ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ. 

ނައިބު ރައީސް ޢަލީ ނަޝާޠު ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޓާސްކްފޯސް މަޤާމުތަކަށް މުވައްޒަފުން ނެގުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޓާސްކްފޯސް މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުތަކާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަރވިއުކޮށް، އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތިން ތިރީގައި ދަންނަވާފައިވާ މަޤާމުތަކަށް ދަންނަވާފައިވާ ފަރާތްތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މެނޭޖަރ (އެމް.އެސް 3 – ވަގުތީ)

· އަޙްމަދުމުންޞިފު ޢާދިލް – ކޮންޕްލެއިންޓްސް ބިއުރޯ 

އޮފިސަރ (ޖީ.އެސް 3 – ވަގުތީ)

· އާއިޝަތު ލަމްޙާ ބުޝްރީ – ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން 

· ނާއިފު މުޙައްމަދު ނަޘީފް – ޕްބްލިކް ރިލޭޝަން ސެކްޝަން 

· ޙުސައިން ސާލިމް ޝަކީބު – އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން 

· ޝިފާނާ އަޙްމަދު – ޕަބްލިކް ރިލޭޝަން ސެކްޝަން

 

2. ތިރީގައި މިދަންނަވާ ޓާސްކްފޯސް މުވައްޒަފުން ވަޒީފާ އިން ވަކިކުރުމާއި ގުޅޭ.

· ސީނިއަރ އޮފިސަރ، ޢާއިޝަތު އިފާ އަޙްމަދު މުޙައްމަދު – ޕަބްލިކް ރިލޭޝަންސް ސެކްޝަން

· އެސިސްޓެންޓް މާސްޓާރ ޓްރެއިނަރ، ފަޟްލާ އަޙްމަދު ޝަހީމް – ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަން

· ޑްރައިވަރ، އަޖާދު ޢާމިރު – އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން

· އޮފިސަރ، ޢާއިޝަތު ހުޔާމް ޙަނީފް – ރެޖިސްޓްރޭޝަން ސެކްޝަން 

· ސީނިއަރ އޮފިސަރ، ޢާއިޝަތު ސަދާ – ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

(ހ.) ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ އޮފިސަރ ޢާއިޝަތު އިފާ އަޙްމަދު މުޙައްމަދު، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި "ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" ހުށަހަޅާފައިވާތީ، އަދި މި ފޯމުގައި ނޯޓިސް މުއްދަތުގެ ކުރީން ވަކިވުމަށް އެދިފައިވާތީ، ގަވައިދު ނަންބަރު R-2/2019 (އިލެކްޝަންސް ކޮމިޝަނު)ގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީ ގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނޭ ކަމަށް ބަޔާންކޮށްފައިވާތީއާއި، ނޯޓިސްގެ މުއްދަތު ދެވެން ނެތްނަމަ، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން، ނޯޓިސް މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެ މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށް ވާ ފައިސާ، މުވައްޒަފު ކޮމިޝަނަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ، މިގޮތުގެ މަތިން، ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ އޮފިސަރ ޢާއިޝަތު އިފާ އަޙްމަދު މުޙައްމަދު، ނޯޓިސްގެ މުއްދަތަށް ވާ ފައިސާގެ ކޮމިޝަނަށް ދެއްކުމަށްފަހު، އެދިފައިވާ ގޮތުގެމަތިން 2024 މާރިޗު 23 ގައި ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

(ށ.) ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަންގެ އެސިސްޓެންޓް މާސްޓާރ ޓްރެއިނަރ ފަޟްލާ އަޙްމަދު ޝަހީމް، ރަޖިސްޓްރޭޝަން ސެކްޝަން ގެ އޮފިސަރ ޢާއިޝަތު ހުޔާމް ޙަނީފް، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި "ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" ހުށަހަޅާފައިވާތީ، އަދި މި ފޯމުގައި ނޯޓިސް މުއްދަތުގެ ފަހުން ވަކިވުމަށް އެދިފައިވާތީ، ގަވައިދު ނަންބަރު R-2/2019 (އިލެކްޝަންސް ކޮމިޝަނު)ގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާތީއާއި، އެގޮތުގެމަތިން، ނޯޓިސްގެ މުއްދަތު ހަމަކުރުމަށްފަހު، މި ދެ މުވައްޒަފުން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

