ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާ ގުޅޭ.
2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތަށް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
އަދި ކުރިއަށްހުރި ބައި-އިލެކްޝަންތަކުގައި އޮފިޝަލުންގެ ގޮތުގައި ކޮމިޝަނުގެ މުވައްޒަފުން ހަމަނުވާކަމަށްވާނަމަ، އޮފީހުން ބޭރުން މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ ބައި-އިލެކްޝަނެއް ބޭއްވޭ ރަށަކުން އޮފިޝަލުންނެގުމަކީ މިވަގުތަށްއޮތް އެންމެ ޚަރަދުކުޑަ ގޮތްކަމަށްވާތީ އެގޮތުގެމަތިން އޮފިޝަލުން ހަމަޖެއްސުމަށްވެސް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާ މުސާރަނުލިބޭ ޗުއްޓީ އިތުރުކުރުމާ ގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާގެ ބަލިޙާލަތު ހުރިގޮތުން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް މަޑުކުރަންޖެހޭތީ މިހާރު ނަންގަވާފައިވާ 36 ދުވަހުގެ މުސާރަނުލިބޭ ޗުއްޓީ 2024 މޭ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، 2024 މޭ 31 ވަނަ ދުވަހުން ފެެށިގެން 2024 ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް (14 ދުވަސް) މުސާރަނުލިބޭ ޗުއްޓީގެ ގޮތުގައި އިތުރުކޮށް ދެއްވުމަށް އެދިފައިވާތީ، ޢާއިޝަތު ސުމައިނާއަށް ޙައްޤުވާ އަހަރީ ޗުއްޓީއެއް ސަލާމެއް ޢާއިލީ ޒިންމާގެ ޗުއްޓީއެއް ނެތުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 6 ގެ 13 ވަނަ މާއްދާ "ޚާއްޞަ ޙާލަތަކާ ގުޅިގެން، ނުވަތަ ޞީއްޙީ ފަރުވާގެ ބޭނުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލުން" ގެ 13.5 މުވައްޒަފަކަށް ދިވާމާ ޚާއްޞަ ޙާލަތަކާއި ގުޅިގެން، އެ ޙާލަތު ބަޔާންކޮށް މުސާރަ ނުލިބޭގޮތަށް ވީއްލުމަސްއެދި މުވައްޒަފަކު ކޮމިޝަނަށް ހުށަހަޅައިފިނަމަ، ހިއުމަން ރިސޯސް ޕެނަލަށް އެކަން ހުށަހަޅަންވާނެއެވެ. އަދި ޕެނަލުގެ ލަފަޔާއެކު މުވައްޒަފު ވީއްލުމަށް ކޮމިޝަނުން ނިންމައިފިނަމަ މުސާރަ ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، އެ މުވައްޒަފަކު ވީއްލިދާނެއެވެ." މި މާއްދާގެ ދަށުން ޢާއިޝަތު ސުމައިނާ އެދިލައްވާފައިވާ މުއްދަތަށް މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމަށް ހިއުމަން ރިސޯސް ޕެނަލަށް ފެންނަކަމަށް ނިންމަވާފައިވާތީ، ޢާއިޝަތު ސުމައިނާ އެދިވަޑައިގަންނަވާފައިވާ ގޮތުގެމަތިން 2024 މޭ 31 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ނުލިބޭ ޗުއްޓީ ދިނުމަށް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މާލީބަޔާނާ ގުޅޭ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނަކީ، އެ ޕާޓީތަކުގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިން ސްޓޭންޑަރޑްސް" އާއި އެއްގޮތަށް ތައްޔާރުކޮސްފައިވަ މާލީ ބަޔާންތަކެއްކަމާއި، އެ ޕާޓީތަކުގެ މާލީ ބަޔާންން އޮޑިޓްކޮށްފައިވަ ފަރާތުން ބަޔާންކޮށްފައިވާކަމާއި، އަދި މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ނުވާކަން އިންޓަރނަލް އޮޑިޓަރ ފާހަގަ ކުރައްވާފައިވާތީ އިންޓަރނަލް އޮޑިޓަރުގެ ރަޢުޔަށް ރިޢާޔަތްކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާފައިވާ ރިޕޯޓެއްކަން ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.
4. 2024 ސެޕްޓެންބަރު 30 އިން 3 އޮކްޓޫބަރަށް ޑޮމިނިކަން ރިޕަބްލިކްގެ ސިޓީ އޮފް ސެންޓޯ ޑޮމިންގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ، 20 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑްސް އެންޑް ސިމްޕޯސިއަމްގަައި ބައިވެރިވުމަށް އައި.ސީ.ޕީ.އެސް އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅޭ.
2024 ސެޕްޓެންބަރު 30 އިން 3 އޮކްޓޫބަރަށް ޑޮމިނިކަން ރިޕަބްލިކްގެ ސިޓީ އޮފް ސެންޓޯ ޑޮމިންގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ، 20 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑްސް އެންޑް ސިމްޕޯސިއަމްގައި ބައިވެރިވުމަށް އައި.ސީ.ޕީ.އެސް އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅޭގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރާނީ ކޮންފަރާތަކުންކަން އެ ފަރާތުން ސާފުކުރުމަށްފަހު އަލުން މިކަން ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. 2024 ޖޫން 24 އިން 27 އަށް ތައިލެންޑް ސެނެޓް ސިލެކްޝަން އޮބްޒަރވޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް އޮފީސް އޮފް ދަ އިލެކްޝަންސް ކޮމިޝަން އޮފް ތައިލޭންޑް އިން މި ކޮމިޝަނަށް ފޮނުއްވާފަައިވާ ދަޢުވަތާ ގުޅޭ.
2024 ޖޫން 24 އިން 27 އަށް ތައިލެންޑް ސެނެޓް ސިލެކްޝަން އޮބްޒަރވޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް އޮފީސް އޮފް ދަ އިލެކްޝަންސް ކޮމިޝަން އޮފް ތައިލޭންޑް އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން ތިރީގައި ދަންނަވާ ބޭފުޅުން ވަޑައިގަންނަވާގޮތަށް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
1. ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ
2. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް
މީގެއިތުރުން އަމިއްލަ ޚަރަދުގައި އިތުރު ބޭފުޅަކަށް ބައިވެރިވެޑައިގެންނެވުމުގެ ފުރުޞަތު އޮތުމާއެކު އެގޮތުގެމަތިން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ މެންބަރަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި، ޝައުޤުވެރިވާ މެންބަރަކު ހުންނެވިނަމަ އެ މެންބަރަކަށްވެސް ފުރުޞަތު އެރުވުމަށްވެސް ކޮމިޝަނުގެ 832 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.