ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް ކޮމިޝަނުގެ އެތެރެއިން ޝަރުޠުހަމަވާ މުވައްޒަފުން ބެލުމަށް ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް ކޮމިޝަނުގެ އެތެރެއިން ޝަރުޠުހަމަވާ މުވައްޒަފުން ބެލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ތައްޔާރު ކުރައްވާފައިވާ އެސެސްމަންޓް ރިޕޯޓަށް ކޮމިޝަނުން މަޝްވަރާކުރެއްވުމަށްފަހު، މިހާރު ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ތަރުތީބުކުރައްވާއިރު ބަދަލުތަކެއް ގެންނަވަންޖެހޭތޯ ސެކްރެޓަރީ ޖެނެރަލް ބެއްލެވުމަށްފަހު، ބަދަލުތަކެއް ގެންނަވަންޖެހޭކަމަށްވާނަމަ އެކަމާގުޅޭގޮތުން އަލުން ކޮމިޝަނަށް ކަރުދާހެއް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ އިންޝުއަރެންސް ޚިދުމަތްތަކާގުޅޭ.

ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސް ޚިދުމަތް، އަހަރުގެ ޖަނަވަރީ މަހުން ޑިސެންބަރު މަހުގެ ނިޔަލަށް އޮތުމުން، އިންޝުއަރެންސް ޚިދުމަތް ޖެހިގެން އަންނަ އަހަރަށް ރިނިއުކުރުމުގައި ބަޖެޓުގެ ދަތިތައް ހުރުމާއެކު އިންޝުއަރެންސްގެ ޚިދުމަތް މެދުކެނޑިގެންދާތީ، އެކަމަށް ޙައްލެއް ގެނައުމަށްޓަަކައި މިހިނގާ 2025 ވަނަ އަހަރު ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސް ޚިދުމަތް، އިތުރު ދެ މަހަށް ނެންގެވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިގޮތުން 2026 ޖަނަވަރީ އަދި ފެބުރުވަރީ މަހަށް ފައިސާ ދެއްކެވުމަށްފަހު، 2026 ވަނަ އަހަރާއި ޖެހިގެން ދެން އަންނަ އަހަރުތަކުގައި، ކޮންމެ އަހަރެއްގެ މާރިޗު މަހުން ފެށިގެން 12 މަސް ދުވަހަށް ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ ބެލެނެވެރިކަމުގެ ދަށުގައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސް ޚިދުމަތް ލިބިވަޑައިގަންނަވާނެހެން ސައިކަލް ބަދަލުކުރެއްވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. ފިލިޕީންސްގައި 2025 އެޕްރީލް 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ފޯ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 13 ވަނަ އެގްޒެކެޓިވް ބައްދަލުވުމާގުޅޭ.

ފިލިޕީންސްގައި 2025 އެޕްރީލް 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 13 ވަނަ އެގްޒެކެޓިވް ބައްދަލުވުމުގައި، ބައިވެރިވެ ވަޑައިގެންނެވުމަށް އެދިވަޑައިގެން، އޭވެބްެ ސެކްރެޓޭރިއެޓުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. ފިލިޕީންސްގެ މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލީހުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމާއި އަދި އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސްގެ އެގްޒެކެޓިވެ ބޯޑް މީޓީންގ ގައި ބައިވެރިވުމަށް އެދި، ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސްއިން ފޮނުއްވާފައިވާ ދަޢުވަތާގުޅޭ.

ފިލިޕީންސްގައި 2025 މޭ 8 އިން 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މިޑްޓާމް ނޭޝަނަލް އަދި ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލީހުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އަދި  އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވެ ބޯޑް މީޓީންގ ގައި ބައިވެރިވެވަޑައިގެންނެވުމަށް ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސްގެ ފަރާތުން މިކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް މި ދެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  5. ސްރީލަންކާގައި، 2025 މޭ 05 އިން 09 އަށް ބޭއްވުމަށް ހަމަޖެހިފައިވާ“The Commonwealth Election Professionals (CEP) Initiative’s Asia Region Training Event” ވަރކްޝޮޕާގުޅޭ.

ސްރީލަންކާގައި، 2025 މޭ 05 އިން 09 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “The Commonwealth Election Professionals (CEP) Initiative’s Asia Region Training Event”  ވަރކްޝޮޕްގައި، ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް، އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް އަދި އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު އަނީލް ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ އުފެއްދުމަށް ދެވިފައިވާ ހުއްދަ ބާޠިލު ކުރުން.

ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ވާ ގޮތުގެމަތިން "މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މެންބަރުން ހަމަކުރެވިފައިނުވާތީ، މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ އުފެއްދުމަށް ގ.ކުރެބްޓްރީ / ކ.މާލެ، ޢަލީ އަޙްމަދު (އައިޑީ ކާޑު ނަންބަރު(A033020)  އަށް ދީފައިވާ ހުއްދަ ބާޠިލުކުރުމަށް މަޝްވަރާކުރެވުނު ގޮތަށް އެފަރާތުގެ ހުއްދަ ބާތިލްކޮށް ސިޓީ ފޮނުވުމަށް ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2025 ފެބުރުވަރީ 13 ވަނަ ދުވަހު ޢަލީ އަޙުމަދު މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، "މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިން ހާސް) މެންބަރުން ހަމަކުރުމަށް 2024 ނޮވެންބަރު 14 ގައި ދެވުނު 03 (ތިނެއް) މަސްދުވަހުގެ މުއްދަތު 2025 ފެބުރުވަރީ 14 އަށް ހަމަވިއިރު، ޕާޓީ އުފެއްދުމަށް ބޭނުންވާ 3,000 (ތިން ހާސް) މެންބަރުންގެ ސޮއި ޢަލީ އަޙުމަދު ގެފަރާތުން މި ކޮމިޝަނަށް ހުށަހަޅުއްވާފައިނުވާތީ، ޢަލީ އަޙްމަދު އެދިވަޑައިގެންފައިވާ ފަދައިން ޕާޓީ އުފެއްދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވެން ނެތްކަމުގައި ދެންނެވުމަށާއި، އެހެންނަމަވެސް އަލުން ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާނަމަ، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތީން މި ކޮމިޝަނަށް ހުށަހަޅުއްވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަން އެންގުމަށްވެސް ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނަންބަރު:10-H/38/2025/1 ސިޓީއާގުޅޭ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނަންބަރު:10-H/38/2025/1 ސިޓީ އިން ހޯއްދެވުމަށް އެދިވަޑައިގަންނަވާފައިވާ މަޢުލޫމާތު އެ ވުޒާރާއަށް ޙިއްޞާ ކުރެއްވުމަށާއި، އަދި އެ ސިޓީގައި އެ ވުޒާރާއިން މި މަޢުލޫމާތު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކީއްވެގެންކަން މިކޮމިޝަނަށް ލިޔުމުން އެންގެވުމަށް ދެންނެވުމަށް، ކޮމިޝަނުން 2025 ފެބުރުވަރީ 12 ގައި މަޝްވަރާކުރައްވާފައިވާ ގޮތަށް އެކަން އެންޑޯޒްކުރެއްވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   8. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ބޭއްވުމަށްޓަކައި ކޮމިޝަނުގެ އެކިމަސައްކަތްތައް ތަރުތީބު ކުރެއްވުމަށްފަހު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅުއްވާފައިވާ އިންތިޚާބުގެ ކަލަންޑަރު ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރައްވައި، އަދި އެގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު، 2026 މާރިޗު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   9. ކޮމިޝަނުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ބޭފުޅަކު ކަނޑައެޅުއްވުން.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ ފަރާތުން މީޑިއާ އަށް މަޢުލޫމާތު ދެވޭނީ އެއިރަކު ކޮމިޝަން ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ފަރާތަކުން ނުވަތަ ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތިންކަމުގައި ބަޔާންކޮށްފައިވާތީ، ކޮމިޝަނުގެ ފަރާތުން މީޑިއާ އަށް މަޢުލޫމާތު ދެއްވާނެ ބޭފުޅަކު ކަނޑައެޅުއްވުމާ ގުޅޭގޮތުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާ ކުރެއްވުމަށްޓަކައި އެޖެންޑާ ކުރެއްވުމަށް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   10. ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާ ކަންކަން ކޮމިޝަނުގެ ރަސްމީ ޖަލްސާއެއްގައި އެންޑޯސް ކުރެއްވުމުގެ ކުރިން ޢަމަލު ނުކުރެއްވުން.

ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާ ކަންކަން ކޮމިޝަނުގެ ރަސްމީ ޖަލްސާއެއްގައި އެންޑޯސް ކުރެއްވުމުގެ ކުރިން، ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާ ކަންކަމަށް ޢަމަލު ކުރެއްވުމަކީ ޤާނޫނީގޮތުން ރަނގަޅު ކަމަކަށްނުވާތީ، ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާ ކަންކަމަށް ޢަމަލު ނުކުރެއްވުމަށާއި، އެކަންކަމަށް ޢަމަލު ކުރައްވާނީ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް އެކަންކަން ހުށަހަޅުއްވައި އެންޑޯސް ކުރެއްވުމުން ކަމުގައި، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނަމަވެސް ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ މުހިއްމުކަމެއް، ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުން އެންޑޯސް ކުރެއްވުމަށް ފަސްކޮށްފިނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ ޖަލްސާއެއް ބޭއްވުން ލަސްވާ ޙާލަތެއްގައި، އެކަމަކުން ގެއްލުމެއް ލިބިދާނެފަދަ ކަމެއްނަމަ އެކަމަކާމެދު ޢަމަލުކުރަންވީގޮތެއް، އެފަދަ ޙާލަތްތަކުގައި ކޮމިޝަނުން އަންގަވާނޭކަމަށްވެސް، ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
862

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • ފާޠިމަތު ޝަބާ ބާޤިރު
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