ކޮމިޝަނުގެ 847 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފެވެ.
ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ދަ ޑިމޮކްރެޓްސްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ޙިއްޞާ ކުރުމާގުޅޭ.
ދަ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަކީ އެ ޕާޓީގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާޢި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ، އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަމާއި، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިނުވާކަމަށް އިންޓަރނަލް އޮޑިޓާރުގެ ރަޢުޔުގައި ބަޔާންކޮށްފައިވާކަމާއި، ދަ ޑިމޮކްރެޓްސް އިން މާލީ މުޢާމަލާތްތައް ކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށާއި، އެހެންނަމަވެސް ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދަ ޑިމޮކްރެޓްސްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާތީ، ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ 31 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ޕާޓީ، 50,000/-ރ. (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމާއި، އެ ޕާޓީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު 2024 އޮގަސްޓް 08 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް 2024 ޖޫން 27 ގައި ސިޓީ ފޮނުވާފައިވާކަމާއި، އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި 2024 އޮގަސްޓް 05 ގައި ދަ ޑިމޮކްރެޓްސްއިން ފޮނުވާފައިވާ ސިޓީން އެދިފައިވާގޮތަށް އެ މުއްދަތު އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮސްދީފައިވާކަމާއި، ނަމަވެސް ދަ ޑިމޮކްރެޓްސްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ 2024 ސެޕްޓެންބަރު 18 ގައިކަންވެސް ކޮމިޝަނުގެ 847 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ދަ ޑިމޮކްރެޓްސް ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން 30,000/-ރ. (ތިރީސްހާސް) ރިޔާއިން ޖޫރިމަނާކޮށްފައިވާކަމާއި، އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓު އަދި އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާތީ، ގަވައިދުގައިވާ ގޮތުގެމަތިން ދަ ޑިމޮކްރެޓްސްއަށް ފިޔަވަޅު އަޅާފައިވާކަންވެސް، ކޮމިޝަނުގެ 847 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.