(ނ.) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ ޑްރައިވަރ އަޖާދު ޢާމިރު ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި "ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" ހުށަހަޅާފައިވާތީ، އަދި މި ފޯމުގައި ނޯޓިސް މުއްދަތުގެ ފަހުން ވަކިވުމަށް އެދިފައިވާތީއާއި، ގަވައިދު ނަންބަރު R-2/2019 (އިލެކްޝަންސް ކޮމިޝަނު)ގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، 2024 މާރިޗު 19 ގެ ފަހުން މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއަށް ޙާޟިރުނުވާ ކަމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ވިދާޅުވެފައިވާތީ، އެދުވަހުން ފެށިގެން މި މުވައްޒަފު ވަޒީފާއިން ވަކިކޮށް، ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ބްލެކް ލިސްޓު ކުރުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

(ރ.) ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ސީނިއަރ އޮފިސަރ ޢާއިޝަތު ސަދާ 2024 މާރިޗު 18 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއަށް ޙާޟިރު ނުވާތީއާއި، ތަކުރާރުކޮށް މި މުވައްޒަފާ ގުޅުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކުރި މަސައްކަތްތަކުން އެއްވެސް ފަހަރެއްގައި ފޯނަށް ޖަވާބުދީފައިނުވާތީ، ގަވާއިދު ނަންބަރު:2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ ޖަދުވަލް 3 (މުވައްޒަފުންނާ މެދު އިޞްލާޙީ ފިޔަވަޅު އެޅުމުގެ އުޞޫލު) ގެ 9.3 ވަނަ މާއްދާގެ 3 ގައި، ހުއްދަކުރާ ސަބަބެއް ނެތި ވިދިވިދިގެން 5 ދުވަހު ވަޒީފާއަށް ޙާޟިރުވެފައި ނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާތީއާއި، އެގޮތުގެމަތިން، 2024 މާރިޗު 18 ވަނަ ދުވަހުން ފެށިގެން މިމުވައްޒަފު ވަޒީފާއިން ވަކިކޮށް، ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ބްލެކް ލިސްޓު ކުރުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

3. ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ ނަންފުޅު، މި ކޮމިޝަނުގެ ފަރާތުން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް، ކޮމިޝަނުން ނިންމަވާފައިވާތީ އެކަމާ ގުޅޭ.

ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ ނަންފުޅު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާއިން ނިންމެވުމާ ގުޅިގެން، އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހޯދަންޖެހޭ އެކި އެކި ލިޔުންތައް ހޯދުމަށްޓަކައި، ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ގުޅުއްވުމުން، މި ކޮމިޝަނުގެ ފަރާތުން ޤައުމީ އިނާމަށް އެދި އެ ބޭފުޅާގެ ނަންފުޅު ހުށަހަޅުއްވަން ބޭނުންފުޅުނުވާ ކަމަށް އެބޭފުޅާ ވިދާޅުވެފައިވާތީ، ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ނަންފުޅު، އިލެކްޝަންސް ކޮމިޝަނުގައި ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށް މިކޮމިޝަނުން ނިންމެވި ނިންމެވުން އަބުރާ ގެނައުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިހާރު އިޢުލާންކުރައްވާފައިވާތީ، މިކޮމިޝަނުގެ ފަރާތުން ހުށަހެޅުއްވުމާ ނަންފުޅުތަކާ ގުޅޭ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާތީ، މިކޮމިޝަނަށް ތަފާތު އެކި ގޮތްގޮތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤްގެ ނަންފުޅު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

