ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް ފުރިހަމަ ކުރެއްވުމާގުޅޭ.
ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް، ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް، ޓާސްކްތަކަށް ބަދަލުކުރުމަށްފަހު، 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި އެ ޓާގެޓްތައް ޙާޞިލްކުރެވޭނެކަމަށް ކަނޑައަޅާ ޓައިމްލައިނަކާއެކު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. މިހާރު ބޭނުންކުރަމުންދާ އެޕްރައިޒަލް ނިޒާމުގެ ބަދަލުގައި، ޓާސްކް އޮރިއެންޓެޑްކޮށް އެޕްރައިޒަލް ނިޒާމެއް ކަނޑައެޅުމާގުޅޭ.
މިކޮމިޝަނުގެ އިދާރާގެ މުވައްޒަފުން އެޕްރައިޒްކުރުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ އެޕްރައިޒަލް ނިޒާމުގެ ބަދަލުގައި ޓާސްކް ނުވަތަ އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް ބިނާކޮށް، ޓާސްކް އޮރިއެންޓެޑްކޮށް އެޕްރައިޒަލް ނިޒާމެއް ކަނޑައެޅުމަށްޓަކައި، އެކަމުގެ ތަފްޞީލީ މަޢުލޫމާތާއެކު ކަރުދާހެއް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2024 ވަނަ އަހަރުގެ އެޕްރައިޒަލް މާރކްސް އެންޑޯސްކުރެއްވުމާގުޅޭ.
ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް އަދި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީގެ 2024 ވަނަ އަހަރުގެ އެޕްރައިޒަލްއަށް މިހާރު މާރކްސް ދެއްވާފައިވާ ގޮތަށް ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.
4. މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމާގުޅޭ.
- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމާގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ޤާނޫނީ ލަފާއާ އެއްގޮތަށް، ތިރީގައި ދަންނަވާފައިއެވާ ކަންތައްތަކަށް ރިޢާޔަތް ކުރައްވައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކޮމިޝަނުން ފުރިހަމަކޮށްފައިވާކަމާއި، އެހެންކަމުން އެމް.އާރް.އެމް އުވާލައި އެކަން މިއަދު ގެޒެޓުކޮށް، ސިޔާސީ ޕާޓީގެ ދަފްތަރުން އެ ޕާޓީ އުނިކޮށް ޢާންމުކޮށް އިޢުލާނު ކުރުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ކަންތައްތައް:
- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މެންބަރުން ހަމަކުރުމަށް 2024 މާރިޗު 07 ގައި 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދީފައިވެއެވެ. ބުނެވިދިޔަ ނޯޓިހުގެ މުއްދަތު 2024 ޖޫން 07 އަށް ހަމަވިއިރު، އެ ޕާޓީގައި ރަޖިސްޓަރީ ވެފައިވާ މެންބަރުންގެ ޢަދަދަކީ، 2235 (ދެހާސް ދުއިސައްތަ ތިރީސްފަހެއް) އެވެ.
- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ގައި ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް މެންބަރުން ހަމަވެފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އެ ޕާޓީ އުވާލުމަށާއި، އަދި މިކަމާ ގުޅިގެން ކޮމިޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާޢާތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޝަނުގެ 842 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވެއެވެ.
- އެގޮތުން، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމާފައިވާކަން ޕާޓީއަށް އަންގައި، 25 އޮގަސްޓް 2024 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕާޓީގެ މުދަލާއި ދަރަންޏާމެދު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށްފަހު، އެކަން ލަސްވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އަންގަވައިދެއްވުމަށްއެދި 2024 އޮގަސްޓް 25 ގައި ސިޓީ ފޮނުވިފައިވެއެވެ.
- ހަމައެހެންމެ އެމް.އާރު.އެމް އަށް 2024 އޮގަސްޓް 25 ގައި ކޮމިޝަނުން ފޮނުވި ސިޓީއާ ގުޅިގެން، އެ ސިޓީގައިވާ މުއްދަތު 2024 އޮކްޓޫބަރު 10 އަށް ހަމަވާކަން ބަޔާންކޮށް ހަނދާންކޮށްދިނުމުގެ ގޮތުން އިތުރު ސިޓީއެއް ފޮނުވިފައިވެއެވެ. އެހެންނަމަވެސް، ބުނެވިދިޔަ ސިޓީގައިވާ މުއްދަތު 2024 އޮކްޓޫރަބު 10 އަށް ހަމަވިއިރު، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ގެ ފަރާތުން ޖަވާބެއް ދީފައިނުވެއެވެ.
- އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާތީ، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ 2024 ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް އެންގުމަށް ކޮމިޝަނުންވަނީ އިޢުލާނުކޮށްފައެވެ.
- 2024 ނޮވެންބަރު 12 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ގައި މެންބަރުން ތިބި ޢަދަދަކީ 2135 (ދެހާސް އެއްސަތޭކަ ތިރީސް ފަހެއް) އެވެ.
- 2024 ޑިސެންބަރު 31 ގެ ނިޔަލަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގައި މެންބަރުން ތިބި ޢަދަދަކީ 1867 (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތެއް) އެވެ.
- ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ ކޮމިޝަނުން ސިޔާސީ ޕާޓީ އުވާލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޙަވާލާދެވުނު މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި "މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ނުވަތަ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަކަށް ދިނުމަށްފަހުވެސް ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު ޢަދަދަށް ޕާޓީއަކަށް މެންބަރުން ހަމަވެފައި ނެތުން" މި ފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް ދެމިއޮތުމަށް، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަވެފައިނުވާތީ، އެ ޕާޓީ އުވާލެވިދާނެކަމަށް ދެކެމެވެ.
5. 2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފއިވާ ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ކ.މާލެ، މ.ކަރާދުނބުރިގެ، އިބްރާހީމް މުޙައްމަދު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާއިމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމާއި އަދި އިންތިޚާބީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާގުޅޭ.
2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފއިވާ ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ކ.މާލެ، މ.ކަރާދުނބުރިގެ، އިބްރާހީމް މުޙައްމަދު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާއިމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމުގައިވާ ކަންކަން، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކޮށް، އިސްވެ ދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ރިޢާޔަތް ކުރައްވައި އިބްރާހީމް މުޙައްމަދު ހިމެނޭހެން ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަން، 2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިންތިޚާބީ ނިޒާމުގެ ތެރޭގައި ދިމާވާ މިފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ޤާނޫނީގޮތުންނާއި އިދާރީގޮތުން ކުރެވޭނެ ކަންކަން އޮތްތޯބަލައި، އެކަމާ ގުޅޭގޮތުން ހެދިދާނެ ގޮތްތަކެއް ދެނެގަނެ އެކަންކަން ކޮމިޝަނަށް ހުށަހަޅުއްވައިގެން، ދެން ބޭއްވޭ އިންތިޚާބަކަށް ނުވަތަ އިންތިޚާބާބެހޭ ގަވައިދު ހަދާއިރު މިކަންކަމަށް ރިޢާޔަތްކޮށް އިތުރު ބަދަލެއް އޮތްކަމަށްވާނަމަ، އެ ބަދަލަކާއެކު ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. 2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފއިވާ ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ކ.މާލެ، މ.ކަރާދުނބުރިގެ، އިބްރާހީމް މުޙައްމަދު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާއިމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމާގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމާގުޅޭ.
2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ކ.މާލެ، މ.ކަރާދުނބުރިގެ، އިބްރާހީމް މުޙައްމަދު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކޮމިޝަނުން ނިންމެވި ނިންމެވުމާއިމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ރިޢާޔަތް ކުރައްވައި އިބްރާހީމް މުޙައްމަދު ހިމެނޭހެން ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަން، 2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. ދަ ޑިމޮކްރެޓްސްގެ އެތަކެއް މެންބަރުނަކަށް ނޭނގި ޕާޓީން ވަކިކޮށް އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ ތަޙްޤީޤްކޮށް ދެއްވައި ފިޔަވަޅު އަޅައިދިނުމަށްއެދި އެ ޕާޓީން ފޮނުއްވާފައިވާ ނަންބަރު:DEM/LTR/2025/004 ސިޓީއާގުޅޭ.
