ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކާގުޅޭ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ސިޔާސީ ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީ އާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށްވީހިނދު، ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ފަރާތުން މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާތީއާއި، އެ ޕާޓީ އެކިފަހަރުމަތިން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް އެކިޢަމަލުތައް ކުރަމުންދާތީއާއި، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކަށް ޖަވާބުދީފައިނުވުމުގެ އިތުރުން މި ކޮމިޝަނުން އެ ޕާޓީއާއި ބައްދަލުކުރުމަށް އެދުމުން އެކަމަށްވެސް އިންކާރު ކޮށްފައިވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާއަށް ތަކުރާރުކޮށް ޚިލާފުވެފައިވާތީ، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން، މިޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާފަރާތެއް 30,000/-ރ. އާއި 75,000/-ރ. އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމާއެކު، އެ ޢަމަލު ހިންގި ފަރާތް ނިސްބަތްވާ ޕާޓީ 100,000/-ރ. (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް، ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ޕާޓީ އާއި ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ޙަރަކާތްތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ނުހިންގުމަށާއި، ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފު ޢަމަލު ހިންގާނަމަ، އެ ޢަމަލެއް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން އަންގައި އެ ޕާޓީއަށް ސިޓީ ފޮނުވުމަށްވެސް ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ހަމައެއާއެކު ޣައިރު ޤާނޫނީގޮތުން އެއްވާ އެއްވުންތަކުގެ މަޢުލޫމާތު ޤާނޫނުގައިވާގޮތަށް ފުރިހަމަ ކުރުމަށްފަހު އެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ދިވެހި ފުލުހުންނަށް އެންގުމަށްވެސް ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މިހާރުން މިހާރަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ކަރުދާހެއް އެކުލަވާލުމާގުޅޭ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތްތަކެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން ގެންދަވާތީ، އެ އިޞްލާޙުތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ކޮމިޝަނުގައި އިސްކޮށް ތިއްބެވި ޑިރެކްޓަރުންނާއެކު މަޝްވަރާ ކުރައްވައި، އިލެކްޝަންސް ކޮމިޝަނަށް މިހާރުން މިހާރަށް ހުރި އިދާރީ ގޮންޖެހުންތަކާއި ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ޑްރާފްޓެއް އެކުލަވާލައި 2026 މޭ 14 ވާ ބުރާސްފަތި ދުވަހު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.









