ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ހުންނެވީ އަހަރީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.
· ޤާނޫނު ނަންބަރު 2025/29 (ޤާނޫނު ނަންބަރު 2009/9 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2025/28 (ޤާނޫނު ނަންބަރު 2011/17 މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު).
· ޤާނޫނު ނަންބަރު 2025/26 (ޤާނޫނު ނަންބަރު 99/2 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2025/25 (ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު).
· ޤާނޫނު ނަންބަރު 2025/24 (ޤާނޫނު ނަންބަރު 2024/30 ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
ޤާނޫނު ނަންބަރު 2025/29 (ޤާނޫނު ނަންބަރު 2009/9 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2025/28 (ޤާނޫނު ނަންބަރު 2011/17 މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)އާއި، ޤާނޫނު ނަންބަރު 2025/26 (ޤާނޫނު ނަންބަރު 99/2 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2025/25 (ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 2025/24 (ޤާނޫނު ނަންބަރު 2024/30 ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނާ ޙިއްޞާކޮށް، އަދި މި ޤާނޫނުތަކުގައި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި އެއްވެސް ކަމެއް ނެތްކަމަށްވެސް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅޭ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، އަދި އެ ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ގެނެވިދާނޭ ޞައްޙަ އިޞްލާޙުތަކެއްކަމުގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާއަރުވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް އެގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުންނާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާ ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޖީ.އެސް3) ފާޠިމަތު މަހްމޫދު، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް1) މުޙައްމަދު މާސު އަދި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް3) އަނާ މުޙައްމަދު، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ތައިލެންޑް ޖެނެރަލް އިލެކްޝަން އެންޑް ރެފަރެންޑަމް އޮބްޒަވޭޝަން ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށްއެދި، ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ދަޢުވަތާ ގުޅޭ.
ތައިލެންޑް ޖެނެރަލް އިލެކްޝަން އެންޑް ރެފަރެންޑަމް އޮބްޒަވޭޝަން ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށްއެދި، ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން، މިކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ މި އޮބްޒަވޭޝަން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ބޭސިކް ކޯސް އޮފް އިލެކްޝަން މެނޭޖްމަންޓް ގައި ބައިވެރިވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާ ގުޅޭ.
ބޭސިކް ކޯސް އޮފް އިލެކްޝަން މެނޭޖްމަންޓް ގައި ބައިވެރިވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ މީކާޢީލް އަޙްމަދު ރަޝީދު، ޕްލޭނިންގ ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ އޮފިސަރ ޝާޙް އިސްމާޢީލް އަދި ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ އާމިނަތު ޢަބްދުލް މުޙްސިންގެ ނަން، ކޯހުގައި ބައިވެރިވުމަށް ހުށަހެޅުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި ކޮމިޝަނުން ޢަމަލުކުރާ ބައެއް އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާގުޅޭ
ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި ކޮމިޝަނުން ޢަމަލުކުރާ ބައެއް އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން، ތިރީގައި މިދަންނަވާ ކަންކަން ތަންފީޛުކުރުމަށާއި، އަދި މި ބަދަލުތަކުގެ ތަފްޞީލީ މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ލިޔުމުން ޙިއްޞާކޮށް، ކޮމިޝަނުގެ މީސްމީޑިއާގައި ޢާންމުކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މިގޮތުން؛
1. ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި ކޮމިޝަނުން ޢަމަލުކުރާ ބައެއް އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން، އެކަންކަން ތަންފީޛުކުރުމަށްޓަކައި، ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެސް.އޯ.ޕީތަކާގުޅޭ.
1. ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/18، (އެއަހަރެއްގެ ބަޖެޓު ފާސްކުރާދުވަހު، ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައެޅުމާއި އެއަހަރެއްގެ ޑިސެންބަރު 31 15:00 އަށް، ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައެޅުން)، އެސް.އޯ.ޕީ:
· އެއަހަރެއްގެ ބަޖެޓު ފާސްކުރާދުވަހު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައެޅުމާއި، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ކަނޑައެޅުމަށްޓަކައި ކޮންމެ މީލާދީ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 އަށް، ސިމެދަ ޕޯޓަލްގައި، އެ ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ތިބި މެންބަރުންނަކީ އެ ޕާޓީއަށް ފައިސާ ދިނުމުގައި ބަލާނެ ޢަދަދު ކަމުގައި ކަނޑައަޅައި، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އެގޮތުގެމަތީން ޢަމަލުކުރުމަށްޓަކައި، ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/18، (އެއަހަރެއްގެ ބަޖެޓު ފާސްކުރާދުވަހު، ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައެޅުމާއި އެއަހަރެއްގެ ޑިސެންބަރު 31 ގެ 15:00 އަށް، ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައެޅުން). އެސް.އޯ.ޕީ، 2025 ޑިސެންބަރު 24 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ފާސްކުރުން.