ދަ ޑިމޮކްރެޓްސްގެ އެތަކެއް މެންބަރުނަކަށް ނޭނގި ޕާޓީން ވަކިކޮށް އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ ތަޙްޤީޤްކޮށް ދެއްވައި ފިޔަވަޅު އަޅައިދިނުމަށްއެދި އެ ޕާޓީން ފޮނުއްވާފައިވާ ނަންބަރު:DEM/LTR/2025/004 ސިޓީއާ ގުޅިގެން، ކޮމިޝަނުން އެ ސިޓީއަށް ޖަވާބުދާރީވުމަށާއި، މިގޮތުން ޖަވާބުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސިޔާސީ ޕާޓީގެ ދަފްތަރުގެ ނިޒާމަށް ބަދަލުގެނައުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމާއި، މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ގަވައިދު އިޞްލާޙުކޮށް، ގަވައިދު ގެޒެޓުކުރުމަށް ފޮނުވާފައިވާ ކަމާއި، ކޮމިޝަނުން އެ ބޭފުޅުންނާ ބައްދަލުކޮށް ދެކެވުނު ވާހަކައިގެވެސް އަލީގައި ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި، މުޅި ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ދަފްތަރު މިހާރު ޢާންމުކޮށްފައިވާތީވެ، ދަ ޑިމޮކްރެޓްސްގެ ޕާޓީގެ ދަފްތަރުން އެ ބޭފުޅުންނަށް ނޭނގި ޕާޓީން ވަކިވެފައި ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެފައިވާ މައްސަލަތަކަށް ޕާޓީގެ ފަރާތުން އެޓެންޑްކޮށްދީ ޕާޓީގެ މެންބަރުންގެ ސަމާލުކަމަށް ގެނެސް އެކަންކަން ފުރިހަމަކޮށް ދިނުމަށާއި، އަދި އެ ޕާޓީގެ ފަރާތުން އިސްވެ ދެންނެވުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅުއްވާފައިވާތީވެ، ޚިދުމަތުން މައްސަލަ ތަޙުޤީޤުކޮށް ނިންމާ މިކޮމިޝަނާ ޙިއްޞާކުރައްވާ ހިސާބުން، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަންވެސް ބަޔާންކުރުމަށް، 2025 ޖަނަވަރީ 28 ވަނަ ދުވަހު ކޮމިޝަނުގެ މެންބަރުން މެދުގައި މަޝްވަރާ ކުރައްވާފައިވާތީ، އެގޮތުގެމަތީން ދަ ޑިމޮކްރެޓްސަށް މިކޮމިޝަނުން ފޮނުވާފައިވާ މިކޮމިޝަނުގެ ނަންބަރު: 38-CB./TD/2025/3 ސިޓީ އެންޑޯސް ކުރެއްވުމަށް¡ ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމާގުޅޭ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމެވުމާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ޤާނޫނީ ލަފަޔަށް ރިޢާޔަތް ކުރައްވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ނުވަތަ ޕާޓީގައިހުރި ފައިސާއެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައިވެސް އަދި މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު1/2025: (16 ޖަނަވަރީ 2025) ސިޓީގައިވެސް ބަޔާންކޮށްފައިވާ އޮޑިޓްކުރި ފަރާތަށް ދައްކަންޖެހޭ 72,089/-ރ. (ހަތްދިހަ ދެހާސް އަށްޑިހަ ނުވަރުފިޔާ) ފައިސާ ދައްކާ ޚަލާސްކޮށް، އެކަމުގެ ރަސީދު ކޮމިޝަނަށް ލިބޭ ހިސާބުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކޮމިޝަނުން ފުރިހަމަކުރުމަށްފަހު، ޕާޓީ އުވާލާ ހިސާބުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށް، ސިޔާސީ ޕާޓީގެ ދަފްތަރުން އެ ޕާޓީ އުނިކޮށް ޢާންމުކޮށް އިޢުލާނު ކުރުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމެވުމާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ޤާނޫނީ ލަފާގައި ބަޔާންކުރައްވާފައިވާ ކަންކަން:
- ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށްޓަކައި، 2024 ޑިސެންބަރު 2 ގައި ބޭއްވި އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމުގައި ބައިވެރިވި 42 (ސާޅީސް ދޭއް) މެންބަރުންގެ އިއްތިފާޤުން އެޕާޓީ އުވަލުމަށް ނިންމައި އެކަންވަނީ ކޮމިޝަނަށް އަންގާފައެވެ.
- އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، ކޮމިޝަނަށް އެންގުމަށާއި، ޕާޓީ އުވާލަން ނިންމުމާ ގުޅިގެން ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް އަދި ޕާޓީ އުވާލުމަށްޓަކައި ކުރެވޭ މުއާމާލާތެއް ފިޔަވައި އެހެން އެއްވެސް މުޢާމަލާތެއް ކުރުން މަނާކުރެވިފައިވާކަން އެ ޕާޓީއަށް ސިޓީއަކުން އެންގުމަށް ކޮމިޝަނުގެ 855 ވަނަ އާންމު ޖަލްސާގައި ނިންމާފައިވެއެވެ.
- ޕާޓީ އުވާލުމުގެ މަރުޙަލާތައް ފުރިހަމަ ކުރުމަށްޓަކައި، 18 ޑިސެންބަރު 2024 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕާޓީގެ މުދަލާއި ދަރަންޏާމެދު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށްފަހު، އެކަން ލަސްވެގެން 15 ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް އެންގުމަށާއި ޕާޓީ އުވާލުމަށް ނިންމާފައިވާތީ، ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު ޕާޓީއަށް ލިބިގެންނުވާ ކަމުގައި ބަޔާންކޮށް 18 ޑިސެންބަރު 2024 ވަނަ ދުވަހު ސިޓީ ފޮނުވިފައިވާނެއެވެ.
- އަދި ޕާޓީ އުވާލުމުގެ މަސައްކަތް ކޮމިޝަނުން ކުރިއަށްގެންދާތީ، ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމުގައި ދަންނަވައި އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދެވުމަށް 18 ޑިސެންބަރު 2024 ވަނަ ދުވަހު އާންމުކޮށް އިއުލާންކޮށްފައިވާނެއެވެ.
- އިސްވެ ބަޔާންކުރެވުނު ކަންކަމާ ގުޅިގެން 16 ޖަނަވަރީ 2025 ވަނަ ދުވަހު ޕާޓީގެ އެންމެހައި ދަރަނި ޚަލާސްކޮށް ނިންމާ ޕާޓީގެ އޯޑިޓެއްކޮށްފައިވާކަމަށް ބަޔާންކޮށް ސިޓީ ފޮނުވާފައިވެއެވެ. އަދި އެސިޓީގައި، ޕާޓީ އޮޑިޓްކުރި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ޕާޓީގައި އިތުރު ފައިސާއެއް ނުހުންނާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
- ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް އުވާލާ ހިނދު، ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ބިންބިމާއި ޢިމާރާތް ފަދަ ތަންތަނާއި އެންމެހައި މުދާ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ޢާންމުކޮށްފައިވާ އުސޫލެއްގެ މަތިން، ބާޒާރުގައި ލިބެންއޮތް އެކަށޭނަ އަގަކަށް ހުޅުވާލެވިފައިވާ އުސޫލަކުން ވިއްކާލަންވާނެކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
- ޕާޓީއެއް އުވާލާ ހިނދު، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ، މި މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ބިންބިމާއި ޢިމާރާތްފަދަ ތަންތަނާއި އެންމެހައި މުދާ ވިއްކުމުން ލިބޭފައިސާ ފުރަތަމަ ބޭނުންކުރަންވާނީ، އެ ދަރަންޏެއް އަދާކުރުމަށް ކަމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
- އަދި އެ މާއްދާގެ ދަށުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހު، އެއްވެސް ފައިސާއެއް އިތުރަށް ހުރިނަމަ، އެ ފައިސާއެއް ޖަމާކުރާނީ، ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިޔު ފަންޑަށްކަމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
- ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ދަށުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހު، އެއްވެސް މިންވަރަކަށް ފައިސާ މަދުވާނަމަ، އެ މަދުވާ ޢަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ، ޕާޓީގެ ނިންމުންތައް ނިންމުމަށް އޮތް ގުނަވަނުން ކަނޑައަޅާ ގޮތެއްގެމަތިން، އޮޑިޓަރ ޖެނެރަލްގެ ހުއްދަ ލިބިގެން ކަމުގައި އެ މާއްދާގެ (ރ) ބަޔާންކޮށްފައިވެއެވެ.
