ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، މެންބަރު މުޙައްމަދު ޢާޞިފް އަދި މެންބަރު ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ހއ.މާރަންދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ފޯކަލް ޕޮއިންޓު ހަމަޖެއްސުމާ ގުޅޭ.
ހއ.މާރަންދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހއ.މާރަންދޫ، ނޫރަންމާގެ، ޢަބްދުﷲ އިބްރާހީމް (A087835) ހަމަޖެއްސުމަށް، ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ، ޢަބްދުﷲ ނަބީލް ވަޒީފާއިން ވަކިވުމަށްއެދި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ފޯމާ ގުޅޭ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ ޖީ.އެސް 3 ގެ މަޤާމުގައި ހުރި، ޢަބްދުﷲ ނަބީލް ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ހުށަހަޅާފައިވާތީ، ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށާއި، މިގޮތުން މި މުވައްޒަފު، ނޯޓިސް މުއްދަތުގެ ކުރީން ވަކިވުމަށް ބޭނުންވާނަމަ، ނޯޓިސް މުއްދަތަށް ވާ ފައިސާއާއި ޢިނާޔަތްތައް ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަށް ދެއްކުމަށްފަހު، މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، ހުސްވި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ޢިއުލާންކުރުމަށްވެސް، ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ދަ ޑިމޮކްރެޓްސް ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:DEM/LTR/2024/52 ސިޓީއާ ގުޅޭ.
ދަ ޑިމޮކްރެޓްސް ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް ދީފައިވާ މުއްދަތު، 2024 އޮގަސްޓް 08 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެތީ، އޮޑިޓް ހުށަހެޅުމުގެ މުއްދަތު މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށްއެދި، އެ ޕާޓީ އިން މިކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:DEM/LTR/2024/52 ސިޓީއާ ގުޅިގެންނާއި، މިކަމާ ގުޅިގެން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ފޮނުއްވާފައިވާ މެމޯއާ އެއްގޮތަށް ، ދަ ޑިމޮކްރެޓްސް ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމުގެ މުއްދަތު، 2024 އޮގަސްޓު 31 ގެ ނިޔަލަށް އިތުރުކުރުމަށް، ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާންތައް ކޮމިޝަނަށް ހުށަހަޅުއްވާފައިނުވާ ކެންޑިޑޭޓުންގެ މައްސަލަ ތަޙްޤީޤުކުރާއިރު، ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ މައްސަލަ ތަޙްޤީޤް ކުރުމާގުޅޭ.
ޤާނޫނޫ ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 66 ވަނަ މާއްދާގައި، ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ އެންމެހައި ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން ރިޕޯޓުކުރުމަކީ، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ކެންޑިޑޭޓާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓަށް ލާޒިމުކަމެއް ކަމަށްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާންތައް ކޮމިޝަނަށް ހުށަހަޅުއްވާފައި ކެންޑިޑޭޓުންގެ މައްސަލަތައް ތަޙްޤީޤުކުރާ އިރު، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ މައްސަލަ ތަޙްޤީޤްކޮށް ދަޢުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް، ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.