ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު:196-PGB/38/2025/3 ސިޓީއާ ގުޅޭ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ޞައްޙަނޫން ފޯމުތަކެއް ހުށަހަޅާފައިވާކަމަށްބުނާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާތީ، އެފަދަ މައްސަލަތަކެއް ނުވަތަ މައްސަލައެއް މި ކޮމިޝަނުން ބަލަމުންދާކަން ނުވަތަ ނޫންކަން އެންގުމަށްއެދި އެ އޮފީހުގެ ނަންބަރު:196-PGB/38/2025/1 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، އެ މައްސަލަތައް ބަލަމުންދާކުގައި ދަންނަވައި އިސްވެ ދެންނެވުނު ސިޓީއަށް ޖަވާބު ދީފައިވުމުން، އެ މައްސަލައާ ގުޅިގެން ކޮމިޝަނުން އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެން އެ އޮފީހުން ފޮނުއްވި ނަންބަރު:196-PGB/38/2025/3 އަށް ސިޓީއާ ގުޅިގެން، 2025 ފެބުރުވަރީ 10 ވީ ހޯމަ ދުވަހު ކޮމިޝަނުން މަޝްވަރާކުރައްވާފައިވާ ގޮތުގެމަތީން، މިކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާގުޅުންހުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި މުޅި ނިޒާމު ޑިޖިޓަލައިޒްކޮށް، އ-ީ ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީގެ މެންބަރޝިޕްގެ ކަންކަން ކުރެވޭނެގޮތަށް ނިޒާމު ބަދަލުކުރުމަށް މި ކޮމިޝަނުން ނިންމާފައިވާ ކަމާއި، ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 10 އިޞްލާހު ގެނައުމަށް މިހާރު ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިފައިވާ ކަމާއި، އަދި އިސްވެ ދެންނެވުނު ކަންކަން ތަންފީޛުކުރުމުގެ ކުރިން މި ކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލެވިފައިވާކަމާއި، އެގޮތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން މި ކޮމިޝަނުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، ޝަކުވާ ހުށަހެޅުއްވި ފަރާތުގެ އެދިވަޑައިގަތުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމާއި، މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާ މައްސަލަތައް ތަޙްޤީޤުކޮށް ނިންމައި މި ކޮމިޝަނާ ޙިއްޞާކުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކެއްވާނަމަ، ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާ ކަމުގައި ދަންނަވައި، ކޮމިޝަނުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ ސިޓީ އެންޑޯޒްކުރެއްވުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ގަވާއިދު ނަންބަރު 110-2019/R (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ރައީސް އޮފީހުން ކޮށްފައިވާ ކޮމެންޓުތަކާ ގުޅޭ.
ސިޔާސީ ޕާޓީގެ ގަވައިދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ ކޮމެންޓްތަކާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ކަންކަން ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޒްކުރައްވާފައެވެ. މީގެއިތުރުން ސިޔާސީ ޕާޓީގެ ގަވައިދުގެ އިޞްލާޙު ކުރި ބައިތަކާއި މާނަކުރުމުގެ ބައިތައް ހިމަނައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުމުން ފޮނުއްވުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަކުރައްވާފައިވާ ކަންކަން:
· ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ ގިނަ ކޮމެންޓްތަކަކީ ކުރީގައި ގެޒެޓު ކުރެވިފައިވާ ގަވާއިދުގައިވާ މާއްދާތަކަށް ކުރައްވާފައިވާ ކޮމެންޓްތައްކަން.
· "އީ-ފާސް" މި ބަސް ޤާނޫނުގައި މާނަކޮށްފައި ނެތުމުން، ގަވާއިދުގައި އަލަށް މިފަދަ ލަފުޒެއް ބޭނުންކުރާއިރު، ގަވާއިދުގެ ތެރއިން އެ ބަހުގެ މާނަ ދޭހަވާނެ ގޮތަށް ބޭނުންކުރުން މުހިންމުކަމުގައި ދެކޭކަމަށް ބަޔާންކުރުން.
· "ސިމެދަ" ޕޯޓަލް މާނަބަޔާންކުރުން.
3. 2025 ޖަނަވަރީ މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.
2025 ޖަނަވަރީ މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.
4. 2025 ފެބުރުވަރީ 8 ވީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންތަކާ ގުޅިގެން، ވޯޓުލީ ދުވަހު އިންތިޚާބުގެ މަސައްކަތްކުރުމަށް އޮފީހަށް ޙާޟިރުވެފައިވާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސާ ގުޅޭ.