- ޕާޓީގެ އޮޑިޓް ރިޕޯރޓްގައި ހިމަނާފައިވާ މައުލޫމާތަށް ބަލާއިރު ޕާޓީގެ މުދަލެއް މިވަގުތު ނެތްކަން އޮޑިޓް ސެކްޝަނުން ފާހަގަކޮށްފައިވެއެވެ. އަދި ޕާޓީން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ޢަދަދުގެ ގޮތުގައި 72089ރ (ހަތްދިހަ ދެހާސް އައްޑިހަ ނުވައެއް) ރުފިޔާ ހިމަނާފައިވާކަމަށް މި ކޮމިޝަނުގެ އޮޑިޓް ސެކްޝަނުން މަޢުލޫމާތު ދީފައިވެއެވެ.
- މީގެ އިތުރުން ޕާޓީ އޮޑިޓްކޮށް ނިމުނުއިރު ޕާޓީގެ ބޭންކް އެކައުންޓްގައިވާ ފައިސާގެ ޢަދަދަކީ 72089ރ (ހަތްދިހަ ދެހާސް އައްޑިހަ ނުވައެއް) ރުފިޔާ ކަމަށް އޮޑިޓް ސެކްޝަނުން މަޢުލޫމާތު ދީފައިވެއެވެ.
- 2025 ޖަނަވަރީ 16 ވަނަ ދުވަހު ޕާޓީގެ ފަރާތުން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ޕާޓީ އޮޑިޓްކުރި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ޕާޓީގައި އިތުރު ފައިސާއެއް ނުހުންނާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
- ސިޔާސީ ޕާޓީގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުވުމުން ނުވަތަ އުވާލުމުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުން އެ ޕާޓީގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
- ޤާނޫނުއަސާސީގެ ދަށުން ބާއްވާ އިންތިޚާބަކަށް ކުރިމަތިލާފައިވާ މީހަކު، އެ އިންތިޚާބަކަށް ކުރިމަތިލައި ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމުގައި ވަނިކޮށް، އޭނާ ނިސްބަތްވާ ޕާޓީ އުވިއްޖެނަމަ، ނުވަތަ އުވާލައިފިނަމަ، އޭނާގެ ޕާޓީގެ ހައިސިއްޔަތު 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެއްލުނުކަމުގައިވީނަމަވެސް، އޭނާ އެ އިންތިޚާބުވި މަޤާމުގެ މުއްދަތަށް އޭނާ އެ މަޤާމުގައި ދެމިހުންނާނެކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
- އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ޕާޓީ އޮޑިޓްކުރި ފަރާތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށް ކޮމިޝަނާ އެކަން ޙިއްޞާ ކުރުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ.
9. ހުސްވެފައިވާ މަޤާމުތަކާގުޅޭ
2025 ޖަނަވަރީ 28 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 5 ވަނަ ޖަދުވަލުގެ 4.2 ގެ ދަށުން ތިރީގައި ދަންނަވާފައިވާ މަޤާމުތަކަށް އިންޓަރނަލީ ހުރި ކެޕޭސިޓީ އިވެލުއޭޓް ކުރުމަށްފަހު، ޝަރުޠުހަމަވާ މުވައްޒަފުންގެ ޝަރުޠުތަކާއެކު ކޮމިޝަނަށް ހުށަހެޅުމަށާއި، އެގޮތުން އަންނަ ހަފްތާގައި ބާއްވާ ކޮމިޝަނުގެ ނުރަސްމީ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، އެކަމަށް ގޮތެއް ނިންމެވުމަށްޓަކައި ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- ޑެޕިއުޓީ ޑިރެކްޓަރ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން
- އެސިސްޓެންޓް ޑިރެކްޓަރ، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން
- އެސިސްޓެންޓް ޑިރެކްޓަރ، ފައިނޭންސް ސެކްޝަން
10. ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރުމާގުޅޭ.