5. 2024 ފެބުރުވަރީ 24 ވީ ހޮނިހިރު ދުވަހު، އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ކަރުދާސްތައް ނައްތާލުމާ ގުޅޭ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ޖެހޭއިރު، މި މުއްދަތު 2024 މާރިޗު 12 ގައި ހަމަވެފައިވާއިރު އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކަށަވަރު ކުރައްވާފައިވާތީ، 2024 ފެބުރުވަރީ 24 ވީ ހޮނިހިރު ދުވަހު، އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ކަރުދާސްތައް ނައްތާލުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. ހައްދުންމަތީ ގަމު ކައުންސިލްގެ އަންހެން މެންބަރު، ތުނޑި/ ލ.ގަން، ޢާއިޝަތު ލީޒާ، ހައްދުންމަތީ އިސްދޫ ކައުންސިލްގެ މެންބަރުކަމުން ރެޒީމާހައުސް/ ލ. އިސްދޫ، ޙަސަން ނަޖީބު، ިސްތިޢުފާ ދެއްވާފައިވާކަން، ލޯކަލް ގަވަރމަންޓް އޮތީރިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބާއްވާނެ ތާރީޚެއް ކަނޑައެޅުއްވުމާގުޅޭ.

ހައްދުންމަތީ ގަމު ކައުންސިލްގެ އަންހެން މެންބަރު، ތުނޑި/ ލ.ގަން، ޢާއިޝަތު ލީޒާ (A311564) އިސްތިޢުފާ ދެއްވާފައިވާކަން، ލޯކަލް ގަވަރމަންޓް އޮތީރިޓީގެ ނަންބަރު221-LMI/38/2024/26: ސިޓީން މިކޮމިޝަނަށް އަންގަވާފައިވާތީއާއި، ހައްދުންމަތީ އިސްދޫ ކައުންސިލްގެ މެންބަރުކަމުން ރެޒީމާހައުސް/ ލ. އިސްދޫ، ޙަސަން ނަޖީބު، (A310791)، އިސްތިޢުފާ ދެއްވާފައިވާކަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-LMI/38/2024/27 ސިޓީއިން މިކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް، 2024 މޭ 18 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

7. ބަޖެޓުކުރެވިފައިވާ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން -/5,000 ރުފިޔާއަށްވުރެން ބޮޑު ޚަރަދުތަކާއި، ބަޖެޓް ކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނަށް ހުއްދައަށް އެދޭ ނަންބަރު: AA/02ފޯމުން، ކޮމިޝަން ސައި ކޮޓަރީގައި މިހާރު ބޭނުންކުރަމުންދާ އުނދުނުން ގޭސް ލީކުވުމުގެ މައްސަލަ ދިމާވެފައިވާތީ، އައު އުނދުނެއް ގަތުމުގެ ހުއްދައާގުޅޭ.

ބަޖެޓު ކުރެވިފައިވާ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން 5,000/- (ފަސްހާސް) ރުފިޔާ އަށްވުރެން ބޮޑު ޚަރަދުތަކާއި، ބަޖެޓް ކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނަށް ހުއްދައަށް އެދި، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަނުގެ ނަންބަރު:AA/02ފޯމުގައި، ކޮމިޝަނުގެ ސައި ކޮޓަރީގައި މިހާރު ބޭނުންކުރަމުންދާ އުނދުނުން ގޭސް ލީކުވުމުގެ މައްސަލަ ދިމާވެފައިވާތީ، އައު އުނދުނެއް ގަތުމަށް، ބަޖެޓުގެ ތެރެއިން 3,000/- (ތިންހާސް) ރުފިޔާ، ހަމަޖެއްސުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. ގއ.ކޮލަމާފުށި، އޯޝަންރީޑް، މުޙައްމަދު ޢަޒީމް "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށްއެދި "ސީޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމު" ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، އެކަމާ ގުޅޭ.

