ޖަލްސާތައް

ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ޗުއްޓީގައެވެ. އަދި ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ސަލާމުގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސްގެ މަޢުލޫމާތު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ބޭނުންކުރުމަށް ކޮމިޝަނުގެ ޓެބްލެޓް އަދި ލެޕްޓޮޕް ހޯދުމަށްއެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ފޮނުއްވާފައިވާ އެ މިނިސްޓްރީގެ ނަންބަރު:10-DOFL/38/2024/1 ސިޓީއާ ގުޅޭ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނަންބަރު:10-DOFL/38/2024/1 ސިޓީން، ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސްގެ މަޢުލޫމާތު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ބޭނުންކުރުމަށް ކޮމިޝަނުގެ ޓެބްލެޓް އަދި ލެޕްޓޮޕް ހޯދުމަށްއެދިފައިވާތީ، ކޮމިޝަނުން އިތުރުގޮތެއް ނިންމަވަންދެން އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަށް ގަނެފައިވާ 110 ލެޕްޓޮޕް އިލެކްޝަންސް ކޮމިޝަނުގެ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ދޫނުކުރުމަށާއި، މީގެ އިތުރުން ދައުލަތުގެ ޢާންމު ބޭނުންތަކަށް އިލެކްޝަންސް ކޮމިޝަނުން ދެވެންހުރި އެހެން ތަކެތި އިދާރީ ގޮތުން ދެވެންހުރި ގޮތަކަށް ދިނުމަށް ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނަމަވެސް ޓެބްލެޓްތައް ދޫކުރާކަމަށްވާނަމަ ދޫކުރެވޭނީ އެތަކެތީގެ މަސްއޫލްވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮފް ފިނޭންސް އިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން އެދޭ މިންވަރަކަށް ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފިނަމަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން އެދިވަޑައިގަންނަވާ މިންވަރަކަށް ދޫކުރުމަށްވެސް ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   2. އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލުގެ 4 ވަނަ އިސްދާރާއާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލުގެ 4 ވަނަ އިސްދާރާއާ ގުޅޭގޮތުން، 2024 ޖޫން 5 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވި ގޮތުގެމަތިން، ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލުގެ V04,05.06.2024 (4 ވަނަ އިސްދާރު) އަށް 6 އިޞްލާޙު ގެނެސްފައިވާތީ، އެ އިޞްލާޙުތަކާއެކު، އުސޫލު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

   3.     ފައިނޭންސް ސެކްޝަނުގެ އޮފިސަރ އާދަމް ޚުފާފު އަދި އޮފިސަރ ފާޠިމަތު ޛީޝާންގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.

ފައިނޭންސް ސެކްޝަނުގެ އޮފިސަރ، އާދަމް ޚުފާފް އަދި ފާޠިމަތު ޛީޝާން ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ފައިނޭންސް ސެކްޝަނުގެ އޮފިސަރ، އާދަމް ޚުފާފް އަދި ފާޠިމަތު ޛީޝާން ދާއިމީ ކުރުމަށް، ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   4. ސިޔާސީ ޕާޓީތަކުގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭ.

2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވާ ޕާޓީތައް ބަލައި ޗެކްކުރުމުން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް އިން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާކަން ފާހަގަ ކުރެވުމާއި ގުޅިގެން، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވާތީ ސިޔާސީ ޕާޓީތަކުން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ 2024 މެއި 26 ވަނަ ދުވަހުގެ ކުރިންކަމާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެ މާއްދާގެ (ހ) ގެ 1 ފިޔަވައި ޤަނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000/-ރ. (ތިރީސްހާސް) ރުފިޔާއާއި 75,000/-ރ. (ހަތްދިހަފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީއެއް، 50,000/-ރ. (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައި ސިޔާސީ ޕާޓީގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، އިސްވެ ދެންނެވުނު މާއްދާތަކަށް ރިޢާޔަތްކޮށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް ޖޫރިމަނާ 50,000/-ރ. (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު އޮޑިޓް ރިޕޯޓު ހުށަހެޅުމަށް 1 މަސްދުވަހުގެ މުއްދަތު މި 3 ޕާޓީއަށްވެސް ދިނުމަށް، ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   5. ޢަދާލަތު ޕާޓީގެ މާލީ ބަޔާނާ ގުޅޭ.