1445 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފިނަމަ، މި ކޮމިޝަނުގެ މުވައްޒަފުންނަށްވެސް އެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް ޙައްޞާޞްކަމެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމަންޖެހިގެން އޮފީހަށް ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި އެކަމަކާ ގުޅުންހުރި މުވައްޒަފުން އޮފީހަށް ނިކުތުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
11. އޮފިސަރ، އާމިނަތު ޢަބްދުލްމުޙްސިން އަދި އޮފީސް އެސިސްޓެންޓް، އިބްރާހީމް އަޘްމަތުގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.
އޮފިސަރ، އާމިނަތު ޢަބްދުލްމުޙްސިން - ޕަބްލިކް ރިލޭޝަން ސެކްޝަން އަދި އޮފީސް އެސިސްޓެންޓް، އިބްރާހީމް އަޘްމަތު - އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން، މި ދެ މުވައްޒަފުން ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި ދެ މުވައްޒަފުން ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދެންނެވިފައިވާ ދެ މުވައްޒަފުން، ދާއިމީ ކުރުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މީގެއިތުރުން ޕްރޮބޭޝަން ރިޕޯޓުގައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް ސޮއި ކުރައްވާއިރު ކޮންބޭފުޅެއްކަން އެނގޭނެހެން އެ ބޭފުޅެއްގެ ނަން ޖެއްސެވުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
12. 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ވޯޓުކަރުދާހުގައި އިތުރު ނަމެއް ޖެހުމަށް ކެންޑިޑޭޓު ހުށަހެޅުމާގުޅޭ.
2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ތިރީގައި ދަންނަވާފައިއެވާ ކެންޑިޑޭޓުން، ފުރިހަމަ ނަމުގެ އިތުރުން ވޯޓުކަރުދާހުގައި އިތުރު ނަމެއްގެ ގޮތުގައި ޖަހައިދިނުމަށް އެދިފައިވާތީ، އެ ކެންޑިޑޭޓު އެދިފައިވާގޮތަށް އެ ނަންް ވޯޓުކަރުދާހުގައި ޖެހުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ދާއިރާ |
ނަން |
އިތުރުނަން |
އެޑްރެސް |
ކުރިމަތިލި ޙައިޘިއްޔަތު |
ހދ.މަކުނުދޫ ކައުންސިލް މެންބަރު |
އިބްރާހީމް މުޙައްމަދު |
ކަރާ އިއްބެ |
ކަރާދުނބުރިއާގެ، ކ.މާލެ |
އަމިއްލަގޮތުން |
ތ.ބުރުނި އ.ތ.މ ކޮމިޓީ މެންބަރު |
ފާޠިމަތު އިބްރާހީމް |
މާސިތާ |
ފީރޯޒްގެ، ތ.ބުރުނީ |
އަމިއްލަގޮތުން |
13. 2026 – 2031 ވަނަ އަހަރުގެ SAP އަދި ސިވިކް އެވެއަރނެސް މޮޑިއުލްތައް ތައްޔާރު ކުރުމުގެ ޕްރޮޕޯސަލްއާގުޅޭ.
