ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮޑިޓް ރިޕޯޓާ ގުޅޭ.
އިންޓަރނަލް އޮޑިޓުން ހުށަހަޅުއްވާފައިވާ ފަދައިން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިންޓަރނަލް އޮޑިޓުން ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްޞީލްތައް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނާ ލިޔުމުން ޙިއްޞާކުރުމަށްވެސް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. އިންޓަރނަލް އޮޑިޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތަކާގުޅޭ.
އިންޓަރނަލް އޮޑިޓަރ ހުށަހަޅުއްވާފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް މަޝްވަރާކުރެއްވުމަށްފަހު، މީގެ ފަހުން ކޮމިޝަނަށް ހުށަހަޅުއްވާ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން، ތިރީގައި މި ދަންނަވާ ކަންކަން ތަންފީޛުކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· ކޮމިޝަނުގެ މަސައްކަތްތަކާއި ޕްރޮސެސްތައް އިންޓަރނަލް އޮޑިޓަރ އޮޑިޓްކުރުމަށްފަހު، އޮޑިޓުން ފާހަގަކުރެވުނު ކަންކަމުގެ ތަފްޞީލީ މެނޭޖްމަންޓް ރިޕޯޓެއް އަދި އިދާރީ ރިޕޯޓެއް ތައްޔާރުކުރުން.
· ކޮމިޝަނުގެ މަސައްކަތްތަކާއި ޕްރޮސެސްތައް އޮޑިޓްކުރުމަށްފަހު، އެކަންކަން ރަނގަޅުކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އިންޓަރނަލް އޮޑިޓަރުގެ ޙައިޞިއްޔަތުން ހުށަހަޅާ ކަންކަން ތަފްޞީލީ ގޮތެއްގައި، ރިޕޯޓުތަކުގައި ބަޔާންކުރުން.
· އޮޑިޓްކުރުމަށްފަހު، އޮޑިޓުން ފާހަގަކުރެވުނު ކަންކަމާއި، އެކަންކަން ރަނގަޅުކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންޓަރނަލް އޮޑިޓަރުގެ ޙައިޞިއްޔަތުން ހުށަހަޅާ ކަންކަން ތަފްޞީލީ ގޮތެއްގައި ބަޔާންކުރުމަށްފަހު، މެނޭޖްމަންޓް ރިޕޯޓާއި އަދި އެކަމުގެ އިދާރީ ރިޕޯޓު؛ ދެ ރިޕޯޓެއްގެ ގޮތުގައި ކޮމިޝަނަށް ހުށަހެޅުން.
· ކޮމިޝަނުން ރިޕޯޓުތައް ފާސްކުރެއްވުމާއެކު، އެކަމުގެ އެންމެހާ ތަފްޞީލްތައް ކަމާގުުޅުންހުރި ޑިވިޜަން/ސެކްޝަނާ ޙިއްޞާކުރުން.
3. 2024 ވަނަ އަހަރުގެ އިންޓަރނަލް އޮޑިޓް ސަބް-ކޮމިޓީގެ އަހަރީ ރިޕޯޓާ ގުޅޭ.
އިންޓަރނަލް އޮޑިޓުން ހުށަހަޅުއްވާފައިވާ ފަދައިން، 2024 ވަނަ އަހަރުގެ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ އަހަރުގެ އަހަރީ ރިޕޯޓު، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ.
4. ކޮމިޝަނުގެ އިންޓަރނަލް އޮޑިޓާރއި އިންޓަރނަލް ސަބް ކޮމިޓީގެ މަސައްކަތް އެއް ކުރުމާ ގުޅޭ
ކޮމިޝަނުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތްތަކާއި އަދި ކޮމިޝަނުގައި އިންޓަރނަލް ސަބް ކޮމިޓީގެ މަސައްކަތްތަކަކީ އެއްގޮތަކަށް ބައްޓަންކުރެވިފައިވާ މަސައްކަތްތަކެއް ކަމުން، އިންޓަރނަލް އޮޑިޓަރުގެ މެންޑޭޓާއި މަސައްކަތްތަކާއި، އިންޓަރނަލް ސަބް ކޮމިޓީގެ މެންޑޭޓާއި މަސައްކަތާއި، މި ދެ ބައިންވެސް ޤާނޫނީގޮތުން ކުރުން ލާޒިމު ކަންކަން ބެލުމަށްފަހު، ކޮމިޝަނުގެ އިންޓަރނަލް އޮޑިޓާރއި އިންޓަރނަލް ސަބް ކޮމިޓީގެ މަސައްކަތްތައް އެއް ކުރުމާ ގުޅޭގޮތުން ޤާނޫނީގޮތުން ހުރި ކަންކަމާއި އަދި މިއީ ކޮމިޝަނަށް ކުރެވިދާނެ ކަމެއްތޯ ބެލުމަށްފަހު، ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. އަލަށް ތަޞްދީޤުކުރެވިފައިވާ ތިރީގައި މިދަންނަވާ ޤާނޫނުތަކާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)EA/2024/166: މެމޯ، ކޮމިޝަނާ ޙިއްޞާ ކުރެއްވުން.