· އެސް.އޯ.ޕީގައި، އެއަހަރެއްގެ ބަޖެޓު ފާސްކުރާދުވަހު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު ކަނޑައަޅައި، ރިޕޯޓު ޖެނެރޭޓްކުރުމުގެ ކުރީން، ސިމެދަ ޕޯޓަލް މެދުވެރިކޮށް ޑެތް ރިމޫވަލްސް ހުރިތޯ ޗެކުކޮށް، ޑެތް ރިމޫވަލްސްތައް ޕްރޮސެސްކުރުން، ބަޔާންކުރުން.
· އަދި، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ކަނޑައެޅުމަށްޓަކައި ކޮންމެ މީލާދީ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 އަށް، ސިމެދަ ޕޯޓަލްގައި، އެ ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ތިބި ހުރިހާ މެންބަރުންނަކީ ޕާޓީތަކަށް ފައިސާ ބެހުމުގައި ބަލާނެ ޢަދަދު ކަމުގައި ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން، ސިމަދަ ޕޯޓަލް މެދުވެރިކޮށް ޑެތް ރިމޫވަލްސް ހުރިތޯ ޗެކުކޮށް، އެ ދުވަހުގެ 15:00 ގެ ކުރީން، ހުރިހާ ޑެތް ރިމޫވަލްސްތައް ޕްރޮސެސްކުރުން، ބަޔާންކުރުން.
2. ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/2 (ސިޔާސީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީ ކުރުން) އެސް.އޯ.ޕީ:
· ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުވުމަށް ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ދީފައިވާ 3 (ތިނެއް) ދުވަހުގެ މުއްދަތު އުވާލައި، ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުވުމަށް ހުށަހަޅާ ރިކުއެސްޓުތައް ވަގުތުން ޕްރޮސެސްވެވޭނެހެން ބަދަލުގެނައުން.
· ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުވުމަށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓްތައް ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެމުއްދަތުގެ ތެރޭގައި އެ ހުށަހެޅުމެއް ޕްރޮސެސްކޮށްފައި ނުވާނަމަ، އޮޓޯއިން އެފަރާތެއް ޕާޓީގައި ރަޖިސްޓަރީވުން.
· ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރުމުގެ ކުރިން ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ސިމެދަ ޕޯޓަލް މެދުވެރިކޯށް ހުށަހެޅުން.
· އިސްވެ މި ދެންނެވުނު ބައިތައް ހިމަނައި، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން އެގޮތުގެމަތީން ޢަމަލުކުރުމަށްޓަކައި، ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/2 (ސިޔާސީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީކުރުން) އެސް.އޯ.ޕީ އަދާހަމަކޮށް، 2025 ޑިސެންބަރު 24 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ފާސްކުރުން.
3. ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/1 (ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުން ވަކިކުރުން) އެސް.އޯ.ޕީ:
· ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ސިސްޓަމުން އޮޓޯއިން ވަކިވެވޭނެހެން ބަދަލު ގެނައުމާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިކޮމިޝަނުގައި ދަފްތަރު ކުރަންޖެހޭ މަޤާމުތަކުގައި ތިއްބަވާ މެންބަރުން (ޕާޓީގެ އެތެރެއިން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަނު ކުރެވޭ މަޤާމުތަކުގައި ތިއްބަވާ އިސް ބޭފުޅުން) ޕާޓީން ވަކިވުމަށް ހުށަހަޅާއިރު، ސިޔާސީ ޕާޓީން ވަގުތުން ވަކިނުވާނެހެން ސިސްޓަމް ޑިޒައިންކޮށް، އެފަދަ ފަރާތްތަކަށް އެލަރޓް މެސެޖެއް ލިބޭގޮތަށް އަދި ކޮމިޝަނަށް އެކަން އެނގޭނޭ ފަދައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން، އެގޮތުގެމަތީން ޢަމަލުކުރުމަށްޓަކައި، ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަންގެ ނަންބަރު:DA/1 (ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުން ވަކިކުރުން) އެސް.އޯ.ޕީ އަދާހަމަކޮށް، 2025 ޑިސެންބަރު 24 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ފާސްކުރުން.
· ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ސިސްޓަމުން އިތުރު މަރުހަލާއެއް ނުވަތަ ޕްރޮސެސިންގ އަކާ ނުލައި ވަގުތުން ވަކިވުން.
· ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން އެ މަޤާމަކުން ވަކިވުމަށް ހުށަހެޅުމުން މިހާރުވެސް ޕާޓީން ވަކިވުމަށް އަމަލުކުރާ އުސޫލުން، ޕާޓީއަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ޕާޓީން އެމީހަކު ވަކިކޮށްފައި ނުވާނަމަ، އިލެކްޝަންސް ކޮމިޝަނުން އެމީހަކު ވަކިކޮށްދިނުން.
· އަދި އެމީހަކު ހުރި މަޤާމަކުން ވަކިވުމުން އެމީހަކު ޕާޓީން ވަކިވުމަށް އެދި ހުށަހެޅުމުން ވަގުތުން ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީއިން އުނިވުން.
2. ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން.
އެއްވެސް ސަބަބަކާއި ހުރެ، ސިޔާސީ ޕާޓީގެ މެންބަރަކު ވަކިކުރަން، ޕާޓީން ބޭނުންވެއްޖެ ޙާލަތެއްގައި، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނީ ކޮމިޝަނުގެ ސިމެދަ ޕޯޓަލް މެދުވެރިކޮށް އަދި ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮޓޯއިން ޕާޓީން ވަކިކުރެވޭނެ.
3. ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާ ގުޅޭ.
1. ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުގައި ތިއްބަވާ ފަރާތްތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުގައި ތިއްބަވާ ފަރާތްތައް ޕާޓީގެ ދަފުތަރުން ވަކިކުރުމަށް ހުށަހެޅުމުން، ޕާޓީން ވަކިވުމުގެ ރިކުއެސްޓް ރަޖިސްޓަރީވެފައިވާ ޕާޓީއަށް ލިބިގެންދާނެކަމަށާއި، މި ދެންނެވުނު ރިކުއެސްޓް ޕްރޮސެސްކުރުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް އެ ޕާޓީއަކަށް ދެވިގެންދާނެކަމަށާއި، އެ 14 (ސާދަ) ދުވަހުގެ މުއްދަތުގައި ޕާޓީން ވަކިކޮށްނުދީފިނަމަ، އެ ރިކުއެސްޓް ދެން ލިބިގެންދާނީ އިލެކްޝަންސް ކޮމިޝަނަށާއި، އެއަށްފަހު، އެ ރިކުއެސްޓާ ގުޅިގެން މިކޮމިޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ފަރާތެއް އެޕާޓީން ވަކިކުރުން.
2. އަދި، މި ދެންނެވުނު ޙާލަތުގައި ޢަމަލުކުރާނޭ ގޮތުގެ އެސް.އޯ.ޕީއެއް ތައްޔާރުކޮށް، ކޮމިޝަނަށް ހުށަހެޅުމާއި، މިގޮތުން، އެ އެސް.އޯ.ޕީގައި،
· 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި، ސިޔާސީ ޕާޓީއަކުން އެ ފަރާތުން ވަކިނުކުރާ ޙާލަތުގައި އެ ރިކުއެސްޓާ ގުޅިގެން މިކޮމިޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި ބަލާނެ ހަމަތަކާއި މިންގަނޑުތަކާއި، އެފަދަ ޙާލަތްތަކުގައި ޢަމަލުކުރާނޭގޮތް.
· ޕާޓީގެ ދަފްތަރުން އަވަހަށް ކެނޑެންބޭނުންވާ ޙާލަތްތަކުގައި ޢަމަލުކުރާނޭގޮތް.
· ޕާޓީގެ ދަފްތަރުން ވަކިނުވެ، ހަމައެކަނި އިސް މަޤާމުން ނުވަތަ ޕާޓީގެ ލީޑަރޝިޕުން ވަކިވާ ޙާލަތުގައި ޢަމަލުކުރާނޭގޮތް.
· ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުގައި ތިއްބަވާ ފަރާތްތަކާއި، ޕާޓީގެ އެކި ޒިންމާތަކާ ޙަވާލުވެ ތިއްބަވާ ފަރާތްތައް ޕާޓީން ކުއްލިއަކަށް ވަކިވާއިރު ޤާނޫނީގޮތުންނާއި އިދާރީގޮތުން ދިމާވާ ކަންކަމާ ގުޅިގެން، އެ ކަންކަން ހައްލުކުރުމަށްޓަކައި ޤާނޫނީގޮތުން ގެންނާންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، އެކަންކަން ފާހަގަކޮށް، ކޮމިޝަނަށް ހުށަހެޅުން.
4. ނޭނގި ރަޖިސްޓަރީކޮށްފައިވާތީ ކުރިންހުރި ޕާޓީއަށް ރުޖޫއަވުމާގުޅޭ.
