ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް)ގެ ކުލަ ބަދަލުކުރުމަށް އެ ޕާޓީން އެދުމާއިގުޅޭ.
ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ކުލަ އެހެން ކުލައަކަށް ބަދަލުކުރުމަށް ޤަޞްދުކުރާތީ، އެ ޕާޓީގެ ރަސްމީ ކުލައެއްގެ ގޮތުގައި ބްރައިޓް މެޖެންޓާ ((#FF08E8 ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެން 2024 ޑިސެނބަރު 25 ގައި ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2024/105 ސިޓީއިން ޕީޕަލްސް ނެޝަނަލަ ފްރަންޓް (ޕީ.އެން.އެފް) އިން ހުށަހަޅުއްވާފައިވާ ކުލައަކީ، އުވާލުމުގެ މަރުޙަލާގައި މިހާރު އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ކުލަ ރަމްޒުކޮށްދޭ ކުލައާއި ފަރަގުނުކުރެވޭފަދަ އެއްގޮތްކަމެއް ހުންނަ ކުލައަށްވާތީއާއި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ، ތިރީގައި ދަންނަވާފައިއެވާ ކަންކަމަށް ބަލައި، ޕީޕަލްސް ނެޝަނަލަ ފްރަންޓް (ޕީ.އެން.އެފް) އިން ހުށަހަޅުއްވާފައިވާ ކުލަ ކަމުގައިވާ ބްރައިޓް މެޖެންޓާ ((#FF08E8 އަށް ބަދަލުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ކަންކަން:
ޕާޓީގެ ކުލަ ބްރައިޓް މެޖެންޓާ (#FF08E8) އަށް ބަދަލުކުރުމަށް ގަސްތުކުރާތީ، އެ ކުލަ ޕާޓީގެ ރަސްމީ ކުލައެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެދިފައިވެއެވެ.
· ބްރައިޓް މެޖެންޓާ (#FF08E8) އަކީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރަސްމީ ކުލަ (#EA278F) އާ އެއްގޮތް ކުލައެކެވެ.
· ޤާނުނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ޙާލަތެއްގައި، އުވާލާފައިވާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ފަހުންކަމުގައި ބަޔާންކޮށްފައި ވެއެވެ.
2. 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގެ ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާގުޅޭ.
2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ ޖުމުލަ 41 ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަމަޖެއްސުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، 2024 ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި ކެންޑިޑެންސީ މުއްދަތު ހަމަވާއިރު އިންތިޚާބު ބާއްވަންނުޖެހޭ ދާއިރާއެއްގައިނަމަ، އެދުވަހުން ފެށިގެން އެ ދާއިރާއެއްގެ ފޯކަލް ޕޮއިންޓުން ދޫކޮށްލުމަށްވެސް ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.