· ޤާނޫނު ނަންބަރު: 2024/32 (ބޭރު ފައިސާއާބެހޭ ޤާނޫނު).
· ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަސް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
އަލަށް ތަސްދީޤްކކޮށްފައިވާ ތިރީގައި މިދަންނަވާ ޤާނޫނުތައް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.
· ޤާނޫނު ނަންބަރު: 2024/32 (ބޭރު ފައިސާއާބެހޭ ޤާނޫނު).
· ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަސް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
· ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.
6. ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޤައުމީ ބައްދަލުވުން ފެބުރުވަރީ މަހުގެފަހު ހަފްތާއަށް ފަސްކުރުމާ ގުޅޭގޮތުން، މިކޮމިޝަނަށް ފޮނުވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2024/107 (2024 ޑިސެންބަރު 30) ސިޓީއާ ގުޅޭ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) ގެ ޤައުމީ ބައްދަލުވުން މިހިނގާ އަހަރުގެ ފެބުރުވަރީ މަހުގެ ފަހު ހަފްތާއަށް ފަސްކުރެއްވުމަށް އެދިވަޑައިގެން އެ ޕާޓީން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2024/107 ސިޓީއަށް 2025 ޖަނަވަރީ 05 ގައި ކޮމިޝަނުން މަޝްވަަރާކުރެއްވުމަށްފަހު، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) ގައި ޕާޓީ ރަޖިސްޓަރީކުރާތާ ލަސްވެގެން 9 (ނުވައެއް) މަސް ދުވަހުގެ ތެރޭގައި ޤައުމީ ބައްދަލުވުން ބާއްވަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) ގެ އެދިވަޑައިގެންނެވުމާ އެއްގޮތަށް އެ ޕާޓީގެ ޤައުމީ ބައްދަލުވުން ފަސް ކުރުމަކީ މިކޮމިޝަނަށް ދެވޭނެ ހުއްދައެއް ނޫންކަމަށް ކޮމިޝަނުން އިއްތިފާޤުވެ ވަޑައިގަންނަވާފައިވާތީ، އެގޮތުގެމަތީން އެކަން އެންޑޯރސްކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ކުލަ އެހެން ކުލައަކަށް ބަދަލުކުރުމަށް ގަސްތުކޮށް މިކޮމިޝަނަށް ފޮނުވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2024/106 (2024 ޑިސެންބަރު 30) ސިޓީއާ ގުޅޭ.