ގއ.ކޮލަމާފުށި، އޯޝަންރީޑް، މުޙައްމަދު ޢަޒީމް "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ސީޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫންކަން އަންގައިދޭ ލިޔުން ކޮމިޝަނަށް ހުށަހަޅާފައިވާތީއާއި، އެކަމާ ގުޅިގެން ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވިފައިވާ ކަމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދެއްވާފައިވާތީ، "ގްރީން ޕާޓީ އޮފް މޯލްޑިވްސް" އުފެއްދުމަށްޓަކައި ބޭނުންވާ، 3000 (ތިންހާސް) މެންބަރުންގެ ސޮއި ހޯދުމުގެ ހުއްދަ ގއ.ކޮލަމާފުށި، އޯޝަންރީޑް، މުޙައްމަދު ޢަޒީމަށް ދިނުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

9. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ އިދާރާގެ ނަންބަރު:484/38/2024/1 ސިޓީއާ ގުޅޭ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އެ އިންސްޓިޓިއުޓްގެ ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި، މިކޮމިޝަނަށް ދެވެންހުރި އެހީތެރިކަމަށް އެ އިންސްޓިޓިއުޓްގެ ނަންބަރު:484/32/2024/1 ސިޓީން އެދިފައިވާތީ، މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތަކަށް ދަތިނުވާނަމަ، އެދިފައިވާ ގޮތުގެމަތިން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް އިންތިޚާބު ބޭއްވުމަށް އެހީތެރިކަން ދިނުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

10. 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލަ މަހުގެ 06 ދުވަހުގެ ރަސްމީ ގަޑި ކޮމިޝަނުގެ 817 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާތީއާއި، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ރަސްމީ ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކުގައި މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން، އޮފީހަށް ޙާޟިރުވާންޖެހޭ ގަޑި ލުއިކުރެއްވުމާ ގުޅޭ.

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ރަސްމީ ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުން މުރަޖަޢާކުރެއްވުމަށްފަހު، 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކުގައި މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން، މި ދުވަސްތަކަކީ ރަސްމީ ދުވަސްތަކެއް ނޫން ކަމުގައި ހަމަޖައްސަވަން، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ ރަސްމީ ދުވަސްތަކެއް ނޫން ކަމުގައިވީނަމަަވެސް، މުވައްޒަފުން އޮފީހަށް ޙާޟިރުވާންޖެހޭނެ ކަމަށާއި، މިގޮތުން 09:30 އިން ފެށިގެން ކޮމިޝަންގެ އިދާރާ ހުޅުވިފައިހުންނާނޭ ކަމަށާއި، މުވައްޒަފުން ގަޑިޖެހޭނެ ވަގުތަކީ އެދުވަހެއްގެ ހެނދުނު 10:00 ގެ ފަހުން ކަމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

11. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު ޙަސަން ޝިޔާމްގެ މައްސަލައެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާތީ، މި ފަރާތުގެ ކެންޑިޑެންސީ ބާޠިލް ކުރެއްވުމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމެއް ނެރުއްވާފިނަމަ، މިފަރާތުގެ ނަން ވޯޓު ކަރުދާހުން ކަނޑާލުމާ ގުޅޭ.

މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު ދޭއް، ޙަސަން ޝިޔާމްގެ މައްސަލައެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާތީ، މި ފަރާތުގެ ކެންޑިޑެސީ ބާޠިލް ކުރެއްވުމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމެއް ނެރުއްވައިފިނަމަ، މި ކެންޑިޑޭޓުގެ ނަން ވޯޓު ކަރުދާހުން އުނިކުރެއްވުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މިގޮތުން މި ކެންޑިޑޭޓު ތާއިދު ހޯއްދެވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާތީ އާއި، ވޯޓު ކަރުދާހުގައި ނަން ހިމެނިފައިވާނަމަ، ބަޔަކު ކޮންމެވެސް ނިޔަތެއްގައި ނަމަވެސް އެ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމުގެ ފުރުޞަތު އޮންނާނެތީއާއި، އެހެންވެއްޖެނަމަ، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް މެދުވެރިވެދާ ނެތީވެ، ޙަސަން ޝިޔާމްގެ ކެންޑިޑެންސީ ބާޠިލް ކުރެއްވުމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމެއް ނެރުއްވައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ މެދުހެންވޭރު ދާއިރާގެ ވޯޓު ކަރުދާސްތައް އަލުން ޗާޕު ކުރެއްވުމަށް، ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
822

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް

އިސް މުވައްޒަފުން

  • Hassan Zakariyya
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