ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޝަކުވާ ހުށަހަޅާ ޕޯޓަލްގެ ޑިޒައިން ފާސް ކުރުމާގުޅޭ.
2024 ޖުލައި 30 ވީ އަންގާރަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވިގޮތަށް ޝަކުވާ ހުށަހަޅާ ޕޯޓަލްގެ ޑިޒައިން، ޝަކުވާ ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަމުން ދާއިރުފިޔަވަޅަކަށްފަހު ފިޔަވަޅެއް ފުރިހަމަ ކުރަންޖެހޭ ފޯމެއް ގޮތަށް ޝަކުވާ ހުށަހަޅާ ޕޯޓަލްގެ ޑިޒައިން ބަދަލުކޮށް ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް، ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
2. 2024 ސެޕްޓެންބަރު 9 ގައި، ހ.ފޮއްދޫގެ، މުޙައްމަދު ނަޝީދު ފޮނުވާފައިވާ ސިޓީއާގުޅޭ.
ސިވިލް ކޯޓުގައި ކުރިއަށްދާ ނަންބަރު 2415/CV-C/2020 ޤަޟިއްޔާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައާ ގުޅިގެން، 2024 ސެޕްޓެންބަރު 9 ގައި، ހ.ފޮއްދޫގެ، މުޙައްމަދު ނަޝީދުގެ ފަރާތުން ކޮމިޝަނަށް ހުށަހަޅަފައިވާ ސިޓީއާ ގުޅިގެން، މުޙައްމަދު ނަޝީދަށް ދަޢުވާ ކުރުމަށް އެ މާއްދާގެ މަޤްޞަދަކީ ކޮބައިކަމާއި، ގަވައިދު ގެޒެޓު ކުރެވުނު ތާރީޚާއި، މައްސަލައަށް ތަދައްޚުލު ވެވެންނެތްކަމަށާއި، މުޙައްމަދު ނަޝީދު 2010 ވަނަ އަހަރު ހުރި ޕާޓީއާއި އަދި އެ އަހަރު އެ ޕާޓީ ހިންގުމާއި ޙަވާލުވެހުރީ ކޮންފަރާތެއްކަން އެނގޭގޮތަށް ޖަވާބު ދިނުމަށް، ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
3. ގަވައިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވައިދު) އަށް އިޞްލާޙު ގެނައުމާގުޅޭ.
ގަވައިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވައިދު) ގެ 19 ވަނަ މާއްދާއަށް އަންނަނިވިގޮތަށް އިޞްލާޙު ގެނައުމަށް، ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
"ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެއެވެ. އަދި ޕާޓީއަށް ހުށަހަޅަައިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފިނަމަ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެއެވެ. ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަޤާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭންވާނެއެވެ."
4. 2024 ވަނަ އަހަރުގެ ފައިނޭންސް ސެކްޝަންގެ އޮޑިޓް ރިޕޯޓް
2024 ފައިނޭންސް ސެކްޝަނުގެ އޮޑިޓް ރިޕޯޓު، ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި އޮޑިޓްކުރަން ފެށި ދުވަހާއި ނިމުނު ދުވަސް އެނގެން އޮންނަންވާނެކަމަށާއި، ހިސާބުތައް ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ރަނގަޅަށް ކުރެވިފައިނުވާ ކަންކަމަކީ ކޮބައިކަން އެނގޭގޮތަށް މި ރިޕޯޓުގައި އެނގެން އޮންނަންވާނެކަމަށް ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި ކުރިއަށް އޮތްތަނުގައި މިފަދަ ރިޕޯޓެއް ހުށަހަޅުއްވާއިރު ތަފްޞީލުކޮށް އެނގޭގޮތަށް ރިޕޯޓުގައި ކަންކަން ހިމެނުމަށްފަހު ހުށަހެޅުމަށް ވަރަށްބޮޑަށް ސަމާލުކަން ދިނުމަށްވެސް ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. 2024 ނޮވެންބަރު 18 އިން 20 އަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ“AI Literacy and Elections” ވަރކްޝޮޕާ ގުޅޭ.
2024 ނޮވެންބަރު 18 އިން 20 އަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ“AI Literacy and Elections” ވަރކްޝޮޕްގައި ބައިވެރިވުމަށް އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓެންސް (އައިޑިއާ) އިން ފޮނުވާފައިވާ ދަޢުވަތާއި ގުޅިގެން، މި ވަރކްޝޮޕްގައި ކޮމިޝަނުގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް ބައިވެރިވެ ވަޑައިގަންނަވާގޮތަށް ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.