ.

  5. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ވަގުތީ)  ޢާއިޝަތު ލަމްޝާ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ އެކަމާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ވަގުތީ)  ޢާއިޝަތު ލަމްޝާ، 01 މަސްދުވަހުގެ އިންޓަރންޝިޕެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީ، މި މުވައްޒަފު އެދިފައިވާ ގޮތުގެމަތީންނާއި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތީން، މި މުވައްޒަފު 2025 ނޮވެންބަރު 15 ގައި އިދާރީގޮތުން ވަކިކޮށްފައިވާތީ، އެގޮތުގެމަތީން އެންޑޯޒްކުރެއްވުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 6. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުންގެ ތެރެއިން، ޑްރައިވަރ (އެސް.އެސް1) މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުންގެ ތެރެއިން، ޑްރައިވަރ (އެސް.އެސް1) މަޤާމަށް މުވައްޒަފަކު ނެގުމަށް ހުށަހަޅާފައިވީނަމަވެސް، ސިއްޙީ ޙާލަތުހުރިގޮތުން މިވަގުތު ވަޒީފާއަށް ޙާޟިރުނުވެވޭނެކަމަށް މި މަޤާމަށް ހޮވިފައިވާ ފަރާތުން ވިދާޅުވެފައިވާތީ، މި މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި އަލުން އިޢުލާންކުރުމަށާއި، އަދި ސަޕޯޓް ކެޓަގަރީގެ މުވައްޒަފުން ލިބުމަށް ދަތިތަކެއް ދިމާވެފައިވާތީ، މިކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ގޮތްތަކެއް ވީއެންމެ އަވަހަކަށް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

  7. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ، ޝާޙް އިސްމާޢީލްގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ، ޝާޙް އިސްމާޢީލް ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ، ޝާޙް އިސްމާޢީލް ދާއިމީކުރުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   8. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ، ރަޥްޟަތު ވަޙީދާގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ، ރަޥްޟަތު ވަޙީދާ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރުގެ ޙައިޞިއްޔަތުން ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ، ރަޥްޟަތު ވަޙީދާ ދާއިމީކުރުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   9. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2025 ގެ ވޯޓުކަރުދާސްތައް ނައްތާލުމާ ގުޅޭ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތީން އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ނިޔަލަށް، އެ އިންތިޚާބެއްގެ ވޯޓުލުމުގައި ބޭނުންކޮށްފައިވާ އަންނަނިވި ލިޔެކިޔުމާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، އިސްވެ ދެންނެވުނު ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެއްޗާއި، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުން 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރަސްމީ ނަތީޖާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2025 ނޮވެންބަރު 08 އަށް ހަމަވެފައިވާއިރު އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން މަޢުލޫމާތު ދެއްވާފައިވާތީއާއި، އެގޮތުގެމަތީން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ތެރެއިން އަންނަނިވި ލިޔެކިޔުމާއި ތަކެތި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިލެކްޝަންސް ކޮމިޝަނުން ނައްތާލެވިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2025 ގެ ބާކީހުރި ވޯޓު ކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް، ވޯޓު ގުނާފައިވާ ވޯޓު ކަރުދާސް، ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް، ޙަލާކުވެފައިވާ ވޯޓު ކަރުދާސް ހުރިނަމަ އެ ކަރުދާސް، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ ފަހުން ނައްތާލުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  10. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ދާއިރާތަކާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ދާއިރާގެ މަސައްކަތްތައް މިކޮމިޝަނުން މިހާރު ކުރާއިރު، ރަށު/ސިޓީ ކައުންސިލްތަކުން މިކޮމިޝަނަށް ފޮނުއްވާފައިވާ އާބާދީތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ހުރިހާ ރަށު/ސިޓީއެއްގެ އާބާދީތައް ހޯދުމަށްފަހު، ރަށު/ސިޓީ ކައުންސިލްތަކުން މިކޮމިޝަނަށް ފޮނުއްވާފައިވާ އާބާދީތަކާ އަޅާކިޔުމަށް، ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
898

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 02 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