ޕީޕަލްސް ނެޝަނަލަ ފްރަންޓް (ޕީ.އެން.އެފް) ގެ ކުލަ އެހެން ކުލައަކަށް ބަދަލުކުރުމަށް ޤަޞްދުކުރާތީވެ، އެ ޕާޓީގެ ރަސްމީ ކުލައެއްގެ ގޮތުގައި ޑާކް މެޖެންޓާ (( ބޭނުންކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން، އެ ޕާޓީން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2024/107 ސިޓީއަށް 2025 ޖަނަވަރީ 05 ގައި ކޮމިޝަނުން މަޝްވަަރާކުރެއްވުމަށްފަހު، ޕީޕަލްސް ނެޝަނަލަ ފްރަންޓް (ޕީ.އެން.އެފް) އިން ހުށަހަޅުއްވާފައިވާ ކުލައަކީ، އިލެކްޝަންސް ކޮމިޝަނުގެ ކުލައާ ފަރަގުނުކުރެވޭފަދަ އެއްގޮތްކަމެއް ހުންނަ ކުލައަށްވާތީއާއި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ގޮތުގެމަތީން، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ޙާލަތެއްގައި، އުވާލާފައިވާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ފަހުންކަމުގައި ބަޔާންކޮށްފައިވާތީ، ޕީޕަލްސް ނެޝަނަލަ ފްރަންޓް (ޕީ.އެން.އެފް) އިން އެދިވަޑައިގަންނަވާފައިވާ ގޮތަށް ޕާޓީގެ ކުލަ ޑާކް މެޖެންޓާ (( އަށް ބަދަލުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް، ކޮމިޝަނުން އިއްތިފާޤުވެ ވަޑައިގަންނަވާފައިވާތީ، އެގޮތުގެމަތީން އެކަން އެންޑޯރސްކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
8. އިލެކްޝަންސް ކޮމިޝަނާއި ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2025 ފެބްރުވަރީ 28 ގެ ނިޔަލަށް ހަމަވާތީ އެކަމާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުންނާއި އަދި އިސް ކޯޓުތަކުގައި ވަކާލާތުކުރުމަށްޓަކައި ވަކި މުއްދަތުތަކާއި ޚާއްޞަ ހުއްދަތަކެއް ބޭނުންވާތީވެ، ކޮމިޝަނަށް ޤާނޫނީ ކޮންސަލްޓެންސީ ފާރމެއް ބޭނުންވާ ކަމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެންނާއި، 2024 ވަނަ އަހަރު މި ޚިދުމަތް ދިނުމަށްޓަކައި މިކޮމިޝަނާއި ލަކްސަވީ ޗެމްބަރސް އެލް.އެލް.ޕީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިހިނގާ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެތީ، މާލިއްޔަތު ޤާނޫނާއި ގަވައިދުގައި ބަޔާން ކުރައްވާފައިވާ ގޮތުގެމަތީން، އަދި މިކޮމިޝަނަށް 2025 ވަނަ އަހަރަށް ދޫކުރައްވާފައިވާ ބަޖެޓުގެ ތެރެއިން، ޤާނޫނީ ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
9. ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕްފޯމުތަކާ ގުޅޭ.
ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕްފޯމުތަކާ ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޔާޢަތްކުރެއްވުމަށްފަހު، 2025 ފެބުރުވަރީ 15 ވަނަ ދުވަހުން ފެށިފެން، ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް ރަޖިސްޓަރީވުމަށްޓަކައި ކޮމިޝަނަށް ފޯމު ހުށަހަޅުއްވޭނީ އީ-ފާސް މެދުވެރިކޮށްގެން އެކަނި ކަމުގައި، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ ގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ ފޯމުތަކާ ގުޅޭގޮތުން މިކޮމިޝަނުގެ އިދާރާއިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން 2025 ފެބުރުވަރީ 15 ގެ ކުރީން ފުރިހަމަކޮށް ނިންމުމަށާއި، މިކަމާ ގުޅިގެން ޤާނޫނާއި ގަވައިދުތަކާއި އުޞޫލުތަކަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށާއި، ސިޔާސީ ޕާޓީތަކުގައި މިހާރު ހުރި މެންބަރޝިޕް ފޯމުތައް 2025 ޖަނަވަރީ 30ގެ ނިޔަލަށް މިހާރުވެސް ޢަމަލުކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކޮމިޝަނަށް ހުށަހެޅުއްވުމަށްޓަކައި ޕާޓީތަކަށް މުއްދަތެއް ދިނުމަށާއި، އެއަށްފަހު 2025 ޖަނަވަރީ 31 އިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަޝިފް ފޯމުތައް ކޮމިޝަނަށް ބަލައިގަތުން ވަގުތީގޮތުން ހުއްޓާލުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ ގައި ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޔާޢަތްކުރެއްވުމަށްފަހު، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ކޮމިޝަނަށް ޕާޓީތަކުން ލިބިފައިވާ އެންމެހާ ފޯމުތައް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ޕްރޮސެސްކުރުމަށްފަހު، މުޅި ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ދަފްތަރު އެއްކޮށް ޢާންމުކޮށް ޝަކުވާއަށް ހުޅުވާލުމަށާއި، އަދި 2025 ޖަނަވަރީ 01 އިން ޖަނަވަރީ 30 ގެ ނިޔަލަށް ކޮމިޝަނަށް ލިބިފައިވާ އަދި ލިބޭ ފޯމުތައް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޕްރޮސެސްކުރުމަށްފަހު، ޝަކުވާއަށްޓަކައި ޢާންމުކޮށް ހުޅުވާލުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ ގައި ވަނީ ނިންމަވާފައެވެ.