2026 – 2031 ވަނަ އަހަރުގެ SAP އަދި ސިވިކް އެވެއަރނެސް މޮޑިއުލްތައް ތައްޔާރު ކުރުމުގެ ޕްރޮޕޯސަލްގައިވާ އައިޓަމްތަކަކީ ކޮމިޝަނުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާފައިވާ އައިޓަމްތަކަކަށްވާތީ، ޕްލޭނިންގ¡ ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތަށް 2026 – 2031 ވަނަ އަހަރުގެ SAP އަދި ސިވިކް އެވެއަރނެސް މޮޑިއުލްތައް ތައްޔާރު ކުރުމުގެ ޕްރޮޕޯސަލް އެންޑޯސް ކުރެއްވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
14. ދެކުނު އޭޝިއާ ސަރަޙައްދުގެ އިންތިޚާބާގުޅޭ ކޮމިޝަންތަކާއި އިދާރާތަކުގެ ޖަމްޢިއްޔާ (ފެމްބޯސާ) ގެ 13 ވަނަ އަހަރީ ބައްދަލުވުން މިހިނގާ 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:13-B3/38/2025/3 ސިޓީއާގުޅޭ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އިންތިޚާބާގުޅޭ ކޮމިޝަންތަކާއި އިދާރާތަކުގެ ޖަމްޢިއްޔާ (ފެމްބޯސާ) ގެ 13 ވަނަ އަހަރީ ބައްދަލުވުން މިހިނގާ 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:13-B3/38/2025/3 ސިޓީގައި ބަޔާން ކުރައްވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް އެ ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 1,944,181/- (އެއްމިލިއަން ނުވަސަތޭކަ ސާޅީސްހަތަރުހާސް އެއްސަތޭކަ އަށްޑިހަ އެއްރުފިޔާ) ޚަރަދުވާނެކަމަށް ލަފާކުރެވިފައިވީނަމަވެސް، އެ ޢަދަދަކީ 2025 ވަނަ އަހަރު މި ކޮޮމިޝަނަށް ކަނޑައެޅުނު ބަޖެޓު ސީލިންގ ގެ ތެރެއިން މިހާރު ހުރި އިދާރީ ކޮމިޓްމަންޓްތައް ކެނޑުމުން ޖާގަލިބޭނެ މިންވަރަށްވުރެ ބޮޑު ޢަދަދެއްކަމަށްވާތީ، ބަޖެޓުގައި އައު ޙަރަކާތެއް ނުވަތަ މަޝްރޫޢެއް ހިމެނުމަށް އޮންނަ ޕްރޮސެސްއަކީ ނިއު ޕޮލިސީ އިނީޝިއޭޓިވްސް ގޮތުގައި ހުށަހަޅައިގެން، އެ ޕްރޮޕޯސަލް ޕޮލިސީ ލެވެލްގައި ބަޖެޓުގައި ހިމެނުމަށް މި ކޮމިޝަނުން ހުށަހަޅާފައިނުވާކަމުގައި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ވިދާޅުވެފައިވާތީ، އެ ވުޒާރާގެ ވަޒީރާ ބައްދަލުކުރުމަށްފަހު ގޮތެއް ނިންމެވުމަށާއި، އަދި އެ ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 1,944,181/- (އެއްމިލިއަން ނުވަސަތޭކަ ސާޅީސްހަތަރުހާސް އެއްސަތޭކަ އަށްޑިހަ އެއްރުފިޔާ) ކޮމިޝަނުން ފާސްކުރައްވާފައިވާ ބަޖެޓް ރިވައިޒްކުރަންވަން ކޮމިޝަނުން ޖެހިވަޑައިގަންނަވާނަމަ، އިދާރީގޮތުން ބަޖެޓު ރިވައިޒްކޮށް ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
15. އިލެކްޝަންސް ކޮމިޝަން ހިންގާ ޢިމާރާތުގައި ތިބެވޭނެ މުއްދަތާގުޅޭގޮތުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ފޮނުއްވާފައިވާ ސިޓީއާގުޅޭ.
ދައުލަތުގެ އޮފީސްތައް ހިންގާނެ ޖާގަ ހޯދުމަށްހުރި ހުރަސްތަކާއި ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ކުރަމުންދާތީ، މިވަގުތު މި ކޮމިޝަންގެ މަސައްކަތް ކުރަމުންދާ ޕޯރޓްސް ކޮމްޕްލެކްސްގެ ޢިމާރާތުގައި އިތުރު 2 (ދޭއް) އަހަރު ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުއްޔަށް ދީފައިވާ ފަރާތާ މަޝްވަރާ ކުރުމަށް އަންގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އިން މި ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާތީ، ޢިމާރާތުގައި ތިބެވޭނެ މުއްދަތު 2 (ދޭއް) އަހަރަށް އިތުރުކޮށް ނުދެވޭނެކަމަށް މޯލްޑްވްސް ޕޯޓްސް ލިމިޓެޑްގެ ނަންބަރު:113-ADM/38/2025/2 ސިޓީން އަންގަވާފައިވާތީ، މިކަމާގުޅޭގޮތުން ޙައްލެއް ހޯދުމަށް މި ކޮމިޝަނުން މާލީ ވަޒީރަށް ސިޓީއަކުން ދަންނަވައި އަދި މާލީ ވަޒީރާއި ބައްދަލުކޮށް އެކަމަށް ޙައްލެއް ނުލިބިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއަކުން ދެންނެވުމަށް، ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.