ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ


ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާ އެވެ. 

ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ސަލާމުގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު ށ.ފުނަދޫ، ޖަންބުމާގެ، ސުވައިދާ ޙުސައިން، (A320308) އެ މަޤާމުން އިސްތިޢުފާއާގުޅޭ.

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު ށ.ފުނަދޫ، ޖަންބުމާގެ، ސުވައިދާ ޙުސައިން، (A320308) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/29 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 2024 ޖޫން 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ 2024 އާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާގުޅޭ.

  1. 21 އެޕްރީލް 2024 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ޙާޟިރުވި ސިއްކަގެ / ރ. ކަނދޮޅުދޫ، ޢާއިޝަތު ފާޒިރާ (ދ.ރ.އ ކާޑު ނަންބަރު A315146)، (މީގެ ފަހުން "ޝަކުވާ ހުށަހެޅި ފަރާތް") ރ. ދުވާފަރު ނަންބަރު E03.07.3 ގެ ވޯޓު ފޮށީގެ ވެރިޔާ ބާޠިލްކޮށްފައިވާ 12 ވޯޓުގެ ތެރެއިން 2 ވޯޓަކީ ޞައްޙަ 2 ވޯޓު ކަމަށާއި، އެ ވޯޓުތަކަކީ ޞައްޙަ ވޯޓުކަމަށްބުނެ އަލުން ވޯޓު ފޮށި ގުނައި ދިނުމަށް އެދި ޤައުމީ އިލެކްޝަންސް ކޮންޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ވޯޓު ފޮށީގެ ވެރިޔާ ވޯޓު ގުނަމުން ދިޔަ ވަގުތު ޝަކުވާ ހުށަހެޅި ފަރާތުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމާއި، ކަންހިނގައިދިޔަގޮތުގެ ރިޕޯޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރާ ގޮޅީގައި ޝަކުވާ ހުށަހެޅި ފަރާތުން ސޮއި ކޮށްފައިވާކަން އެނގެން އޮތުމާއެކު، ބާޠިލް ވޯޓެއް ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ވޯޓުލާ މަރުކަޒަކަށް މިކޮމިޝަނުން ޢައްޔަންކޮށްފައިވާ ވޯޓުލާ މަރުކަޒުގެ ވެރިޔާކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ރ. ދުވާފަރު ދާއިރާގެ ނަންބަރު E03.07.3 ވޯޓު ފޮށީގެ ވޯޓު ކަރުދާސް އަލުން ގުނާނެ ޙާލަތެއް ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

2. މާލެގައި ބެހެއްޓިފައި ހުރި، ރ. ދުވާފަރު  ވޯޓުފޮށިތައް ގުނަމުންދިޔައިރު ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ ވޯޓުތަކާމެދު ޝައްކު އުފެދޭކަމަށް ބުނެ، ރ. ކަނދޮޅުދޫ، ފީރޯޒުގެ އަޙްމަދު ސާއިފް (އައި.ޑީ.ކާޑު ނަންބަރު 239503A)، (މީގެ ފަހުން "ޝަކުވާ ހުށަހެޅި ފަރާތް") ގެ ފަރާތުން ޤައުމީ އިލެކްޝަންސް ކޮންޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށި ނަންބަރު ET.3.1 އަދި ނަންބަރު ET.3.2 ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް އެދި އަޙުމަދު ސާއިފުގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވީ ނަމަވެސް، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު ޝަކުވާ ހުށަހެޅި ފަރާތުން ޝަކުވާ ފޯމުގައި ބަޔާންކޮށްފައިވާފަދަ ޝަކުވާއެއް ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހަޅާފައި ނުވާތީ، އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ނެތްކަމަށް ބުރަވެވޭތީ، ޝަކުވާ ހުށަހަޅާ ފަރާތުން އެދިފައިވާ ފަދައިން އެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް އަންގާނޭ ޤާނޫނީ ހަމައެއް ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

