ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2024 އޮގަސްޓް މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރުން.
2024 އޮގަސްޓް މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.
2. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ފޮނުވާފައިވާ ސިޓީއާ ގުޅޭ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ފޮނުވާފައިވާ ސިޓީގެ މުއްދަތައް ރިއާޔަތްކުރުމަށްފަހުގައި، އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރަމުން އަންނަ އިމާރާތް ހުސްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އަންގާފައިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ތަނެއް ކުއްޔައް ހިފަން ބޭނުންވާތީ، އިމާރާތެއް ހޯދުމަށް ހިގާނެ ޚަރަދު އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގައި ހިމަނުމަށްފަހު، 2025 ވަނަ އަހަރުގެ ބަޖެޓްގައި އިމާރާތް ހޯދުމަށް ހިގާނެ ޚަރަދު އިތުރުކޮށްދެއްވުމަށް އެދި މާލީ ވުޒާރާ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް އިދާރާ އަށް ސިޓީ އެއް ފޮނުވުމަށާއި، އިލެކްޝަންސް ކޮމިޝަން ބޭނުން ކުރަމުން އަންނަ އިމާރާތް ހުސްކުރަން ތިން މަސް ލިބިފައިވާކަމާއި، ސިޓީ ފޮނުވާއިރު ސިޓީގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަކީ މަސައްކަތް މެދު ނުކެޑި ކުރިޔަށް ގެންދަން ޖެހޭ ތަނެއް ކަމަށާއި، އިންތިޚާބުތައް ކުރިއަށްދާއިރު ތަން ހުސްކޮށްގެން އެހެން އިމާރާތަކަށް ބަދަލުވާނެ ވަގުތު ނުލިބޭނެކަމަށާއި، އިމާރާތް ބަދަލުވާ އިރުގައި ޚިދުމަތްތައް މެދު ނުކެޑި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް ސިޓީގައި ހިމެނުމަށާއި، އިލެކްޝަންސް ކޮމިޝަނުން އެހެން އިމާރާތަކަށް ދިއުމަށް މަސައްކަތް ކުރެވިފައިވާނެކަމަށާއި، ނަމަވެސް އެ އޮޕްޝަން ނެތުމާއެކު، އިމާރާތެއް ހިފަން ބޭނުންވާތީ، ހިފަން ކުރަން ޖެހޭ ޚަރަދު ދެއްވުމަށް ސިޓީގައި ހިމެނުމަށް، ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އިން އެދިފައިވާގޮތަށް ސަރުކާރާއި ގުޅިގެން ތަނެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން މޯލްޑިވްސް ޕޯސްޓް ލިމިޑެޓް އަށް ޖަވާބު ދެއްވުމަށާއި، ތަނެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ޖިނާއީ ތަޙްޤީޤުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ޑްރާފްޓް އެންޑޯސްކުރުމާގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތައް، ޖިނާއީ ތަޙްޤީޤުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ޑްރާފްޓް އެންޑޯސްކުރުމަށް، ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. 2024 ސެޕްޓެންބަރު 3 ގައި، ސ.ހިތަދޫ، ލާމިގެ މޫސާ އަންވަރު ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ގުޅޭ.
2024 ސެޕްޓެންބަރު 3 ގައި، ސ.ހިތަދޫ، ލާމިގެ މޫސާ އަންވަރު ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން، ޤާނޫނު ނަންބަރު 2024/5 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިނުވާތީ އެ ޤާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެދި ޖަވާބުދެއްވުމަށް، ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ،
5. ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން ފޮނުވާފައިވާ ދަޢުވަތާއި ގުޅޭ.
ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން ފޮނުވާފައިވާ ދަޢުވަތާއި ގުޅިގެން، 2024 އޮކްޓޫބަރު 24 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓަރީ އިލެކްޝަންސް އޮބްޒާވް ކުރުމުގެ ދަޢުވަތު، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، އެ ދަޢުވަތު ޤަބޫލުކޮށް މި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް، ކޮމިޝަނުގެ 844 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.