ސިޔާސީ ޕާޓީގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫޢަކޮށްދޭންވާނެ ކަމަށް، ސިޔާސީ ޕާޓީގެ ގަވާއިދަށް ބަދަލު ގެނެވި، އެގޮތުގެމަތީން، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫޢަކޮށްދިނުމަށް ފުރުޞަތު ދީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް 2025 ޖަނަވަރީ 23 ވަނަ ދުވަހުން ފެށިގެން 2025 ފެބުރުވަރީ 10 ވަނަ ދުވަހުގެ ނިޔަލަށް ޢާންމުކޮށް، ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެދެވިގެންވާ ވަގުތުދީފައިވާތީއާއި، އެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް، އެދިފައިވާގޮތުގެމަތީން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އިޖާބަދީފައިވާތީއާއި، އެފަދަ ޙާލަތެއް ދެން ކުރިމަތިނުވާނެތީވެ، ކުރިން ހުރި ޕާޓީއަށް ރުޖޫއަވުމަށް ސިމެދަ ޕޯޓަލް އިން ދެވިފައިވާ އޮޕްޝަން، 2026 ޖަނަވަރީ 01 އިން ފެށިގެން، އުނިކުރުން.
5. ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި ޢަމަލުކުރާ ބައެއް އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތައް 2026 ޖަނަވަރީ 01 އިން ފެށިގެން ތަންފީޛުކުރުމަށްޓަކައި، ސިމެދަ ފޯޓަލްގައި މިހާރު ހުރި ޕެންޑިންގ ރިކުއެސްޓުތަކާ ގުޅޭ.
1. ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓުތައް، 2026 ޖަނަވަރީ 1 ގައި ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮޓޯއިން އެޕާޓީއަކުން ވަކިކުރުން.
2. ސިޔާސީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓުތަކުގެ ތެރެއިން 30 (ތިރީސް) ދުވަސް ހަމަވެފައިވާ ރިކުއެސްޓުތައް، 2026 ޖަނަވަރީ 1 ގައި ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮޓޯއިން އެޕާޓީއަކަށް ރަޖިސްޓަރީކުރުން.
3. ސިޔާސީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓުތަކުގެ ތެރެއިން 30 (ތިރީސް) ދުވަސް ހަމަނުވާ ރިކުއެސްޓުތައް، 2026 ޖަނަވަރީ 1 އިން ފެށިގެން ރަޖިސްޓަރީވުމަށް ޕާޓީއަށް ދީފައިވާ ވެއިޓިންގ ޕީރިއަޑް ކަނޑާލުމަށްފަހު، ޕާޓީން މި ރިކުއެސްޓްތައް އެޕްރޫވް ނުކުރާނަމަ، 30 ދުވަހުގެ މުއްދަތު ހަމަވުމުން ސިމެދަ ޕޯޓަލް މެދުވެރިކޮށް އޮޓޯއިން އެޕާޓީއަކަށް ރަޖިސްޓަރީކުރުން.
7. 2026 އިން 2030 އަށް އެކުލަވާލާފައިވާ ކޮމިޝަނުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނާ ގުޅޭ.
2026 އިން 2030 އަށް އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން 2025 ޑިސެންބަރު 24 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި، 2026 އިން 2030 އަށް އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން، ފާސްވުމާ ގުޅިގެން، ތިރީގައި މިދަންނަވާ ކަންކަން ތަންފީޛުކުރުމަށްވެސް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· 2026 އިން 2030 އަށް އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ދިވެހިބަހަށް ތަރުޖަމާކުރުން.
· ސްޓްރެޓިޖިކް އެކްޝަން ޕްލޭން ބަޔާންކޮށްފައިވާ ކަންކަން ހިމެނޭހެން ކޮންމެ އަހަރަކަށް ވަކިވަކި ވާރކްޕްލޭން ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
· ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންކަމާ ގުޅިގެން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކާ ގުޅުންބަދަހިކުރުމަށް މަސައްކަތްކުރުން.
· ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭކަންކަން ވީހާވެސް ބޮޑަށް މުވައްޒަފުންނާ ޙިއްޞާކޮށް، މުވައްޒަފުން އަޙުލުވެރިކުރުވުން.
· ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް އެގޮތުގެމަތީން ޙާޞިލުކުރުމަށް އިދާރީގޮތުން ކުރެވެހެންހުރި ހުރިހާ މަސައްކަތެއް ކުރުން.
8. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، ކުރިއަށްގެންދިއުމަށް ހުށަހަޅާ ޓިކްޓޮކް މުބާރާތާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، ކުރިއަށްގެންދިއުމަށް ހުށަހަޅާ ޓިކްޓޮކް މުބާރާތާ ގުޅޭ ކަރުދާހަށް ތިރީގައި މިދަންނަވާ އިޞްލާޙުތައް ގެނެސް، އެގޮތުގެމަތީން، ފާސްކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، ކުރިއަށްގެންދިއުމަށް ހުށަހަޅާ މުބާރާތަކީ، ޓިކްޓޮކް މުބާރާތެއް ނޫންކަމަށާއި، ޓިކްޓޮކަކީ މިމުބާރާތް ކުރިއަށްގެންދާ ޕްލެޓްފޯމު ކަމުން، މުބާރާތަށް ކިޔާ ނަންބަދަލުކުރުން.
· މުބާރާތުގައި ވީޑިއޯ ތައްޔާރުކުރުމަށް ކޮންމެ ފިޔަވައްސަކަށް ހުށަހަޅާފައިވާ މަޢުޟޫތަކުގެ ތެރެއިން، ބައެއް މަޢުޟޫތަކުގެ ދާއިރާ ހަނިކަމަށާއި، އެހެންކަމުން، އެ މަޢުޟޫތައް ބަދަލުކޮށް، އިންތިޚާބުގެ މުޅި ޕްރޮސެސްގައި ބޭނުން ހިފޭނެ ގޮތަކަށް މަޢުޟޫތަކުގެ ދާއިރާތަށް ފުޅާކުރުން.
· މުބާރާތުގެ ގަވާއިދުގެ ވަނަތައް ހޮވުމުގެ މިންގަނޑުގެ 8 ވަނަ މާއްދާގައި، މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހަމައެކަނި، ލައިކް/ޝެއަރ އަށް ކަމަށް އޮތް މާއްދާ އިޞްލާޙުކޮށް، ވަނަތައް ހޮވުމުގައި ލައިކް/ޝެއަރ އަދި ވީޑިއޯއިން ފޯރުކޮށްދޭ މެސެޖާއި، މަޤްބޫލުކަން ހޯދާ މިންވަރަށް މާރކްސްދެވޭނެހެން މުޅި މާއްދާ އިޞްލާޙުކުރުން.
· އިލެކްޝަންސް ކޮމިޝަނުގެ އެވެއަރނެސް ޙަރަކާތްތަކަށް އެމްބެސެޑަރުން ހޯދައި، ކޮމިޝަނުން ކުރާ މަސައްކަތްތައް ވީހާވެސް ބޮޑަށް ފެންނާނެހެން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި، ތަފާތު ގިންތީގެ އެމްބެސެޑަރުންގެ ދައުރެއްވާ ކަމަށާއި، އެހެންކަމުން، މިފަދަ މުބާރާތްތައް ހިންގާއިރު އެކަންކަމަށް ވިސްނުން.
· މުބާރާތް ނިމުމަށްފަހު، މުބާރާތުގެ މަޤްޞަދު ޙާޞިލްވިތޯ ބެލުން.
9. އިލެކްޝަންސް ކޮމިޝަނުގައި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ނެޓްވާރކްއެއް ގާއިމުކުރުމާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން އިންތިޚާބުގެ ކަންކަމާއި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް މިކޮމިޝަނުން ފަށައިގެންފައިވާ މަސައްކަތާ ގުޅިގެން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިންނާއި މިކޮމިޝަނާ އޮންނަ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، ކޮންމެ ރަށު/ސިޓީއެއްގައި ގާއިމުވެފައިވާ އެ ރަށު/ސިޓީއެއްގެ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު، ނެޓްވަރކެއް ގާއިމުކުރުމަށްޓަކައި ކޮމިޝަނަށް ކަރުހާދެއް، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހެޅުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ މިދެންނެވުނު ނިންމެވުމާ ގުޅިގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ ގޮތުން، ކޮންމެ ރަށު/ސިޓީއެއްގައި ގާއިމުވެފައިވާ އެ ރަށު/ސިޓީއެއްގެ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި މިކޮމިޝަނާ އޮންނަ ގުޅުން ބަދަހިކުރުމަށް ނެޓްވަރކެއް ގާއިމުކުރުމަށްޓަކައި ކޮމިޝަނުން ގެންގުޅޭނެ ހަމަތަކާއި އުޞޫލާއި ކްރައިޓީރިއާއި، ކޮމިޝަނާ ގުޅިގެން މި ނެޓްވަރކްގައި ބައިވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ގެންގުޅެންޖެހޭނެ ސުލޫކީ މިންގަނޑެއް ހިމެނޭހެން ކަރުދާހެއް، މަޝްވަރާކުރުމުގެ ބޭނުމުގައި ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.