3. ޙުސައިން އަޙްމަދު، ވިލެޖް / ރ. ދުވާފަރު (މީގެ ފަހުން "ޝަކުވާ ހުށަހެޅި ފަރާތް") ގެ ފަރާތުން ދުވާފަރު ދާއިރާގެ ވޯޓުފޮށި ގުނާފައިވަނީ ކެންޑިޑޭޓް އިބްރާހީމް ޢަބްދުއްރަޙްމާންގެ އެއްވެސް މަންދޫބެއް ނެތިކަމަށާއި ދުވާފަރު ދާއިރާގެ ހުރިހާ ވޯޓުފޮށްޓެއް އަލުން ގުނައިދިނުމަށް އެދި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ކެންޑިޑޭޓުގެ މަންދޫބު ޙާޟިރުނުވާކަމަށް ބުނެ ދާއިރާގެ ހުރިހާ ވޯޓުފޮށި އަލުން ގުނައިދިނުމަށް ޝަކުވާ ހުށަހެޅި ފަރާތުން އެދިފައި ވީނަމަވެސް، ޝަކުވާ ހުށަހެޅި ފަރާތުން ވޯޓު ފޮށިތައް ގުނައިދިނުމަށް އެދި ހުށަހަޅާފައިވާ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު (2024/R-3) ގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ އުރަތައް ބަންދުކުރުމަށްފަހު އަލުން ކަނޑައި، އެ ވޯޓު ކަރުދާސްތައް ގުނިދާނެ ޙާލަތަކަށް ނުވާތީ، ޝަކުވާ ހުށަހެޅި ފަރާތުން އެދިފައިވާ ފަދައިން ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށި އަލުން ގުނަން އަންގާނެ ޤާނޫނީ ހަމައެއް ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅިފަރާތްތަކަށް ޖަވާބުދޭއިރު ބައެއްގެ އެސަމްޝަނަކަށް ނުވަތ ޚިޔާލީ ކަންކަމުގެ މައްޗަށް ބިނާކޮށް ޖަވާބު ނުދިނުމަށާއި، ވޯޓުގުނިއިރު މަންދޫބަކުނެތި ވޯޓުގުނާ ނަތީޖާ އިޢުލާނު ކޮށްފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާގެ ޖަވާބުގައި، މަންދޫބަކު ނެތި ގުނުމަކީ އެއްވެސް ޤާނޫނަކުން އަދި އެއްވެސް ގަވާއިދަކުން ލާޒިމުކުރާ ކަމެއް ނޫންކަމާއި، ވޯޓުގުނާ ނަތީޖާ އިޢުލާނުކުރުމުގައި ޤާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާޢާތު އޮތްގޮތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ޖަވާބު ދިނުމަށާއި، އަދިހަމަ އެހެންމެ އެ ޖަވާބުން، ވޯޓުގުނިއިރު މަންދޫބަކު ކޮންމެހެން ހުންނަންޖެހޭފަދަ ޤާނޫނީ ހުއްޖަތެއް ނެތްކަމާއި، އެއީ ވޯޓުފޮށި އަލުން ގުނަންޖެހޭ ފަދަ ޙާލަތެއް ނޫންކަން ސާފުވާންޖެހޭނެކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

4. ށ.ގޮއިދޫ / ސާމިލް، މުޙައްމަދު ޝިއާޒު (ދ.ރ.ކ ނަންބަރު: A268050 )، (މީގެ ފަހުން "ޝަކުވާ ހުށަހަޅާ ފަރާތް") ގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި އިންޑިއާގެ ޓްރިވެންޑްރަމް ގައި ބަހައްޓާފައިވާ ވޯޓު ފޮށި ނަންބަރު W01.1.1:، (ވޯޓު ފޮށި ނަން: 603 އިންޑިއާ) (މީގެ ފަހުން "ވޯޓު ފޮށި")، ކަނޑިތީމު ދާއިރާގެ ވޯޓު ފޮށްޓަށް ވޯޓުލާފައި ވަނީ ޝަކުވާ ހުށަހަޅާ ފަރާތުން އެކަނިކަމަށާއި، ނަމަވެސް ވޯޓު ފޮށީގެ ނަތިޖާ ނެރުނު އިރު ވޯޓުލީ ގޮތާއި މުޅިން ޚިލާފަށް ނަތީޖާ ޢާންމު ކޮށްފައިވާތީއާ، މިކަމަކީ ޝަކުވާ ހުށަހަޅާ ފަރާތާއި މެދު ގޯސް ނަޒަރަކުން ބެލުމުގެ ފުރުސަތު އޮތްކަމަކަށް ވާތީ، އަލުން ކަނޑިތީމު ދާއިރާގެ ވޯޓު ފޮށްޓަށް ލާފައިވާ ވޯޓު ކަރުދާސް އަދި ބާކީ ހުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް ޗެކް ކޮށްދިނުމަށް އެދި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ.

ވޯޓުލާ މަރުކަޒުގައި ކަންކަން ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، ވޯޓު ގުނަމުން ދިޔައިރު ވޯޓުލާ މަރުކަޒުގައި 5 (ފަހެއް) އޮފިޝަލުންގެ އިތުރުން ޢާންމު މީހަކު ޙާޒިރުވެފައި ވާކަން އެނގެން އޮންނާތީ އާއި، ވޯޓު ފޮށީގެ ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ޝަކުވާއެއް ހުށަހަޅާފައި ނުވާތީއިރު، ކަރުދާހާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއަށް ބަލާއިރު ސާބިތު ކުރެވޭވަރުގެ ހެއްކާއި ޤަރީނާ ނެތްކަމަށްވާނަމަ، ނެތްކަން އަދި އެކަމަކީ މައްސަލަ ބެލިނަމަވެސް އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ ކަމަކަށް ނުވާތީ އިތުރަށް މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ޖަވާބުގެ ގޮތުގައި ދިނުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.


5. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (މީގެ ފަހުން "ޝަކުވާ ހުށަހެޅި ފަރާތް")ގެ ފަރާތުން ގދ.ތިނަދޫ 05 ނަންބަރު (Q02.01.1) ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް ގުނަން ބަހައްޓާފައި ހުރިއިރު، އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި މުޙައްމަދު އަލްސަން އަޙްމަދު (ކެންޑިޑޭޓު ނަންބަރު 01) އަށް ޚާއްސަކޮށްފައިވާ ނަންބަރުގެ ކައިރީގައި ބަންޑެލި ކުރެވުނު ވޯޓު ކަރުދާހުގެ ބަންޑެއްޔަށް ވުރެ، ޝަކުވާ ހުށަހަޅާ ފަރާތުން ވާދަކުރެއްވި ޢަބްދުﷲ ޝަރީފް (ކެންޑިޑޭޓް ނަންބަރު 2) އަށް ޚާއްސަކޮށްފައިވާ ނަންބަރުގެ ކައިރީގައި ބަންޑެލި ކުރެވުނު ވޯޓު ކަރުދާސް ގިނަ ކަމުގައި ވީނަމަވެސް، ވޯޓު ގުނި އިރު ކެންޑިޑޭޓް ނަންބަރު 01 އަށް ވޯޓު ގިނަވެފައި ވުމަކީ މި ވޯޓު ފޮށީގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި، އަދި މިއީ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނޭކަމެއް ކަމަށް ޤަބޫލުކުރާތީ މި ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނައި ދިނުމަށް އެދި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ.

ގދ. ތިނަދޫ 05 ނަންބަރު (Q02.01.1) ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް އެދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ހުށަހަޅާފައިމިވާ މައްސަލައިގައި ފޮނުވާފައިވާ ހެއްކަށް ރިޢާޔަތްކުރާއިރު، އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ނެތްކަމަށް ބުރަވެވޭތީ، ޝަކުވާ ހުށަހަޅާ ފަރާތުން އެދިފައިވާ ފަދައިން ގދ. ތިނަދޫ 05 ނަންބަރު ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް އަންގާނޭ ޤާނޫނީ ހަމައެއް ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

ދަންނަވަމަވެ. އިލެކްޝަންސް ކޮމިޝަނުން އޭގެމައްޗަށް ތަބާވާ މައިގަނޑު އުޞޫލަކީ ވޯޓުފޮށްޓެއް އަލުން ގުނާކަމަށްވާނަމަ އެކަމެއް ވޯޓުލުމުގެ ޕްރޮސެސް ފެށޭ ހިސާބުން ލޮގް ކުރެވިފައި އޮންނަންވާނެކަމަށާއި، މިގޮތުން ކަނހިނގާދިޔަ ރިޕޯޓުތަކުގައި އިސްވެ ދެންނެވުނު މައްސަލަތައް ބަޔާންކޮށްފައިވޭތޯއާއި، ނުވަތަ މަރުކަޒުގެ ވެރިޔާއަށް ޝަކުވާ ހުށަހަޅާފައިވޭތޯ ޔަގީންކުރުމަށާއި، މި މައްސަލަތައް އިންތިޚާބުގެ އެއްވެސް މަރުޙަލާއެއްގައި ރެކޯޑު ކުރެވިފައިނެތްކަމަށްވާނަމަ، މިކަންކަން ވަރަށް ރަނގަޅަށް ސާފުވާނެހެން މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދޭއިރު ޖަވާބުގައި ހިމެނިފައި އޮންނަންވާނެކަމަށާއި، މިގޮތުން ޖަވާބުތައް ދޭއިރު އެކަމެއް ކުރުމަށް ޤާނޫނުގައި ނުވަތަ ގަވައިދުގައި ބަޔާންކުރާ ކަންކަން ސާފުވާނެހެން ޖަވާބު ދިނުމަށާއި، ވޯޓުފޮށިތައް އަލުން ގުނަންޖެހޭ އެއްވެސް ޙާލަތެއް ނެތްކަން ބަޔާންކުރާއިރު، ޤާނޫނުގައި ނުވަތަ ގަވައިދުގައި އެކަންކަމާއިމެދު ޢަމަލުކުރާ ގޮތުގެ އިޖުރާޢާތު އޮތްގޮތް ވަރަށް ރަނގަޅަށް ސާފުކޮށް ބަޔާންކޮށް އެ ފަރާތްތަކަށް ޖަވާބު ދިނުމަށާއި، ޖަވާބު ޑިސްޕެޗްކުރުމުގެ ކުރީން، ކޮމިޝަނުގެ މެންބަރުން ބެއްލެވުމަށްފަހު މެންބަރުންގެ އެޕްރޫވަލްއާއެކު 2024 އެޕްރީލް 25 (މާދަމާ) ގެ 12:00 ގެ ކުރިން، އަދި ދާއިމީ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިން، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްކަށް ޖަވާބު ދީ ނިންމުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 474 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
474

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