2025 ފެބުރުވަރީ 8 ވީ ހޮނިހިރު ދުވަހު، ބޭއްވި ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންތަކާ ގުޅިގެން، ވޯޓުލީ ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށް "ބައި-އިލެކްޝަނުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އޮފިޝަލް އެލަވަންސް ދިނުމުގެ ޢުޞޫލު" އާ އެއްގޮތަށް މަސައްކަތްކޮށްފައިވާ ތިރީގައި މި ދަންނަވާ 24 މުވައްޒަފުންނަށް އެލަވަންސް ދިނުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
| އެލަވަންސް | ނަން | މަޤާމް | # | 
| 1,000.00 | އާމިނަތު އަޒީފާ | ޑިރެކްޓަރ | 1 | 
| 1,000.00 | އަޙްމަދު މުޢާޒް | ޑެޕިއުޓީ ޑިރެކްޓަރ | 2 | 
| 1,000.00 | ސީނާ ރަޝީދު | ޑެޕިއުޓީ ޑިރެކްޓަރ | 3 | 
| 1,000.00 | ފާޠިމަތު ސައުޝަން މޫސާ | އެސިސްޓެންޓް ޑިރެކްޓަރ | 4 | 
| 1,000.00 | ވިޝާހް ސަޢީދު | އެސިސްޓެންޓް ޑިރެކްޓަރ | 5 | 
| 1,000.00 | ޒިނާޔާ ޒަކަރިއްޔާ | ސީނިއަރ ލީގަލް އޮފިސަރ | 6 | 
| 1,000.00 | ޔަޢީޝް ޢަމްޖަދު | ސީނިއަރ އޮފިސަރ | 7 | 
| 1,000.00 | ރަމްޒިއްޔާ އަޙްމަދު | ސީނިއަރ އޮފިސަރ | 8 | 
| 1,000.00 | މަރްޔަމް ސުހައިލާ | ސީނިއަރ އޮފިސަރ | 9 | 
| 1,000.00 | ޒައުފަރާން ރަޝީދު | ސީނިއަރ އޮފިސަރ | 10 | 
| 1,000.00 | ޚަދީޖާ ނީލާ މުޙައްމަދު | ގްރެފިކް ޑިޒައިނަރ | 11 | 
| 1,000.00 | އަޙްމަދު ޢާޞިމް | ސީނިއަރ އޮފިސަރ | 12 | 
| 1,000.00 | މުޙައްމަދު ވިޝާހް ޙަނީފް | ސީނިއަރ އޮފިސަރ | 13 | 
| 1,000.00 | ނަދީމާ ޢަބްދުއްރަޙީމް | އޮފިސަރ | 14 | 
| 1,000.00 | ޢާއިޝަތު ޝިފްޒާ | އޮފިސަރ | 15 | 
| 1,000.00 | ފާޠިމަތު ޒީޝާން | އޮފިސަރ | 16 | 
| 1,000.00 | މުޙައްމަދު މާއިޒް | އޮފިސަރ | 17 | 
| 1,000.00 | އަޙްމަދު ރަޝީދު | އޮފިސަރ | 18 | 
| 1,000.00 | ފާޠިމަތު އަނާން މުޙައްމަދު | އޮފިސަރ | 19 | 
| 1,000.00 | މުޙައްމަދު ޢާއިޝް ޙުސައިން | އޮފިސަރ | 20 | 
| 1,000.00 | ނަޒާހާ މޫސާ | އޮފިސަރ | 21 | 
| 1,000.00 | ޢާއިޝަތު މަޢީޝާ ވަޙީދު | އޮފިސަރ | 22 | 
| 1,000.00 | އަޙްމަދު ޙުސައިން | އެސިސްޓެންޓް ސުޕަވައިޒަރ | 23 | 
| 1,000.00 | އަޙްމަދު މިއާޒް | ޑްރައިވަރ | 24 | 
5. ސީނިއަރ ލީގަލް އޮފިސަރ ސިނާޔާ ޒަކަރިއްޔާގެ އަހަރީ ޗުއްޓީއާ ގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމު ހުސްވެފައިވާތީ، އެ ސެކްޝަން ހިންގެވުން ވަގުތީގޮތުން ސީނިއަރ ލީގަލް އޮފިސަރ ސިނާޔާ ޒަކަރިއްޔާއާ ޙަވާލުކުރައްވާފައިވުމާ ގުޅިގެން، އެ ސެކްޝަނަށް ޑިރެކްޓަރަކު ލިބެންދެން ސީނިއަރ ލީގަލް އޮފިސަރ ސިނާޔާ ޒަކަރިއްޔާގެ އަހަރީ ޗުއްޓީ ވަގުތީގޮތުން މަޑުޖައްސާލުމަށް ސެކްރެޓަރީ ޖެނެރަލް އަންގަވާފައިވީނަމަވެސް، 2023 ފެބުރުވަރީ 2024 އަށް ސިނާޔާ ޒަކަރިއްޔާއަށް ޙައްޤުވާ އަހަރީ ޗުއްޓީގެ ތެރެއިން ނުނަންގަވާއޮތް 12 ދުވަސް، 2025 ފެބުރުވަރީ 23 ގައި ކެންސަލްވާނެތީ، ސީނިއަރ ލީގަލް އޮފިސަރ ސިނާޔާ ޒަކަރިއްޔާގެ ދެންނެވުނު ކެންސަލްވާ އަހަރީ ޗުއްޓީގެ ބާކީއޮތް 12 ދުވަސްތައް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނަށް ޑިރެކްޓަރަކު ލިބުމުން ފަހުގެ ތާރީޚެއްގައި އެ ޗުއްޓީ ނެގޭނެހެން މިއަހަރަށް އެ ދުވަސްތައް ކެރީފޯރވާރޑް ކުރެއްވުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ސީނިއަރ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.
ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ އަޙްމަދު ރަޝީދު، ހުދުވިލާ، ހއ.ބާރަށް، A121675، ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި މި މުވައްޒަފަކީ މި ކޮމިޝަނުގެ ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގައި މިހާރުވެސް ވަޒީފާ އަދާކުރައްވަމުން ގެންދަވާ މުވައްޒަފަކަށްވާތީ، އަޙްމަދު ރަޝީދު މިހާރު ހުންނެވި ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރގެ މަޤާމު ހުސްވުމުން އެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނު ކުރެއްވުމަށްވެސް ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. ސްޓްރެޓިޖިކް ޕެލޭން 2025-2021ގެ ރިވިއު ރިޕޯޓު ފާސްކުރުމާ ގުޅޭ.
ސްޓްރެޓީޖިކް ޕްލޭން 2021 – 2025 ގެ ރިވިއު ރިޕޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން ބަދަލުތައް ގެނެސް އެ ބަދަލާއެކު ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، ހުށަހަޅުއްވާފައިވާ ގޮތަށް ސްޓްރެޓީޖިކް ޕްލޭން 2021 – 2025 ގެ ރިވިއު ރިޕޯޓު އެންޑޯސް ކުރެއްވުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
8. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ބާއްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026، ބޭއްވުމަށްޓަކައި ކޮމިޝަންގެ އެކިމަސައްކަތްތައް ތަރުތީބު ކުރުމަށްފަހު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅުއްވާފައިވާ ކަލަންޑަރު އަދިއިހަށް ކޮމިޝަނުން ފާސްކުރެއްވުން އިތުރު 1 (އެކެއް) ހަފްތާއަށް މަޑުކުރެއްވުމަށާއި، އެހެންނަމަވެސް، އިދާރީ މަސައްކަތްތައް ފެށުމަށްޓަކައި، ކަލަންޑަރުގައި ބަޔާންކޮށްފައިވާ ތާރީޚްތަކަކީ ޓެންޓޭޓިވް ތާރީޚްތަކެއްގެ ގޮތުގައި ބައްލަވައިގެން ކޮމިއުނިކޭޓް ކުރައްވަންޖެހޭ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރެއްވުމަށާއި، އަދި ފައިނަލް ތާރީޚެއް ކަނޑައެޅުއްވުމަށްޓަކައި، އަންނަ ހަފްތާގައި ކަލަންޑަރު އަލުން ކޮމިޝަނަށް ހުށަހެޅުއްވުމަށްވެސް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
9. ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއޭބިލިޓީ އިންކްލޫޝަން 2025 – 2029 (NAPDI) ޕްލޭނާ ގުޅޭ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން އިސްނަންގަވައިގެން އެކުލަވާލައްވާފައިވާ "ނެޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއޭބިލިޓީ އިންކްލޫޝަން 2025 – 2029" (NAPDI) ޕްލޭނާ ގުޅޭގޮތުން ކޮމިޝަނުން ފާހަގަކުރައްވާފައިވާ ކަންކަން އެންޑޯޒްކުރެއްވައި، ކޮމިޝަނުގެ ފަރާތުން މި ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި، ޕޮލިސީ ލެވެލްގެ ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސްކަމަށާއި، އެކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ލިޔުމުން އެންގެވުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
10. ބައި-އިލެކްޝަންގެ ކަންކަމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބައްދަލުކުރެއްވުމާގުޅޭ.
2025 ފެބުރުވަރީ 8 ގައި ބޭއްވި ބައި-އިލެކްޝަންތަކުގައި ހިނގާދިޔަ މައްސަލަތައް ތަޙްޤީޤުކޮށް ބައްލަވައި ދެއްވައި ދަޢުވާ ކުރެއްވުމަށް ފޮނުއްވަންޖެހޭ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުއްވައި ދެއްވުމަށް ދަންނަވައި ދިވެހި ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވުމަށާއި އެ ސިޓީއާއެކު ވޯޓުފޮށިތަކުގެ ވެރިންގެ ގޮތުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ މަޢުލޫމާތުގެ އިތުރުން ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމެނުމަށް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެގޮތުން، ވޯޓުލާ މަރުކަޒުގެ އެތެރޭގައި ހިނގާ ކަންކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދައުރާމެދު މަޝްވަރާކުރުމާއި، އިންތިޚާބެއްގައި އެ މުއައްސަސާއިން އިންޓަރވީން ކުރާނީ ކިހާހިސާބަކުންތޯ ކަނޑައެޅުމާގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބައްދަލުކުރެއްވުމަށްއެދި ސިޓީއެއް ފޮނުއްވުމަށްވެސް، ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.