އަދި، ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕްފޯމުތަކާ ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޔާޢަތްކުރެއްވުމަށްފަހު، 2025 ފެބުރުވަރީ 15 ވަނަ ދުވަހުން ފެށިފެން، ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް ރަޖިސްޓަރީވުމަށްޓަކައި ކޮމިޝަނަށް ފޯމު ހުށަހަޅުއްވޭނީ އީ-ފާސް މެދުވެރިކޮށްގެން އެކަނި ކަމާއި، ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ ފޯމުތަކާ ގުޅޭގޮތުން މިކޮމިޝަނުގެ އިދާރާއިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން 2025 ފެބުރުވަރީ 15 ގެ ކުރީން ފުރިހަމަކޮށް ނިންމާނެ ކަމާއި، މިކަމާ ގުޅިގެން ޤާނޫނާއި ގަވައިދުތަކާއި އުޞޫލުތަކަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކޮމިޝަނުން ކުރާ ކަމާއި، ސިޔާސީ ޕާޓީތަކުގައި މިހާރު ހުރި މެންބަރޝިޕް ފޯމުތައް މިހާރުވެސް ޢަމަލުކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކޮމިޝަނަށް ހުށަހެޅުއްވުމަށްޓަކައި ޕާޓީތަކަށް 2025 ޖަނަވަރީ 30 ގެ ނިޔަލަށް މުއްދަތެއް ދެވިފައިވާ ކަމަށާއި، އެއަށްފަހު 2025 ޖަނަވަރީ 31 އިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަޝިފް ފޯމުތައް ކޮމިޝަނަށް ބަލައިގަތުން ވަގުތީގޮތުން ހުއްޓާލުމަށް ކޮމިޝަނުން ނިންމަވާފައިވާކަމާއި، އަދި ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޔާޢަތްކުރެއްވުމަށްފަހު، 2024 ޑިސެންބަރު 31 ގެ ނިޔަލަށް، ކޮމިޝަނަށް ޕާޓީތަކުން ލިބިފައިވާ އެންމެހާ ފޯމުތައް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ޕްރޮސެސްކުރުމަށްފަހު، މުޅި ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ދަފްތަރު އެއްކޮށް ޢާންމުކޮށް ޝަކުވާއަށް ހުޅުވާލެވޭނެ ކަމާއި، އަދި 2025 ޖަނަވަރީ 01 އިން ޖަނަވަރީ 30 ގެ ނިޔަލަށް ކޮމިޝަނަށް ލިބިފައިވާ އަދި ލިބޭ ފޯމުތައް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޕްރޮސެސްކުރުމަށްފަހު، ޝަކުވާއަށްޓަކައި ޢާންމުކޮށް ހުޅުވާލެވޭނެކަން، ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ލިޔުމުން އެންގުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ ގައި ވަނީ ނިންމަވާފައެވެ.
10. މާލީ ވުޒާރާގެ ނަންބަރު:13-P/CIR/2024/28 މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ ފަދައިން، 2025 ވަނަ އަހަރުގެ ޕްރޮކިއުމަންޓް ޕްލޭނާ ގުޅޭ.
މާލީ ވުޒާރާގެ ނަންބަރު:13-P/CIR/2024/28 މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ ފަދައިން، ޕްރޮކިއުމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ މިކޮމިޝަނުގެ 2025 ވަނަ އަހަރުގެ ޕްރޮކިއުމަންޓް ޕްލޭން، ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، މިކޮމިޝަނުގެ 2025 ވަނަ އަހަރުގެ ޕްރޮކިއުމަންޓް ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ޕްރޮކިއު ކުރަންޖެހޭ ބޮޑެތި ޚަރަދުތައް އަހަރުގެ ފުރަތަމަ ކުއަޓަރ ގައި ކުރިއަށް ގެންދިއުމަށާއި، ޕްލޭންގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާއި އިދާރީ ގޮތުން ކޮމިޝަނަށް ފާހަގަކުރެވުނު ބައެއް ކުދިކުދި ކަންކަން، އިޞްލާޙުކުރުމަށްފަހު މާލީ ވުޒާރާއަށް ފޮނުވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
11. 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.
އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި، ކޮމިޝަނުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ބާކީވެފައިވާ ފައިސާ، ބާކީވެފައިވާ ސަބަބު، ޚަރަދުތަކުގެ ތަފްޞީލް ބައިގައި، ނޯޓެއްގެ ގޮތުގައި ނަމަވެސް ބަޔާންކުރެއްވުމަށްވެސް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
12. ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި، 2024 ޑިސެންބަރު 14 ވީ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ވޯޓުކަރުދާސް ނައްތާލުމާ ގުޅޭ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެކަމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރިތާ ގިނަވެގެން 14 ދުވަސް ހަމަވިއިރު، އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާތީ، 2024 ޑިސެންބަރު 14 ވީ ހޮނިހިރު ދުވަހު ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ކަރުދާސްތައް ނައްތާލުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
13. ރ.އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ފަރާތެއް ކަމުގައިވާ، ނޫރާނީގެ، ރ.އިންނަމާދޫ، ފާޠިމަތު އަޒްލާ (A240404)، އެބޭފުޅާގެ ނަން އަނބުރާ ގެންދެވުމަށްޓަކައި އެކަމަށް އެދިވަޑައިގަންނަވާފައިވާތީ އެކަމާ ގުޅޭ.
ރ.އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ފަރާތެއް ކަމުގައިވާ، ނޫރާނީގެ، ރ.އިންނަމާދޫ، ފާޠިމަތު އަޒްލާ (A240404)، އެބޭފުޅާގެ ނަން އަނބުރާ ގެންދެވުމަށްޓަކައި އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އަދި އެކަމަށް މީގެކުރީން ކޮމިޝަނުން އިއްތިފާޤުވެ ވަޑައިގަންނަވާފައިވާތީ، އެގޮތުގެމަތީން އެކަން އެންޑޯރސްކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
14. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން، ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކޮމިޝަނުން ބާއްވާ ބައި-އިލެކްޝަންތަކާ ގުޅިގެން، ނަން އަނބުރާ ގެންދިއުމަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން، ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކޮމިޝަނުން ބާއްވާ ބައި-އިލެކްޝަންތަކާ ގުޅިގެން، އެއްވެސް ފަރާތަކުން ނަން އަނބުރާ ގެންދިއުމަށް އެދި ކޮމިޝަނަށް ލިޔުމުން ހުށަހަޅާފިނަމަ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެ ކަމެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ނަން އަނބުރާ ގެންދެވޭ ކަމުގެ ލިޔުމުގައި، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެކަމަށް ތާއިދުކޮށް ކޮމިޝަނުގެ އަޢުލަބިއްޔަތުން ސޮއިކުރައްވާފިނަމަ، އެ ފަރާތެއް ނަން އަނބުރާ ގެންދިއުމަށް ހުށަހެޅި ހުށަހެޅުން، ކޮމިޝަނުން ޤަބޫލުކުރެއްވީ ކަމުގައި ކަނޑައެޅުއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
15. މިކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ އިންޝުއަރެންސް ޕޮލިސީ 2025 ވަނަ އަހަރަށް ރިނިއުކުރުމާ ގުޅޭ.
ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ ހެލްތް އިންޝުއަރެންސް ޕޮލިސީ 2025 ޖެނުއަރީ 1 އިން 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނުގެ 5 މެންބަރުންނާއި، 5 މެންބަރުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބޭފުޅުންނާއެކު، ކޮންމެ ބޭފުޅަކަށް ޕްރިމިއަމްގެ ގޮތުގައި 14,500/-ރު. (ސާދަހާސް ފަސްސަތޭކަ ރުފިޔާ) ގެ މަގުން، އެލައިޑް އިންޝުއަރެންސް މޯލްޑިވްސް އިން ހުށަހަޅާފައިވާ ޕޮލިސީ، ހުށަހަޅާފައިވާ ގޮތަށް އެންޑޯޒްކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ ހެލްތް އިންޝުއަރެންސް ޕޮލިސީ ޖަނަވަރީ އިން ޑިސެންބަރަށް އޮތުމުގެ ބަދަލުގައި، އަހަރުގެ 2 ވަނަ ނުވަތަ 3 ވަނަ މަހުގައި ރިނިއުކުރެވޭ ޚިދުމަތެއްގެ ގޮތުގައި ހެދުމަށާއި ނުވަތަ އިދާރީ ބަޖެޓު ލިބިގެން ފަސޭހައިން މިޚިދުމަތަށް ފައިސާ ދެއްކޭނެ ފަދައިން އިދާރީގޮތުން މަސައްކަތްތަކެއް ކުރެއްވުމަށް، ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.