ޢަދާލަތު ޕާޓީގެ މާލީ ބަޔާނާ ގުޅިގެން އެ ބަޔާން އޮޑިޓްކޮށްފައިވާ "ކްރޯ ހޯވަރތް" ގެ ފަރާތުން ކޮލިފައިޑް އޮޕީނިއަން ދެއްވި ސަބަބުތަކުގެ ތެރޭގައި ޕާޓީގެ ހަރުމުދަލާގުޅޭ ލިޔުންތައް ބަލަހައްޓާފައިނުވާތީ، ހަރުމުދަލަށް ކޮށްފައިވާ ޚަރަދު ކަށަވަރު ކުރެވެން ނެތުމާއި، ކޭޝް އިން ހޭންޑް ގޮތުގައި ރެކޯޑްކުރެވިފައިވާ ފައިސާގެ ރިކޮންސިލިއޭޝަން ފުރިހަމައަށް ހަދާފައިނެތުމާއި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ކޮށްފައިވާ ޢާންމު ޚަރަދާގުޅޭ ސަޕޯޓިންގ ޑޮކިއުމަންޓްސް ހިމަނާފައިނެތުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާޚަރަދުގެ ތަފްޞީލު ހިސާބުތައް ބެލެހެއްޓިފައި ނުވުންކަމުގައިވާތީ، ޤާނޫނުގެ މި މާއްދާގައި ސިޔާސީ ޕާޓީތަކުންކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުމަށް ލާޒިމުކުރާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަދާލަތު ޕާޓީ 20,000/-ރ. (ވިހިހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި ޢަދާލަތު ޕާޓީގެ ޚަޒާންދާރާމެދު ފިޔަވަޅު އެޅުމަށްޓަކައި، އޭނާގެ ފުރިހަމަ މަޢުލޫމާތު ސާފުކުރުމަށްފަހު ދެންއޮންނަ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް އަލުން ހުށަހެޅުމަށްވެސް ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   6. މއ.މާވެޔޮވިލާ، ޙަސަން ޒަމީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ.

މއ.މާވެޔޮވިލާ ޙަސަން ޒަމީލް (A001566) ސިވިލް ކޯޓުގައި ދަޢުވާކުރާ، ރިޔާސީ އިންތިޚާބު 2023 ގައި ޤާނޫނު ނަންބަރު11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 73 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ މާލީ ބަޔާން އެ ޤަނުނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާފައިނުވާތީ، އެ ޤަނޫނުގެ 75 ވަނަ މާއްދާގެ (ށ)ގެ ދަށުން 20,000/-ރ. (ވިހިހާސް ރުފިޔާ) އިން ޙަސަން ޒަމީލް އަދި މަޙްރާން ޒަމީލް 6,000/-ރ. (ހަހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފައިވަނީ ކުށުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، މާލީ ބަޔާން ރަނގަޅު ކުރުމަށް ފުރުޞަތު ދިނުމެއްނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށްބުނެ ކުރާ ދަޢުވާއާއި ގުޅިގެން، 2024 ޖޫން 5 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެވުނު ގޮތުގެމަތިން، ޙަސަން ޒަމީލްއާ ފޯނުން މުޢާމަލާތްކޮށް، ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ އިޤްރާރު މިހާރު ހުށަހަޅާފައިވާތީ، ޖޫރިމަނާ މުރާޖަޢާކޮށް ބާޠިލު ކޮށްފިނަމަ، ދަޢުވާ އަނބުރާ ގެންދާނެކަމަށް ޙަސަން ޒަމީލް ވިދާޅުވުމާއި ގުޅިގެން، ޙަސަން ޒަމީލް ކޮމިޝަނުން ކޮށްފައިވާ ޖޫރިމަނާ މުރާޖަޢާކޮށް ބާޠިލު ކުރުމަށްފަހު އެކަން ޙަސަން ޒަމީލަށް އެންގުމަށާއި، ކޯޓުން ބޭރުން މައްސަލަ ޙައްލު ކުރުމަށް، ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

  7.  2024 ޖޫން 14 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ދިމާވި މައްސަލައާ ގުޅޭ.

2024 ޖޫން 14 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ދިމާވި މައްސަލައާ ގުޅޭގޮތުން ކަންހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ސީނިއަރ 3 މުވައްޒަފުންގެ ކޮމިޓީއެއް އެކުލަވާލުމަށްފަހު އިންކުއަރީއެއް ހެދުމަށްފަހު އެކަން ކޮމިޝަނާ ޙިއްޞާ ކުރުމަށް ކޮމިޝަން މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވާތީ، އެގޮތުގެމަތިން ސެކްރެޓަރީ ޖެނެރަލް އިސްކޮށް ހުންނަވައި ޑިރެކްޓަރ ޢާއިޝަތު ޝައްފާފް، އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ޝާހިޔާ އަދި އެސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސަޢީދު ހިމެނޭހެން އެކުލަވާލި އިންކްއަރީ ކޮމިޓީން ތައްޔާރު ކޮށްފައިވާ ރިޕޯޓު ސެކްރެޓަރީ ޖެނެރަލް ދިރާސާ ކުރައްވައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޙައްޤު ގެއްލުނު ހިސާބެއް ހޯދައި، މައްސަލަ ހުރި ހިސާބުތަކުން ޒިންމާވަނީ ކޮންބައެއްތޯ ބަލައި މިކަމުގައި ޒިންމާވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ޢީދު ޗުއްޓީއަށްފަހު ފެށޭ ހަފްތާގެ 2024 ޖޫން 26 ވާ ބުދަ ދުވަހުގެ ކޮމިޝަންގެ ރަސްމީ ޖަލްސާއަށް ހުށަހެޅުމަށް، ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މިގޮތުން މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ހުށަހަޅާއިރު، ކޮމިޝަނުގެ ގަވާއިދުގައި އެޅޭނެކަމަށް ބަޔާންކުރާ ފިޔަވަޅުތަކުގެ މަޢުލޫމާތާއެކު ކޮމިޝަނަށް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

   8. މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި ލ.ގަމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވަގުތީ އަދި ރަސްމީ ނަތީޖާގުޅޭ.

މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި ލ.ގަމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ކުރިން 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން ބާއްވާ ދުވަސް 1445 ވަނަ އަހަރުގެ ޙައްޖު ދުވަހާ ދިމާވުމާއި ގުޅިގެން، 2024 ޖޫން 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން 2024 ޖޫން 14 ވާ ހުކުރު ދުވަހު ބާއްވާގޮތަށް 2024 ޖޫން 8 ވީ ހޮނިހިރު ދުވަހު، އިންތިޚާބާ ގުޅިގެން ބޭއްވި 477 ވަނަ ޚާއްޞަ ޖަލްސާގައި ނިންމަވާފައިވާތީއާއި، ކޮމިޝަނުގެ މެންބަރުން ޗުއްޓީގައާއި ރަސްމީ ދަތުރުފުޅުތަކުގައި ތިއްބެވުމާއި ގުޅިގެން މިހާރު ފިޒިކަލީ ކޮމިޝަނުގެ މެންބަރުންގެ ކޯރަމް ނުލިބޭތީ، ހަމައެކަނި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ވަޓްސްއަޕް ގްރޫޕަށް ލުމުން އެ ނަތީޖާއަށް ކޮމިޝަނުގެ 3 މެންބަރުން އޯކޭ ދެއްވުމުން ވަގުތީ ނަތީޖާ އެންޑޯސްވީކަމަށް ބެލުމަށާއި، ނަމަވެސް ރަސްމީ ނަތީޖާގައި މެންބަރުން ސޮއި ކުރެއްވުމުން އެންޑޯސްވީކަމުގައި ކޮމިޝަނުގެ 834 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
834

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